ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 18:13
ބެނެވެންޓޯގެ ކީޕަރު ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ބެނެވެންޓޯގެ ކީޕަރު ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް
 
އިންޓަ މިލާން ވަނީ 5-0 އިން ވެރޯނާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި
 
އޭސީ މިލާނާއި ބެނެވެންޓޯގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން

އިޓާލިއަން ސެރީއޭގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު މިނެޓުގައި ގޯލްކީޕަރު ޖެހި ލަނޑުން ލީގުގައި ބެނެވެންޓޯއަށް ފުރަތަމަ ޕޮއިންޓް ލިބިއްޖެއެވެ.

އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު ބެނެވެންޓޯ އިން ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މި މެޗާ ކުރިމަތިލި އިރު ބެނެވެންޓޯ ލީގުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެގޮތުން އެ ޓީމު އެންމެ ފަހުން ކުޅުނު 14 މެޗުން ބަލިވެފައިވާއިރު މިއީ ޔޫރަޕުގެ ރެކޯޑެކެވެ.  

ބެނެވެންޓޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އޭސީ މިލާންއިންނެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއަކޯމޯ ބޮނަވެންޓޫރާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މިލާންއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ބެނެވެންޓޯއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މެޗުގެ 50 ވަނަ މިނެޓުގައި ޖޯޖް ޕުސްކާސް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިންއިރު މިލާން އިން ވަނީ އޭގެ ހަތް މިނެޓު ފަހުން އަލުން އަނބުރާ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލައި ކަލިނިޗްއެވެ.

ޖެހިޖެހިގެން 15 ވަނަ މެޗުން ބެނެވެންޓޯ ބަލިވާން ދަނިކޮށް އެ ޓީމަށް މެޗުން ޕޮއިންޓެއް ލިބިގެން ދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ކީޕަރު އަލްބާޓޯ ބްރިގްނޯލީ ޖަހައިދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭނާ ވެގެން ގޮސްފައި ވަނީ 2001 ވަނަ އަހަރުގެ ފަހުން ސެރީއޭގެ މެޗެއްގައި ލަނޑު ޖެހި އެންމެ ފުރަތަމަ ގޯލްކީޕަރަށެވެ.  

އިންޓަ މިލާން ވަނީ 5-0 އިން ޗިއޭވޯ ވެރޯނާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މި މެޗުގައި އިންޓައިން ޖެހި ލަނޑުތަކުގެ ތެރެއިން ތިން ލަނޑު ޖެހީ އިވާން ޕެރިސިޗްއެވެ. މައުރޯ އިކާޑީގެ އިތުރުން މިލާން ސްކްރިނާރް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ.

އިޓާލިއަން ސެރީއޭގެ ޓޭބަލްގެ އެއްވަނައިގައި 39 ޕޮއިންޓާ އެކު އިންޓަ އޮތް އިރު ދެވަނައިގައި 38 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ތިންވަނައިގައި 37 ޕޮއިންޓާ އެކު ޔުވެންޓަސް އޮތް އިރު ހަތަރު ވަނައިގައި 34 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް