ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 09:36
އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު
އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު
ދި ގާޑިއަން
އޮސްޓްރޭލިއާ އަލިފާންގަނޑު
އޮސްޓްރޭލިއާ އަލިފާންގަނޑު: ނުރައްކާތެރި ދަރަޖައަކަށް ހޫނުމިން މަތިވެ ބިރުވެރިކަން ދެގުނައަށް!
 
1300 އަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެފައިވޭ
 
ފިނިހޫނުމިން 40 ޑިގްރީއަށް މަތިވެ ވައިގެ ބާރުމިންވެސް ގަދަވާނެ
 
އަލިފާނުގެ ސަބަބުން މިހާތަނަށް 21 މީހަކު މަރުވެފައިވޭ

އޮސްޓްރޭލިއާގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި އަލިފާންގަނޑުތައް ފެތުރެމުންދާއިރު، އެ ޤައުމުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވެ މި އަލިފާން އިތުރަށް ފެތުރުމުގެ ބިރުވެރިކަން ބޮޑުވެއްޖެއެވެ.

އޮސްޓްރޭލިޔާގެ ޖަންގަލިތަކުގަޔާއި، އެގައުމުގެ އެކި ސަރަހައްދުތަކުގައި ފާއިތުވި ދުވަސްތަކު ރޯވަމުން ދިޔަ މި އަލިފާންގަނޑު ހުއްޓުމެއްނެތި ފެތުރެމުންދާއިރު، އަލިފާނުގެ ސަބަބުން މިހާތަނަށް 21 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވެއެވެ.

ބީބީސީގައި ރިޕޯރޓް ކޮށްފައިވާގޮތުން ހޮނިހިރު ދުވަހު އެ ޤައުމުގެ އިރުމަތީ ދެކުނުގެ ސަރަޙައްދުތަކުގެ ފިނިހޫނުމިން 40 ޑިގްރީއަށް މަތިވެ ވައިގެ ބާރުމިންވެސް ގަދަވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާއިރު، މިއީ އަލިފާނުގެ ނުރައްކާ އެތައް ގުނައަކަށް ބޮޑުވެގެންދާނެ ދުވަހެއް ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވަނީ އިންޒާރުދީފައެވެ.

އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު

އެގޮތުން ހަމައެކަނި ހޮނިހިރު ދުވަހުވެސް އޮސްޓްރޭލިއާގެ އިރުމަތީ ދެކުނުގެ ސްޓޭޓެއްކަމަށްވާ ވިކްޓޯރިއާގެ އެކި ސަރަހައްދުތަކުގައި އުފެދުނު އަލިފާންގަނޑުތައް ބޮޑު ހުޅުގަނޑަކަށް ބަދަލުވެ 6000 ހެކްޓަރުގެ ސަރަޙައްދަކަށް ވަނީ ފެތުރިފައެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި އުޅޭ އެއްލައްކައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާންޖެހިފައެވެ.

އޭގެ އިތުރުންވެސް އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި އަލިފާނުގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، ނިއު ސައުތް ވޭލްސްއިންވެސް ވަނީ ހަފްތާއެއްގެ މުއްދަތަށް ދިގުދެމިގެންދާގޮތަށް ކުއްލި ޙާލަތު އިއުލާނުކޮށްފައެވެ. އަދި ބާރު ސްޕީޑެއްގައި އަލިފާންގަނޑު ފެތުރެމުންދާތީ ބައެއް ސަރަޙައްދުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުން "މާ ލަސްވެ" އެ ސަރަޙައްދުތަކުގައި ތިބެގެން ހިމާޔަތް ހޯދުމަށްވެސް ބައެއް ފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ. އެގޮތުން ނިއު ސައުތް ވޭލްސްގައި 3000 އަށްވުރެ ގިނަ އަލިފާން ނިއްވާ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ސަރަޙައްދުތަކުގައި ރޯވާންފެށި އަލިފާން ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާއިރު، އަލިފާނުގެ ސަބަބުން 1300 އަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެ 5 މިލިއަން އޭކަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ޖަންގަލިތައް ވަނީ ރޯވެފައެވެ. އަދި އޭގެ ސަބަބުން ފަސް މިލިއަނަށްވުރެ ގިނަ ޖަނަވާރު މަރުވެފައިވާއިރު، ގަދަ ވަޔާއި ހޫނުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރިކަން މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާގޮތުން މި އަލިފާންގަނޑާއި މޫސުމަށް އަންނަ ބަދަލުތަކާއި ހުރި ގުޅުމާއި ބެހޭގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާއި ސުވާލު ކުރުމުން އޭނާ ވަނީ އެ މައުޟޫ އޮއްބާލާފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

އޮސްޓްރޭލިޔާގެ އެކި އަވަށްތަކާއި، ޖަންގަލިތަކުގައި ހިންގަމުންދާ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ދުވެލީގައި، ނުހުއްޓި ކުރިއަށްދާނަމަ އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި ޖަންގަލީތަކުގައި ހުރި ގިނަ ގަސްތަކާއި، ޖަނަވާރާއި ސޫފާސޫފި ނެތިދިއުމަކީ މުޅި ދުނިޔެއަށް ލިބޭ ގެއްލުމަކަށްވާއިރު، ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރުން މިހާރުވެސް ލަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް