ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރިޕޯޓު - ރިޕޯޓް

ދައުލަތުން ބަދަލު ހޯދުން!

  • ދައުލަތުގެ ފަރާތުން އެކި ރައްޔިތުންނާމެދު ވަރަށް ބޭއިންސާފުން ކަންކޮށްފައިވޭ
  • އޭގެ ބަދަލު ދިނުމަކީ ދައުލަތަށް ލާޒިމު ކަމެއް
  • އެ ބަދަލު ދޭނީ ބޮޑު ލާރިންތޯ، ދައުލަތުގެ ވަސީލަތުންތޯ ނިންމާނީ ދައުލަތާއި އެ ބަދަލެއް ލިބެންޖެހޭ މީހަކާ އެއްބަސްވެގެން

ކ. މާލެ 15 އޯގަސްޓު 2019 | ބުރާސްފަތި 17:27 3,808

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - އަޒުމޫން އަހުމަދު

ދައުލަތަކީ…….އާދެ، ތިޔަ ހީފުޅު ކުރެއްވި އިންތިޒާމަށް އަޅުގަނޑުމެން އެންމެންވެސް ކިޔާ ނަމެކެވެ. އަޅުގަނޑުމެން އެންމެން އެކުގައި އުޅޭން މެދުވެރިވި ނަސީބަށް ނުވަތަ ބަދުނަސީބަށް ރުހެމުން، އެންމެން އެކުގައި އުޅޭނޭ ގޮތާމެދު ވިސްނައި ފިކުރުކޮށް އެކުލަވާލި ފޮތުން އުފެއްދީ ދައުލަތުގެ ސަރުކާރެވެ. ދައުލަތުގެ އިދާރާތަކެވެ. ފަނޑިޔާރުގެތަކެވެ. މިހުރިހައި އިންތިޒާމުތަކަކީވެސް ރައްޔިތުންނަށްޓަކައި ރައްޔިތުން އެކަށައެޅި އިންތިޒާމުތަކެކެވެ.

ދައުލަތުގެ އަފްރާދަކާމެދު ދައުލަތުގެ ފަރާތުން ވެވޭ ކޮންމެ ބޭއިންސާފަކަށް ޒިންމާވާނޭ ބަޔަކު ތިބޭނެއެވެ. އަޅުގަނޑުމެންގެ އަސާސީ ޤާނޫނު އެކުލަވާލެވިފައިވާގޮތުން، އަފްރާދަކަށް މެދުވެރިވާ ބޭއިންސާފަކީ އޭނާގެ ބަދުނަސީބު ކަމަށް ނިންމޭނޭ އެއްވެސް ހަމައެއް ނެތެވެ. އެހެނީ އޭނާއާމެދު އިންސާފުން ކަންކުރެވޭކަން ކަށަވަރުކުރުމުގެ ޒިންމާ އަސާސީ ޤާނޫނުން އޮންނާނީ ކޮންމެވެސް އިންސާނަކާ މަތިކުރެވިފައެވެ. އެ އިންސާނަކަށް މަހުއެތިކޮޅު ދޭނީ ދައުލަތުގެ އަފުރާދުން އަތުން ސީދާ ގޮތުންނާއި، ނުސީދާ ގޮތުން ނެގޭ ވާރުންނެވެ. އެހެންކަމުން އޭނާއާމެދު އިންސާފުން ކަންކުރެވޭނޭކަމުގެ އުއްމީދު ގެންގުޅުމަކީ އޭނާއަށް ލިބޭ ޤާނޫނީ އަދި ޠަބީޢީ ޙައްޤެކެވެ. ދައުލަތުގެ އެއްވެސް އިދާރާއަކުން އޭނާއާމެދު ބޭއިންސާފުވެރިވެއްޖެނަމަ، އޭގެ ސަބަބަކަށްވާނީ އޭނާއާމެދު އިންސާފުން ކަންކުރެވޭކަން ބެލުމުގެ ޒިންމާ މަތިކުރެވިފައިވާ މީހާގެ އަނިޔާވެރިކަން ނުވަތަ ކާމްޗޯރުކަމެވެ.

ފާއިތުވެދިޔަ މުއްދަތުގައި ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުވެތިބި ބައެއްގެ އަނިޔާވެރިކަމާއި، އިހުމާލާއި، ކާމްޗޯރުކަމުގެ ސަބަބުން އަނިޔާއާއި ގެއްލުން ތަޙައްމަލުކުރީ މަދުބައެއް ނޫނެވެ. އެ އަނިޔާވެރިކަމާއި ގެއްލުން މެދުވެރިކުރުވި އިންސާނުންނާ ޙަވާލުކުރެވުނު ބާރުވެރިކަމުން އެމީހުން ވަކިކުރީ އަނިޔާވެރިކަން ޢާންމުވުމުންނެވެ. ރައްޔިތުން ދީފައި އޮތް އެއްޗެއް ރައްޔިތުން ބޭނުންވީމައި އަތުލީއެވެ.

ސުޕްރީމް ކޯޓް -- ދައުލަތުން ބަދަލުދޭންޖެހޭ ބައެއް މައްސަލަތައް ސުޕްރީމް ކޯޓުންވެސް ނިންމާފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ދެން މަޤާމުތަކާ ޙަވާލުވީ މީހުންގެ ކިބައިން ރައްޔިތުން ވަނީ އިންސާފު ޤާއިމުކުރާނޭކަމަށް އަހުދުކަށަވަރު ހިފާފައެވެ. މިއަދު ދިވެހި ސަރުކާރު ހިންގަން މަތިކުރެވުނު ފަރާތްތައް ދިވެހި ރައްޔިތުން ގާތަށް އައީ ދަލެއް، މިލައެއް، ކިލަނބުކަމެއް ނެތް ސާފު ހުދު ހެދުމުގައެވެ. ރައްޔިތުންނާމެދު ކުރެވެމުންދިޔަ ބޭއިންސާފާއި އަނިޔާއާއި ފުރައްސާރައަށް އެމީހުން އެވީ ނަފުރަތަކީ ރައްޔިތުންދެކެ ވާ ލޯބީގެ ސާފުކަމުގެ ހެއްކެކެވެ. ގުޅިގެން ކުރި މަސައްކަތުން ދިވެހި ސިންގާސަނާ އަނިޔާއިން މިންޖުކޮށް، ދިވެހި ރައްޔިތުންގެ މައްޗަށް އޯގާތެރިވެރިކަމެއް ކުރުމަށްޓަކައި މަތިކުރެވުނީ ހުދުހެދުމުގައި ވަޑައިގެންނެވި ބޭކަލުންނާއެވެ. ބޭއިންސާފާއި އަނިޔާއަށް އިންސާފު ހޯދުމުގެ މަސައްކަތް މާތްﷲ ގެ ރަޙުމަތުން ފެށުނީއެވެ.

ދައުލަތުގެ ކަންކަން ހިންގުމަށް ޙަވާލުވި ބޭކަލުން މަތާރަންފިލާ މަތީގައިހުރި ކަރުދާސްތައް ނަގައި، ހާވައި ބަލާލިއިރު…….ސުބްޙާނަﷲ އެވެ. ދައުލަތުން ބަދަލު ދޭން ނުޖެހޭ ރައްޔިތަކު ނެތެވެ. ވެރިކަމުގެ ފަރާތުން މަހުއެތިކޮޅު ލިބެމުންދިޔަ ބަޔަކާއި، އެބައިމީހުންގެ އާއިލާތަކާއި އައުވާނުން ނޫން އެންމެންވީ އަނިޔާގެ ޝިކާރައަށް ވެފައެވެ. އެކި މީހުން އެކި މިންވަރަށެވެ.

އެކަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދައްކާ އޮވެ އެތައް މިލިޔަނެއް ޖޫރިމަނާވެއްޖެއެވެ. އަނެކަކު ބޭއިންސާފުން ވަޒީފާއިން ވަކިކޮށްގެން އެތައް މިލިޔަނެކެވެ. އެހެން މީހަކު ޤާނޫނާ ޚިލާފަށް ހިފައި ހައްޔަރުކޮށް ހުރަގެއަށް ލައިގެން ދިން އަނިޔާއަށް މިލިޔަނުންނެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ޚަރަދު ކުރަންޖެހޭނީ މި ބަދަލުތައް ދިނުމަށްކަމަށް މާލީ ވަޒީރު ވިދާޅުވިއިރު ހުންނެވުނީ ދެލޯ މުދުނަށް އަރައި، މުޅި މީހާ ތުރުތުރުލާ ހާލުކަމަށް އަޑުއެހީމެވެ. އެއީ ޚަޒާނާގައި އޮތް އެއްޗަކާއި، ހޭދަކުރަންޖެހިގެން މިއުޅޭ މިންވަރުގެ މަންޒަރު ސާފުވި މީހަކަށް ނުވެނުދާނެ ގޮތެކެވެ.

ވަރިހަމައެވެ. ދައުލަތުގެ ފަރާތުން އެކި ރައްޔިތުންނާމެދު ވަރަށް ބޭއިންސާފުން ކަންކޮށްފިއެވެ. އޭގެ ބަދަލު ދިނުމަކީ ދައުލަތަށް ލާޒިމު ކަމެކެވެ. އެ ބަދަލު ދޭނީ ބޮޑު ލާރިންތޯ، ދައުލަތުގެ ވަސީލަތުންތޯ ނިންމާނީ ދައުލަތާއި އެ ބަދަލެއް ލިބެންޖެހޭ މީހަކާ އެއްބަސްވެގެންނެވެ. ކޮންމެވެސް ސިފައެއްގައި ބަދަލު ދޭންޖެހޭކަން ގައިމެވެ. އެއަކުން ރެކިގަނެވޭނޭ އެއްގޮތެއްވެސް ނެތެވެ. އަމުދުން، އެ ޒިންމާއިން ރެކިގަތުމަކީ ހުދުހެދުމުގައި ވަޑައިގަތް ބޭކަލުންނާ އެކަށީގެންވާ، އަދި އެބޭކަލުން ކުރައްވަފާނޭ ފަދަ ކަމެއްވެސް ނޫނެވެ.

އަނިޔާގެ ޝިކާރައަކަށްވީ މީހުން ދަންނަންޖެހޭ ކަމަކީ، ބަދަލު މި ދެނީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިންކަމެވެ. ނުޙައްޤު މަންފާއެއް ހޯދުމަށް އަޅާ ކޮންމެ ފިޔަވަޅެއް ހުއްޓުވުމަށްވެސް ސަރުކާރަށް ބާރު އެޅުމަކީ ދިވެހިރައްޔިތުން ނުކޮށް ދޫކޮށްލާނޭކަމެއް ނޫނެވެ. ދައުލަތުން ބަދަލު ދޭންޖެހުމުގެ ސަބަބަކަށްވީ ފަރާތްތައް އެކަމަށް ޒިންމާކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ، މާބޮޑު މަސައްކަތެކެވެ.

އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުމާމެދު ރައްޔިތުން ބުނަނީ ސާދާ ވާހަކައެކެވެ. ކުޅަ އަނިޔާއާއި، ވީ ބޭއިންސާފަށް ދައުލަތުން ފުރިހަމަ ބަދަލު ދޭން ވާނެއެވެ. އަދި މިގޮތަށް ދޭ ބަދަލަކީ ދައުލަތުގެ އެހެން އަފްރާދުންނަށް ކުރެވޭ އަނިޔާއަކަށް އަދި ބޭއިންސާފަކަށް ވެގެންވެސް ނުވާނެއެވެ. މި މިންގަނޑުގެ ތެރޭގައި އިންސާފުވެރި ކަމާއެކު މިނެކިރައި ދެވޭ ބަދަލުތަކަށް ދެކޮޅު ހެދުމަކީ ކުރެވެން އޮތްކަމެއް ނޫނެވެ. އަދި ހަމައެއާއެކު ބަދަލު ދިނުމަށް ދައުލަތުގެ އޮތް ހެޔޮ ނިޔަތުގެ ނުހަމަ ބޭނުން ހިފަން ދޫކޮށްލުމަކީ ރުހެވޭނޭ ގޮތެއްވެސް ނޫނެވެ.

އެޑިޓަރުގެ ނޯޓް:މިއީ މަޝްއޫރު ޤާނޫނީ ވަކީލް އަހުމަދު މަހުފޫޒް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް