ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ރާއްޖެ - މިއަހަރު ނަފްސާނީ ސިއްހަތު ކުރިއަރުވަން ގިނަ މަސައ

ނަފްސާނީ ސިއްހަތު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް މިއަހަރު ކުރެވުނު : ހެލްތް މިނިސްޓަރު

  • ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަހުގެ ގޮތުގަ
  • ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަނީ
  • ރާއްޖޭގެ ފަސް ސަރަހައްދެއްގައި ނަފްސާނީ ބަލީގެ ފަރުވާ ހަރުދަނާ ކުރަނީ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 12:55 1,590

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން - އާކައިވް

މިއަހަރަކީ ނަފްސާނީ ޞިއްޙަތު ކުރިއަރުވަން ކުރެވެމުން ދިޔަ މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއްކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ އަމީން މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާއި ގުޅިގެން ދެއްވި ބަޔާނުގައެވެ. ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައި ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މެންޓަލް ހެންތު ސެންޓަރ މާރޗް މަހު އައިޖީއެމްއެޗްގައި ގާއިމް ކުރެވުނުފަހުން އެ ސެންޓަރުން މެދު ނުކެނޑި ނަފްސާނީ އެކި ބަލިތަކަށް ފަރުވާދެމުންދާއިރު، މި އަދުގެ ނިޔަލަށް މި ސެންޓަރ މެދުވެރިކޮށް 4 ހާހެއްހާ މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެ ޞަރަޙައްދެކޭ އެއްފަދައިން އަތޮޅު ތެރޭގައި ވެސް ހަރުދަނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފުރަތަމަ ތަރައްޤީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްތައް ކަމަށްވާ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި، ލ. ގަން، ރ. އުނގޫފާރު، ގދ. ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލުން މިހިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް އާއިލާއާއި މުޖުތަމައުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ވަނީ ފަށާފައި. މީގެ އިތުރުން މި ހިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި، ހިދުމަތް ދެމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށްކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ވެސް މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،"

~ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސިކުނޑީގެ ބަލިތަކާގުޅޭ ގޮތުން ޚިދުމަތްތައް ރަނގަޅުކުރުމަށް ސިއްހީ ދާއިރާއިން ކުރެވެމުންދާ މަސައްކަތާއެކު ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ހިންގާ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ ތަފާތު ގިނަ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާ، ޖަމާޢަތްތަކުގެ ދައުރު އޭގައި އެކުލެވިގެން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށެވެ.

އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަދި ޖެންޑަރ މިނިސްޓްރީއިން އަދި ގިނަ އަމިއްލަ ޖަމިއްޔާތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރެވޭ މަސައްކަތްތައް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަހުގެ ޝިއާރުގެ ގޮތުގައި ދިވެހި ރާއްޖޭގައި ބޭނުން ކުރަނީ "ނަފްސާނީ ދުޅަހެޔޮކަން" މި ޝިޔާރެވެ.

ބައިނަލް އަގްވާމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ސަމާލުކަން ގެނެސް މުޅި މުޖުތަމައުއާއި ދޭދޭ ގައުމުތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް