ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 20:14
ރައީސް މައުމޫން: އިނަޔާތްތައް ކުޑަކުރުމުން އޮފީހުގެ ޚަރަދުތައް ކުޑަކުރަންޖެހުނު އިރު، މައުމޫންގެ ސެކިއުރިޓީ ވެސް ވަނީ ކުޑަކޮށްފަ
ރައީސް މައުމޫން: އިނަޔާތްތައް ކުޑަކުރުމުން އޮފީހުގެ ޚަރަދުތައް ކުޑަކުރަންޖެހުނު އިރު، މައުމޫންގެ ސެކިއުރިޓީ ވެސް ވަނީ ކުޑަކޮށްފަ
މިހާރު
ރައީސް މައުމޫންގެ އިނާޔަތްތައް
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
 
ގާނޫނުގައިވާ ގޮތުން އޮފީސް ހިންގުމަށް މަހަކު 175،000 ރުފިޔާ ދޭންޖެހޭ
 
ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދުތައް ސަރުކާރުން ވަނީ އުސޫލަކުން ކުޑަކޮށްފަ

ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދެމުން އައި އިނާޔަތްތައް ކުޑަކުރުމާ ގުޅިގެން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުން މުވައްޒަފުން މަދުކޮށް، އެ އޮފީސް ހިންގާ އިމާރާތުން ބައެއް ދޫކޮށްލައިފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ އިނާޔަތްތައް ކުޑަކުރުމާ ގުޅިގެން ރައީސް މައުމޫންގެ އޮފީހުގެ އެންމެ ސީނިއާ ދެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ މުސާރަ ދެވޭނެ ގޮތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ ރައީސް މައުމޫންގެ އޮފީސް ހިންގަމުން ދިޔައީ ގެއެއްގެ ދެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ކަމަށާއި، ނަމަވެސް އިނާޔަތްތައް ކުޑަކުރުމުން ދެ އެޕާޓްމެންޓުގެ ތެރެއިން އެއް އެޕާޓްމެންޓް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

 

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ދަށުން 2009 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސުންނަށް އިނާޔަތްތައް ދެމުން ދަނިކޮށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ވަނީ އެ ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށާފަ އެވެ.

 

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދުތަކަށް ވުރެ، ސަރުކާރުން އެކުލަވާލި އުސޫލުގައިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެކަމާ ގުޅިގެން ބައެއް ގާނޫނީ ވަކީލުން ވަނީ އެއީ ގާނޫނާ ޚިލާފު ނުވަތަ ގާނޫނާ ތައާރުޒުވާ ގޮތަށް ހަދާފައިވާ އުސޫލެއް ކަމަށް ބުނެފަ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ގާނޫނީ ވަކީލަކު ވިދާޅުވީ ގާނޫނަކަށް ވުރެ ސަރުކާރުން ހަދާ އުސޫލެއްގެ ބާރު ގަދަވެގެން ނުވާނެ ކަމަށާއި، ކުރީގެ ރައީސުންނަށް އިނާޔަތްތައް ދޭނެ ގޮތުގެ އުސޫލަކީ ސީދާ ގާނޫނާ ޚިލާފު އުސޫލެއް ކަމަށެވެ. އަދި އެ އުސޫލަށް އަމަލުކުރަމުން ގެންދިއުމަކީ ގާނޫނުގެ ބާރުވެރިކަން ނެތިކޮށްލުން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

 

ސަރުކާރުން އެކުލަވާލި އުސޫލުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ބަޖެޓުން މަހެއްގެ މައްޗަށް ކުރެވޭނެ ހަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ.

 

އެގޮތުން އޮފީސް ހިންގުމުގެ ހަރަދަށް ކުލީގެ ގޮތުގައި މަހަކު ގިނެވެގެން ދެވޭނީ 30،000ރ. ކަމަށާއި، ބިލްތައް އަދާކުރުމަށް މަހަކު ގިނަވެގެން ދެވޭނީ 8،000ރ. ކަމަށާއި އަދި އިދާރީ ހިންގުމަށް މަހަކު ގިނަވެގެން ދެވޭނީ 8،000ރ. ކަމަށްވެސް އެ އުސޫލުގައިވެ އެވެ.



މީގެ އިތުރުން އޮފީސް މުވައްޒަފުންގެ ޚަރަދަށް ބަލާއިރު އިސް މުވައްޒަފަށް މަހަކު ގިނަވެގެން 15،000ރ.، އިސް މުވައްޒަފުގެ އެހީތެރިޔާއަށް މަހަކު ގިނަވެގެން 10،000ރ. އަދި ދެ ސަޕޯޓް ސްޓާފުންގެ ތެރެއިން ކޮންމެ މީހަކަށް މަހަކު ގިނަވެގެން ދެވޭނީ 8،000ރ. ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

 

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަަމައުއަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވެއްޖެނަމަ، މަސައްކަތް ކުރާނޭ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

 

އޮފީސް ހިންގުމަށް ދޭ އިނާޔަތުގެ އިތުރުން އެހެނިހެން ބައެއް އިނާޔަތްތައް ވެސް އެ އުސޫލުގެ ދަށުން ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން، ސަރުކާރުން އެކުލަވާލި އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކު ދިރިއުޅޭ ތަނަކަށް ހިނގާ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން، މަގުބޫލު ސަބަބަކަށްޓަކައި ކުއްޔަށް ރާއްޖޭގެ ތަނެއްގައި ދިރިއުޅޭނަމަ، ދިރިއުޅޭ ތަނުގެ ކުއްޔަށް މަހަކު 20،000ރ. އަދި ދިރިއުޅޭ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރާ ހަރަދުތަކަށް މަހަކު ގިނަވެގެން 10،000ރ. ދެވިދާނެ ކަމަށެވެ.

 

ނަމަވެސް، ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށެވެ.

 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ޚަރަދުގައި ސިއްޚީ ޚިދުމަތް ހަމަޖައްސައިދޭންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، ސަރުކާރުން އެކުލަވާލި އުސޫލުގެ ދަށުން ކުރީގެ ރައީސުންނަށް ލިބެނީ އާސަންދަ ޚިދުމަތާއި، 24،000ރ. ގެ އިންޝުއަރެންސް އެކެވެ.

 

ގާނޫނުގެ ފަސް ވަނަ މާއްދާގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފް އިން ހަމަޖައްސައިދޭންޖެހޭނެ ކަމަށް ބުނެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެމްއެންޑީއެފް އިން ވަނީ ރައީސް މައުމޫންގެ ސެކިއުރިޓީ ޓީމް ވެސް ކުޑަކޮށްފަ އެވެ.

 

ރައީސް މައުމޫންގެ އިނާޔަތްތައް ކުޑަކުރިއިރު، ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިގެން ރައީސް މުހައްމަދު ނަޝީދަށް އިނާޔަތްތައް ނުލިބޭ ގޮތް ހަދާފަ އެވެ. އެގޮތުން ގާނޫނަށް މާއްދާއެއް އިތުރުކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އެއްވެސް ރައްކާތެރިކަމެއް އަދި އިނާޔަތެއް ނުލިބޭ ގޮތަށް ގާނޫނު ފާސްކޮށް، ރައީސް ނަޝީދަށް އިނާޔަތްތަކާއި ރައްކާތެރިކަން ނުލިބޭ ގޮތް ވަނީ ހަދާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް