ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 17:44
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް
މަޖިލިސް
ބަޖެޓް 2020
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ޝިޔާމް ސިފަކުރެއްވީ ރާއްޖެ ކަފުންކުރާ ބަޖެޓެއްގެ ގޮތުގައި
 
އާމްދަނީ ހޯދުމަށް ބަޖެޓްގައި ޖަހާފައިވާ ކަންތައްތަކުން ކަންބޮޑުވުން ފާޅުކުރެއްވި
 
ނައިފަރު ދާއިރާއަށް 66 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ޝިޔާމް ވިދާޅުވި
 
ޝިޔާމް ވިދާޅުވީ ބަޖެޓްގައި ބޭނުން އަދަދުތަކެއް ޖެހިދާނެ ކަމަށް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރާއްޖެ ކަފުންކުރުމަށް ހަދާފައިވާ ބަޖެޓެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސިފަކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ފަހަރު ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ބޮޑެތި އަދަދުތައް ހުށަހަޅާފައިވާ ބަޖެޓް ކަމަށެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކާއި ޕީއެސްއައިޕީ ބަޖެޓްގައި ޖަހާފައިވާ އަދަދުތަކަކީ ހަގީގީ އަދަދުތަކެއް ނޫންކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ބޭނުންވާ އަދަދުތަކެއް ޖެހިދާނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދަރަނި ބޮޑުނުވާކަމަށް ވިދާޅުވާކަމަށާއި އުފެއްދުންތެރިކަން ބޮޑުވަމުންދާ ނިސްބަތަކުން ދަރަނި ބޮޑުވެގެންދާނެ ކަމަށް ވިދާޅުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ހުންނާނީ 5.6 ބިލިއަން ގައި ނޫންކަމަށާއި އޮޅުވާނުލާ އެއައަދުތައް ހާމަކުރާނަމަ އެއީ 7.5 ބިލިއަން ކަމުގައެވެ. އަދި މިއަހަރު ރާއްޖޭގެ ދަރަނި 71 ބިލިއަނަށް އަރާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ދަރަނި ޖީޑީޕީގެ ނިސްބަތުން މިވަނީ 79 އިންސައްތަ. 79 ޕަސެންޓް އިއްޒަތްތެރި ރައީސް. އަޅުގަނޑު މިދައްކަނީ އަޅުގަނޑު ދައްކާ ވާހަކަ އެއް ނޫން. އޮޑިޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ކަރުދާސްތަކުގައި ފެންނާނީ އަޅުގަނޑު މިދައްކާ ވާހަކަ މިގޮތަށް. ދަރަނި ޖީޑީޕީ ނިސްބަތުން މިއަހަރު ނިމޭއިރު ހުންނާނެކަމަށް އަޅުގަނޑުމެން މިލަފާކުރަނީ 81 ޕަސެންޓްގައި. ބިރުވެރި ކަމެއް މިއީ.
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ނައިފަރު ދާއިރާއަށް ބަޖެޓްގައި ހުރި ކަންކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބަޖެޓްގައި ނައިފަރު ދާއިރާއަށް 66 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާކަމަށާއި އެއީ ދާއިރާގެ ރައްޔިތުން ހިތްހަމަޖައްސައިދޭން ކަމެއް ނުވަތަ ކައުންސިލް އިންތިޚާބު ކުރިއަށް އޮތުމުން ކުރާ ކަމެއްކަމަށް ކަނޑައަޅަން ދަތިކަމަށެވެ. މިއަހަރު ކުރަން ހުރި ކަންތައްތަކުގެ 18 އިންސައްތަވެސް ހާސިލުނުވާކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ފަސްވަނައަށް އެންމެ އާބާދީ ބޮޑު ރަށަކަށް ނައިފަރު ވާއިރު ނައިފަރު ދާއިރާގެ ހަގީގީ ބޭނުންތަކަށް މިސަރުކާރުން ވިސްނާފައިވަނީ ކިހާވަރަކަށްތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ.

ނައިފަރުގައި އަލަށްފަށާ ފަޔަރ ސްޓޭޝަން އެބައޮތް. ޖުވެނައިލް ޖަސްޓިސް ބިލްޑިންގ ވާހަކަ އެބައޮތް. ޕޮލިސް އެކޮމެޑޭޝަންގެ ވާހަކަ އެބައޮތް. ތިން ކަންތައް އޮތީ. ރަނގަޅު ވާހަކައެއް. މިތިން ކަންތަކުންވެސް ކޮންމެސް ބަޔަކަށް ފައިދާތަކެއް ކުރާނެ. އެހެންނަމަވެސް ނައިފަރު ދާއިރާގެ ރައްޔިތުންގެ ހަޤީޤީ ބޭނުންތަކެއް މި ސަރުކާރަށް އެނގޭތޯ އަޅުގަނޑު ހަމަ ސުވާލު އުފައްދަން. އަޅުގަނޑު ދެން ފާހަގަކުރަން މެރީނާ އަދި ޔޮޓް ފެސިލިޓީސް އެއް ގާއިމުކުރަން އެބައޮތް ވިސްނުންފުޅެއް އެކަމަކު ބަޖެޓަކު ނެތް އެއްވެސް އަދަދެއް ޖަހާފައެއް. މަގު ހެދުމަށްޓަކައި ދެ މިލިއަން ރުފިޔާ އެބައޮތް ޖަހާފައި.
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ ނައިފަރު ދާއިރާ ހިމެނޭ ގޮތަށް ފަސް ޞަރަޙައްދެއް ތަރައްޤީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާތީ އެކަމާ އުފާކުރައްވާކަމަށެވެ. ނަމަވެސް މިބަޖެޓުން އެކަން ފެންނަން ނެތްކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ބަޖެޓުގެ ކަންކަން މިއަށްވުރެ ރަނގަޅުވާންޖެހޭ ކަމަށެވެ. މީގެއިތުރުން ޝިޔާމް ވަނީ އާމްދަނީ ހޯދުމަށް ބަޖެޓުގައި ޖަހާފައިވާ ކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވަނީ މިއަހަރު ނިމޭ އިރު ދައުލަތުން ދޭ ގެރެންޓީއާ އެކު 71.5 ބިލިއަން ރުފިޔާ އަށް ދަރަނި އަރާނެ ކަމުގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 79 ޕަސެންޓެވެ.

މިއަހަރު ދަރަނި އަދާކުރުމަށް ދައުލަތުގެ އާމްދަނީގެ 14 ޕަސެންޓް ބޭނުންކުރި އިރު އަންނަ އަހަރު ދަަރަނި އަދާކުރުމަށް އާމްދަނީގެ 21 ޕަސެންޓް ބޭނުންކުރުމަށް ހަމަޖެހިފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް