ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 22:53
މާކަސް ރަޝްފޯޑް (ކ)
މާކަސް ރަޝްފޯޑް (ކ)
ޓްވިޓަރ
މާކަސް ރަޝްފޯޑް
ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ރަޝްފޯޑް އާކޮށްފި
 
ރަޝްފޯޑް އެއްބަސްވުން އާކޮށްފައިވަނީ 2023 ގެ ނިޔަލަށް

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އާކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ރަޝްފޯޑް ޔުނައިޓެޑާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރަޝްފޯޑް ބުނީ، އޭނާ މީހަކަށް ހެދީ ޔުނައިޓެޑުން ކަމަށާއި، ކްލަބުގައި އިތުރު މުއްދަތެއް ހޭދަކުރަން ލިބުމުން އުފާވާ ކަމަށެވެ. '

އެގޮތުން ރަޝްފޯޑް ބުނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ކްލަބަށް ކާމިޔާބު ހޯދަން މަސައްކަތް ކޮށްދޭނެ ކަމަށާއި، ސަޕޯޓަރުން ހިތްހަމަޖައްސައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ގިނަ ކްލަބްތަކުން ވަނީ ރަޝްފޯޑް ހޯދަން މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިން އަދި ޖަރުމަންގެ ކްލަބްތައް ހިމެނެއެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ކުރިން ދަތިވެފައިވާ ރަޝްފޯޑަށް އާ ކޯޗު ސޮލްޝެއާ ޓީމާ ހަވާލުވި ފަހުން މިހާރު ފުރަތަމަ 11އިން ފުރުސަތު ލިބުން ވަނީ ގިނަވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 170 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމާ އެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ރަޝްފޯޑް ވަނީ އެ ޓީމަށް ކުޅުނު 32 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް