ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 14:58
އަހުމަދު ގައިސް
އަހުމަދު ގައިސް
އެމްޑީޕީ
މަގޭ ރިޕޯޓް
މިނިވަން މުއައްސަސާތަކަށް އެކްޓިވިސްޓުން އޯކޭވީތަ؟
 
މިނިވަން މުއައްސަސާތަކަށް ގާބިލު ފަރާތްތައް އައްޔަން ކުރަން އެންމެ ބޮޑަށް އަޑު އުފުލި އެއް ބަޔަކަށް އެމްޑީޕީ ވާނެ
 
ބްރޮޑްކާސްޓިންގ ކޮމިޝަނަށް އެންމެ ގިނައިން މަރކްސް ލިބުނު ފަރާތްތަކުގެ ތެރޭގައި އެމްޑިޕީގެ އެކްޓިވިސްޓުން ހިމެނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ސިފަވެފައި އޮތީ ހުރިހާ މުއައްސަސާތަކެއް މުށު ތެރޭގައި އޮތް ސަރުކާރެއްގެ ގޮތުގައެވެ. ތަޤައްޔަރު ނުވާ ހަމަ އެންމެ މުއައްސަސާއެއް ވެސް ނެތެވެ. ގާނޫނު އަސާސީގައި ބާރުތައް ވަކިވާންޖެހޭ ކަމަށް ބުނެފައި އޮތް ނަމަވެސް މުޅި ދައުލަތް އޮތީ ރައީސް ޔާމީންގެ މުށުތެރޭގައެވެ. ޝަރުއީ ދާއިރާ އިން ފެށިގެން ގޮސް މިނިވަން މުއައްސަސާތައް ވެސް އޮތީ އަޅުވެތިކަމެއްގެ ތެރޭގައެވެ. އެ ތަންތަނަށް ލާފައި ތިބީ އެމަނިކުފާނަށް ވަފާތެރި އަދި ޕާޓީގެ އެކްޓިވިސްޓުންނެވެ.

އެތައް ބައެއްގެ މަސައްކަތުން މި ސަރުކާރު ގެނައުމަށް އުފުލި އަޑުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތައް "މިނިވަންކުރަން" ގޮވައިލުން ހިމެނެއެވެ. އެ ތަންތަނުގައި ތިބި ޕާޓީ އެކްޓިވިސްޓުން ދުރުކޮށް ކަމަށް ގާބިލް ނަޒާހަތްތެރި، މިނިވަން މީހުން އައްޔަންކުރުން ހިމެނެއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އަހަރެއް ވެގެންދިޔަ އިރު އިސްލާހަށް މަސައްކަތްކުރި، ހާއްސަކޮށް ޑިމޮކްރަސީގެ ބަހާތަކަށް އަޑު އުފުލި އެމްޑީޕީން މީގެ ތެރެއިން ބައެއް ކަންކަން ހަނދާން ނެތެމުންދާކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި މިނިވަން މުއައްސަސާތައް "މިނިވަކުރުމަށް" ދެއްކި ވާހަކަތައް ހަނދާން ނެތެމުންދާކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އިސްލާހަށް ގޮވާލައި އައި ސަރުކާރަށް އަހަރެއް ވެގެންދިޔަ އިރު މިނިވަން މުއައްސަސާތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. ނަމަވެސް އޭގެ ތެރޭގައި ގިނައީ މުއްދަތު ހަމަވެގެން އަލަށް މީހުން އައްޔަންކުރުމުގެ ތެރެއިން ގެނައި ބަދަލުތަކެވެ. އެ މުއައްސަސާތަކުގެ ތެރޭގައި ތިބި ޕާޓީ "އެކްޓިވިސްޓުން،" ދުރުކޮށް ގެނައި ބަދަލުތައް މަދެވެ. އޭގެ ތެރެއިން އެއް ބަދަލަކީ މިދިޔަ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ބޭނުންކުރި އެއް ހަތިޔާރު ކަމަށްވާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ގެނައި ބަދަލުތަކެވެ. އާ މަޖިލީހުގެ މެޖޯރިޓީ ނެގުމަށް ފަހު އެމްޑީޕީން އެންމެ ފުރަތަމަ ފެށި އެއް މަސައްކަތަކީ ބްރޯޑްކޮމްގައި ތިބި ސިޔާސީ އެކްޓިވިސްޓުން ދުރުކުރުމެވެ. އެ މަސައްކަތުގެ ތެރެއިން ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ބޭރުކުރުމުގައި މަޖިލިސް ވަނީ ކާމިޔާބު ހޯދާފައެވެ. ޕީޕީއެމްގެ އެކްޓިވިސްޓުންގެ ޓެގް އެޅުވިފައި ތިބި ބައެއް މީހުން އަދިވެސް އެ ގޮތުގައި އެބަ ތިއްބެވެ.

ބްރޮޑްކޮމް އަށް ބަދަލުތައް ގެނައުމަށް މަޖިލީހުން މަސައްކަތްކުރަމުން އަންނަތާ މަސްތަކެއްވެ އަދި ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެ ކޮމިޝަން ވެއްޓިފައި އޮންނަތާ ވެސް އެތައް މަސްތަކެއް ވެއްޖެއެވެ. ބްރޮޑްކޮމް އިން ހުސްވެފައިވާ މަގާމަށް މެންބަރުން ހޮވުމަށް ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައިދިޔަ އިރު އެކަން ކުރަން އޮތް ކޮމިޓީ އަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ. މީގެ ކުރިން މުއައްސަސާތައް ގާނޫނީ ހުސްކަމުގެ ތެރެއަށް ދިއުމުން އަޑު އުފުލި އެތައް ބަޔަކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ތިބެމެ އެކަމާ މެދު މިއަދު ކަންބޮޑުނުވުމކީ ހިތާމަހުރި ކަމެކެވެ.

ބްރޮޑްކޮމް އަށް އާ މެންބަރުން ހޮވުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މަސައްކަތްކުރަމުނ އަންނަ އިރު ފާހަގަކޮށްލެވޭ އަނެއް ކަމަކީ މީގެ ކުރިން އެމްޑީޕީން ވަކާލާތުކުރި ގޮތާ ހިލާފަށް މަސައްކަތް ކުރާ ކަމެވެ. ޕީޕީއެމްގެ ޖަލްސާތަކުގައި ގޮނޑިޖަހަން އުޅުނު ބަޔަކު ބްރޮޑްކޮމް އަށް ލައިގެން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުން ދިޔަ ދިޔުމާ ދެކޮޅަށް އަޑު އުފުލި ފަރާތްތައް މިއަދު އަނެއްކާ ވެސް ހަމަ އެ މަސައްކަތް އެދަނީ ކުރަމުންނެވެ. މިނިވަން މުއައްސަސާތަކަށް ޕާޓީ އެކްޓިވިސްޓުން ހޮވުން ގޯސް ކަމަށް ބުނި މެންބަރުން މިއަދު އެކަން ކުރަން އެދަނީ ތާއިދުކުރަމުންވެ. އެ ގޮތުން އަތޮޅު ކައުންސިލްގެ މެންބަރު ކަމާއި ޕްރައިމަރީގައި ވާދަކުރި ފަރާތްތައް ބްރޮޑްކޮމް އަށް އައްޔަންކުރުމަށް ޝޯޓްލިސްޓްކޮށް އެ ލިސްޓްގެ ކުރީގައި ހިމެނުމަކީ ސަރުކާރު ގެނައުމަށް ދެއްކި ވާހަކަތަކާ މުޅިން ދިމާ އިދިކޮޅު އަމަލެކެވެ. އަދި ބްރޮޑްކޮމް އަށް ހޮވަން އެ ފަރާތްތައް ގާބިލް ކަމަށް ކަނޑައެޅުމަށް މިނިވަން މުއައްސަސާތަކުގެ މެންބަރުން ވޯޓު ދިނުމަކީ އެއަށް ވުރެ މާ ހުތުރު އަމަލެކެވެ. އޭގެ ތެރޭގައި ވެސް މީޑިއާގެ މިނިވަންކަމަށް އަޑު އުފުލި މެންބަރުން އެ ފަރާތްތަކަށް ޥޯޓު ދިނުން އެއީ ވަރަށް ބޮޑު ގޯހެކެވެ.

