ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 04:48
ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމު ވީކޭ ސްޕޯޓްސް ކްލަބު
ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމު ވީކޭ ސްޕޯޓްސް ކްލަބު
މުހައްމަދު ޝަރުހާން
ފުޓުބޯޅަ
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
 
މެޗް ކާމިޔާބުކުރީ ކުޑަހެންވޭރު ޔުނައިޓެޑާ ވާދަކޮށް 0-3 އިން

ބައިކޮޅަށް ގޯލެއް ނުވަދެ ސަތޭކަ ޕަސެންޓް ކްލީން ޝީޓަކާއެކު ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވީކޭ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ވީކޭއިން ހޯދީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވާދަކޮށް 0-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވީކޭ އިން ވަނީ ކުޑަހެންވޭރު ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ ގާތްގާތުގައި ތިން ހަމަލާއެއްވަރު ކުޑަހެންވޭރުގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ.

މީގެ ތެރެއިން އެންމެ ހުސް ފުރުސަތެއް ލިބުނީ ވީކޭގެ އަބްދުﷲ ޖުނައިދަށެވެ. އޭނާ އޭރިޔާ ތެރޭގައި ހުހަށް ހުރެ ފޮނުވާލި ހަމަލާ ކުޑަހެންވޭރު ކީޕަރު އިސްމާއިލް ފާތިހު ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

މިހާފުގައި ކުޑަހެންވޭރަށް ވެސް ވަނީ ލަނޑުޖަހާނެ ދެތިން ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ސަހީމް އަބްދުލް ގާދިރު (މެސީ) ފޮނުވާލި ބާރު ހަމަލާ ވީކޭގެ ގޯލުގެ ކަނަށް އޮއްސެން ދަނިކޮށް އެޓީމުގެ އިތުބާރު ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ ދިފާއުކޮށް ބޭރަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ ވީކޭ އަށެވެ. އެގޮތުން އެޓީމުގެ އަހުމަދު ހަލީމް އާއި މުހައްމަދު ސުޖާން އަހުމަދަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މި މެޗުގައި ވީކޭ އިން ޖެހި ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖާން އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމެވެ.

މިހާފުގައި ކުޑަހެންވޭރަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް ވިކޭގެ ކީޕަރު ޓެސްޓްކޮށްލާނެ ވަރުގެ ހަމަލާއެއް އުފެއްދިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

މި މެޗުގައި ވީކޭއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ މަލާޝް (މައްލަ) އެވެ.

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށާއި ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް އެވެ.

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީކޭގެ އަހުމަދު ހަލީމް އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ވީކޭގެ މުހައްމަދު ޖަޒްލާން އެވެ. ޖަޒްލާން އަށް އެންމެ މޮޅު ކީޕަރުގެ މަގާމު ލިބުން އިރު، މުބާރާތުގައި އޭނާ ބެލެހެއްޓި ގޯލަށް އެންމެ ބޯޅައެއް ވެސް ވަދެފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ނަޒާކީ ފުޓުބޯޅަ ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް