ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
މަގޭ ރިޕޯޓް

އިންތިހާބުކުރާ ވެރިމީހާ އަޒުލުކުރެވޭއިރު، ފަނޑިޔާރުންނަށް އިސްތިސްނާއެއް ނެތް!

  • ކޮންމެ މަގާމެއްގައި ހުރި ކޮންމެ ބޭފުޅަކުވެސް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ
  • ގާނޫނުއަސާސީގައިވާ ކަންކަމަށް ގޮންޖެހުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނެތް

ކ. މާލެ | 15 ނޮވެންބަރ 2019 | ހުކުރު 19:47 | 14,853

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު - ރައީސް އޮފީސް

ދިވެހިރާއްޖެ ހިނގަމުން އަންނަނީ ފުރިހަމަ ރިޔާސީ ނިޒާމެއްގެ ދަށުންނެވެ. މި ގައުމުގެ އެންމެ އިސް ފަރާތަކަށް ހުންނަނީ ގައުމުގައި ތިބި ވޯޓުލެވޭ އުމުރުގެ އެންމެންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އިންތިހާބަކުން އައްޔަންކުރެވޭ ރައްޔިތުންގެ މަންދޫބެކެވެ. ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ރައްޔިތުން ހޮވާ، ލޯތްބާއި އިހުތިރާމް ލިބިގެންވާ ރައްޔިތުންގެ ހާދިމެކެވެ.

ނަމަވެސް، ކިތަންމެ ބައިވަރު ރައްޔިތުންގެ ވޯޓު ލިބިގެން، ކިތަންމެ ބޮޑު އަގުލަބިއްޔަތަކުން ވެރިކަމަށް އަޔަސް އެ ވެރިމީހާވެސް މަގާމުން ދުރުކުރެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 100ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ އެ މީހަކު މަގާމުން ވަކިވީކަމަށެވެ.

ހަމަ އެ ފަދައިން، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި އައްޔަނުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމަށް އެ މަޖިލީހުން ފާސްކޮށްފިނަމަ، އެ މެމްބަރަކު އޭނާގެ މަގާމުން ވަކިވީކަމަށް ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވެއެވެ. މިވެސް ހަމަ ރައީސުން ފަދައިން ރައްޔިތުންގެ ވޯޓުން ހޮވާ މެމްބަރުންތަކެކެވެ.

ދެން މިއޮތީ ފަނޑިޔާރުންގެ ވާހަކައެވެ. ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ، "ފަނޑިޔާރުން"ގެ މާނައަކީ ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކުގައި ޝަރީއަތްކުރުމަށްޓަކައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އައްޔަންކުރާ މީހުންނެވެ. އަދި ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް ނުވަތަ އެ މަގާމާ އެކަށީގެން ނުވާފަދާ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ހުށައަޅައި މަޖިލީހުން ފާސްވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެކަމަށް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެއެވެ.

އިސްވެދެންނެވުނު ފަނޑިޔާރުންނަކީ، ރައީސްއާއި މަޖިލިސް މެމްބަރުން ފަދައިން ރައްޔިތުން އިންތިހާބުކުރާ ބަޔެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ގައުމުގެ ވަލިއްޔުލްއަމުރަށް ލިބިފައިވާ ބާރުގެ ދަށުން އެބޭފުޅަކު އިހްތިޔާރުކޮށް، މަޖިލީހުގެ ރުހުމާއެކު އެ މަގާމަށް އައްޔަންކުރާ ބަޔެކެވެ. ހައި ކޯޓާއި ދަށު ކޯޓުގެ ފަނޑިޔާރުންނަކީ ގާނޫނުއަސާސީން ޖޭއެސްސީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ކޯޓުތަކަށް އައްޔަންކުރާ ބަޔެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަލާއިރު، އެ ކޯޓުގައި އެ ތިއްބެވީ މި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ކިޔަވައިގެން ތިއްބެވި، ޝަރުއީ ދާއިރާގެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލް ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އައްޔަންކުރައްވަނީވެސް އެތައް ޝަރުތެއް ހަމަވޭތޯ ބެއްލެވުމަށްފަހު، އެ ޝަރުތުތައް ހަމަވާ ނަޒާހާތްތެރި ގާބިލް ބޭފުޅުންނެވެ.

މި ފަނޑިޔާރުންވެސް މަތިކުރެވުނު ޒިންމާއިން ބޭރުން ކަމެއް ކުރާނަމަ، ނޫނީ ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާނަމަ، އެ ފަނޑިޔާރުންވެސް މަގާމުން ވަކި ކުރެވޭނެއެވެ. މިކަމުގައި އެބޭފުޅުން އިސްތިސްނާ ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ގާނޫނު އަސާސީ މާނަ ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، އިސްވެ ދެންނެވުނު ގާނޫނުތައް އެ ފަނޑިޔާރުގޭގައި ތިއްބަވާ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނަމަ، ދެން ނިކަމެތި ރައްޔިތުން ހަދާނީ ކިހިނެއްތޯއެވެ؟

ފަނޑިޔާރަކަސް، ގައުމުގެ ވެރިޔަކަސް، މަޖިލިސް މެމްބަރަކަސް، އަދި ވަޒީރަކަސް، ކުރާ ކަންކަމަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ. ކުރެވޭ ކަންކަމަކީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ. ތިމަންމީ ފަނޑިޔާރެކޭ ބުނެ، ޖަވާބުދާރީ ވާން ނުޖެހޭނެއޭ ބުނުމަކުން ފަރުޖައްސާލެވޭކަށް ނޯންނާނެއެވެ. ތިއީ ރައްޔިތުންގެ ހިދުމަތުގައި ތިބި ރައްޔިތުންގެ ޙާދިމުންކަން ހަނދުމަފުޅު ނެތިވަޑައިގަތަސް، ރައްޔިތުން އެކަމެއް ހަނދާނެއް ނުނެތޭނެއެވެ. އަދި ބޮޑާވެވަޑައިގެން މި ދުނިޔޭގައި ޖަވާބުދާރީ ވެވަޑައިގަންނަވަން ނުޖެހުނަސް، އާޙިރުގައި ޖަވާބުދާރީ ވެވަޑައިގަނުގެން ފަރުޖައްސާ ނުލެވޭނެކަން ކަށަވަރެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.