ބްރޯޑްކޮމް އަށް މެންބަރުން ހޮވުމަށް ގާބިލް ފަރާތްތައް ކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް ލިސްޓް ފޮނުވި އިރު ސިޔާސީ ފަރާތްތައް އެ ލިސްޓްގައި ހިމެނެއެވެ. ދެ މެންބަރަކު ހޮވުމަށް ލިސްޓް ފޮނުވި އިރު ދެ ވަނައިގައި އޮތީ އަތޮޅު ކައުންސިލްގެ މެންބަރުކަން ކުރައްވާފައިވާ ފަރާތެކެވެ. މިހާރު ވެސް ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއްގެ ކޮއްކޮއެވެ. އަދި ނިމިދިޔަ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ފަރާތެކެވެ. އަދި ޕާޓީއެއްގެ މެންބަރެއް ކަމާއި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ކަމަށް އެއްބަސްވި ފަރާތެކެވެ. އަދި ޕާޓީއެއްގެ މެންބަރަކަށް ވުމަކަށް ކޮމިޝަންގެ ގާނޫނު ހުރަސް ނާޅާ ކަމަށް އަހްމަދު ގައިސް ވަނީ ކޮމިޓީގައި ވަކާލާތު ކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ވެސް އަދި ދާދި ފަހަކާ ޖެހެންދެން ވެސް އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޕޯޑިއަމްތަކުން ވެސް ގައިސް ފެނެއެވެ. މަޖިލީހާ ހަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ލިސްޓްގެ ކުރިން ޖާގަ ދިނުމަކީ ޚުދު އެމަނިކުފާނު ވެސް ކަންކަން ނުބައްލަވާކަމުގެ ފުރިހަމަ ހެއްކެކެވެ.

ކޮމިޓީގެ އިންޓަވިއުގެ މަރުހަލާގައި އެހުރިހާ ކަމަކަށް އެއްބަސްވުމުން ވެސް ކޮމިޓީގެ މެންބަރުން ނިންމެވީ އެއީ "މިނިވަން" ފަރާތެއްގެ ގޮތުގައެވެ. މީޑިއާއެއްގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ބްރޮޑްކޮމް އަށް ގާބިލް މެންބަރެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ އަށް މެންބަރަކު ވޯޓު ދީގެން ފާސްކުރިއެވެ. ޕީޕީއެމްގެ ޖަލްސާތަކުގައި ގޮނޑިޖަހަން އުޅުނު "ބާންދީންތައް" މިނިވަން މުއައްސަސާތަކަށް އައްޔަންކުރުން މައްސަލައަކަށްވެގެން ލޮލަށް ނިދިފިޔައެއް ނުޖެހި ދެ ނޭވާ ދޭތެރޭގައި އެ ވާހަކަ މީޑިއާތަކުގައި ގޮވަމުން ދިޔަ މެންބަރުންނަށް ވެސް މިއަދު އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ. އެ ވާހަކަ ދައްކާނެ ބަޔަކު ވެސް މިއަދަކު ނެތެވެ. މިނިވަން މުއައްސަސާތައް މިނިވަންކުރަން ދެއްކި ވާހަކަތައް މިއަދު އެ މެންބަރުން ހަނދާނެއް ނެތެވެ. މަޖިލީހުގެ ތަޅުމުން އެ ފަރާތްތަކަށް ރުހުން ލިބުމަކީ ވެސް ކައިރި ކަމެކެވެ. ކޮންމެ ބަޔަކަށް ވެސް ބާރެއް ލިބުމުން ކީހާ ޅެން ވަނީ ފަރިއްސަށެވެ. މިއަދު މިނިވަން މުއައްސަސާތަކަށް ޕާޓީ އެކްޓިވިސްޓުން އޯކޭ ވީ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް