ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 19:24
ކްލީން މޯލްޑިވްސް އިން \" ގޯ ގްރީން\" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ކްލީން މޯލްޑިވްސް އިން " ގޯ ގްރީން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
ކްލީން މޯލްޑިވްސް
ތިމާވެއްޓާމެދު އިހުމާލުވެއްޖެ ނަމަ، އަންނަނިވި ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވާނެ: ރައީސް
 
500 ރުކާއި 500 މަގޫގަސް އެޗްޑީސީގެ ނާރސަރީއަށްވެސް ހަދިޔާ ކޮށްފައިވޭ
 
ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް
 
500 ރުކާއި 500 މަގޫގަސް ވަނީ އިންދާފައި

ތިމާވެއްޓަށް ކުރަމުންދާ ނުރަނގަޅު އަސަރުތަކާއިމެދު އަޅާނުލާ ތިބެއްޖެނަމަ ކުރިއަށް އޮތް ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް 2 ގައި 1000 ގަސް އިންދުމަށް ކްލީން މޯލްޑިވްސް އިން "ގޯ ގްރީން" ގެ ނަމުގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހަރަކާތް ރައީސް ސޯލިހު އިފްތިތާހު ކުރައްވާފައިވާއިރު، މި ހަރަކާތުގައި ކްލީން މޯލްޑިވްސް ގެ ފަރާތުން ވަނީ 500 ރުކާއި 500 މަގޫގަސް އިންދާފައެވެ. އެގޮތުން ގަސް އިންދުމުގެ ހަރަކާތުގައި ރައީސްގެ އިތުރުން އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދް ހަސަންއާއި، އެޗްޑީސީ އަދި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

ގޯ ގްރީން ހަރަކާތް ރައީސް އިފްތިތާހު ކޮށްދެއްވަނީ

މި ހަރަކާތަށްފަހު "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކުގައި ކްލީން މޯލްޑިވްސް އަކީ ފާހަގަކުރެވޭ ޖަމިއްޔާއެއް ކަމަށާއި، ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއިމެދު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދަނޑިވަޅެއްގައި މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން އުފާކުރައްވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އެކަންކަމާއިމެދު އަޅާނުލާ ތިބެއްޖެނަމަ ކުރިއަށް ހުރި ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމުގައި ދަތިތަކާ ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިއްމު މަސައްކަތެއް ފެއްޓިގެން މި ދިޔައީ، ކްލީން މޯލްޑިވްސް އަކީ މިއަހަރު އަލަށް ރަޖިސްޓްރީ ކުރެވިގެން އެ މަސައްކަތް ކުރަންފެށި ޖަމިއްޔާއެއް، އެހެން ނަމަވެސް ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މި ދަނީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި މިކުރާ މަސައްކަތުގައި، ވަރަށް މުހިއްމު މަސައްކަތްތަކެއް އެ ޖަމިއްޔާގެ ފަރާތުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރަމުން އެބަގެންދޭ، އެގޮތުން މިއަދު ހުޅުމާލޭ ފޭސް 2 ގައި 1000 ގަސް އެއްފަހަރާ އިންދުމުގެ މަސައްކަތް ފެށިގެން މި ދިޔައީ، އަޅުގަނޑު އުއްމީދު ކުރަނީ މިފަދަ ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކުން ކުރައްވާނެ ކަމަށް، އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންމިދާ ނުރަނގަޅު އަސަރު، އަޅުގަނޑުމެން އަޅާނުލާ ތިބެއްޖެނަމަ ކުރިއަށް ހުރި ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމުގައި ދަތިތަކާ ހުރަސްތަކެއް ކުރިމަތިވެގެންދާނެ، އެހެންވީމާ މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ވަގުތެއްގައި މިފަދަ ކަމެއް ފެށިގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު
ރައީސް ސޯލިހުއާއި އެންވަޔަރމަންޓް މިނިސްޓަރ

މި ހަރަކާތަށްފަހު ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މިފަދަ ހަރަކާތްތައް ހިންގަމުންދާތީ ކްލީން މޯލްޑިވްސްއަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ރާއްޖޭގެ ވެށި ފެހި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އާބާދީ އިތުރުވެ އަލަށް ހިއްކަމުންދާ ރަށްރަށުގައިވެސް ގަސް އިންދައި ފެހި ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީ އިތުރު ވަމުންދާއިރުގައި ރާއްޖޭގެ ރަށްރަށް ހަމައެކަނި ކޮންކްރީޓް ޖަންގައްޔަކަށް ވުމަކީ އެއްގޮތަކަށްވެސް ޖަޒީރާ ޤައުމެއްގެ ސިފައެއް ނޫން، އެ ސިފަ ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާއިރު ކޮންމެހެންވެސް އެބަޖެހޭ ގަސް އިންދައި ޚާއްސަކޮށް ދިވެހި ރުއް އާލާކުރުމަށް މަސައްކަތް ކުރަން، އެހެންކަމުން މި ކުރާ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ތަރުޙީބުދީ އެކަން އެގޮތަށް ކުރައްވާތީ އެފަރާތަށް ޝުކުރު އަދާ ކުރައްވާ ކަމެއް،
އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

ކްލީން މޯލްޑިވްސް އިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 1000 ގަސް އިންދާފައިވާއިރު، މި ހަރަކާތުގެ ތެރެއިން އިތުރު 500 ރުކާއި 500 މަގޫގަސް ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ އެޗްޑީސީގެ ނާރސަރީއަށްވެސް ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން "ބެނެފިޓް" ޖަމިއްޔާއިންވެސް ވަނީ 11 ހިތިގަހާއި 6 އޯކިޑް ގަސް އެޗްޑީސީގެ ނާރސަރީއަށް ހަދިޔާކޮށްފައެވެ.

ހުޅުމާލެ ފެހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ހުރިހާ ރަށެއްވެސް ތަރައްޤީކުރާނީ ޖަޒީރާވަންތަ ސިފަ ނުގެއްލޭ ގޮތަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް