ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 11:20
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޖެހިޖެހިގެން 13ވަނަ މެޗުން ސިޓީ މޮޅުވެއްޖެ
 
މި މޮޅާއެކު ސިޓީއިން ވަނީ ތާވަލުގެ ކުރީގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފަ
 
ވެސްޓް ހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ޖެހިޖެހިގެން 13 ވަނަ މެޗުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެސްޓް ހަމްގެ ފަރާތުން މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު ސިޓީއަށް ލަނޑު ޖެހުމުގައި ގިނަ އުނދަގޫތަކާއި ކުރިމަތިވިއެވެ. މިދިޔަ ހަފްތާގައި ސައުތްހެމްޕްޓަންއާއި ދެކޮޅަށް ކުޅުނު ސިޓީގެ ޓީމުގައި ހިމެނުނު ތިން ކުޅުންތެރިޔަކު މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ޑޭވިޑް މޯއިސްގެ އިރުޝާދުގެ ދަށުން ކުޅުނު ވެސްޓް ހަމްއިން ވަނީ ފުރަތަމަ ހާފުގައި ކައުންޓާ އެޓޭކުގައި ނުރައްކާ ކޮށްފައެވެ. ސިޓީއިން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ޓީމުގެ ސްޓޭޑިއަމްގެ އަޑު އެއްކޮށް މަޑުވެގެން ދިޔައީ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އާރޮން ކްރެސްވެލް ނަގައިދިން ހުރަހަކުން އެންޖެލޯ އޮބިންޒޭ އޮގްބޮންނާ ވެސްޓް ހަމްއަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދިނުމުންނެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ވެސްޓް ހަމްއިން ފުރަތަމަ ހާފު ނިންމާލިއިރު ނަތީޖާ ބަދަލުކޮށްލުމުގެ އަޒުމުގައި ނުކުތް ސިޓީއިން ވަނީ މި ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ގެބްރިއެލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތަކުން ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހައިދީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް ސިޓީގެ ކުޅުންތެރިންނަށް ވަނީ ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ. މީގެތެރޭގައި ލެރޯއި ސާނޭއާއި ރަހީމް ސްޓާލިން އަދި ކެވިން ޑެބަރައިނާގެ އިތުރުން ގެބްރިއެލް ޖީސަސްއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ތަކުރާރުކޮށް ސިޓީއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަށް ވެގެންދިޔައީ މެޗުގެ 83 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ލަނޑެއް ޖަހައިދީ ޖެހިޖެހިގެން 13 ވަނަ މެޗުން ސިޓީ މޮޅު ކޮށްދިނުމެވެ.

މި މޮޅާއެކު ސިޓީއިން ވަނީ ތާވަލުގެ ކުރީގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވި ޓީމުތަކުގެ ރެކޯޑާއި ސިޓީއިން ވަނީ އަރާ ހަމަކޮށްފައެވެ. މިވަގުތު އެ ރެކޯޑު އޮތީ 1891 ވަނަ އަހަރުގެ ފުޓްބޯލް ސީޒަނުގައި ކުޅުނު ޕްރެސްޓަންއާއި ސަންޑަލޭންޑް އަދި 2001 ވަނަ އަހަރުގެ އާސެނަލް ޓީމުގެ އިތުރުން މިދިޔަ ސީޒަނުގެ ޗެލްސީ ޓީމުގެ އަތުގައެވެ. މިއިން ކޮންމެ ޓީމެއް ވެސް ވަނީ ޖެހިޖެހިގެން 13 މެޗު ކާމިޔާބު ކޮށްފައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 43 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު ޔުނައިޓެޑްއެވެ. ޗެލްސީއަށް 32 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިވަޕޫލްއަށް ލިބެނީ 29 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވުމާއެކު އާސެނަލްއަށް ފަސްވަނަ ލިބެނީ 28 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް