ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:04
ކެޓަލޯނިއާގެ މިނިވަން ކަމަށް ތާޢީދުކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން
ކެޓަލޯނިއާގެ މިނިވަން ކަމަށް ތާޢީދުކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން
ގޫގުލް
ކެޓަލޯނިއާގެ މިނިވަންކަން
ކެޓަލޯނިއާ ހަމަނޭވާއެއް ލިޔަދޭން މެޑްރިޑް ބޭނުމެއް ނުވޭ!
 
މައި ސަރުކާރުން ބުނަނީ ވޯޓު ހުއްޓުވާނެކަމަށް
 
މިނިވަންކަމުގެ ވޯޓު ނެގުމަށް ނިންމާފައިވަނީ އޮކްޓޯބަރ 1 ގައި

ސްޕެއިންގެ މިނިވަން ސަރަޙައްދެއް ކަމުގައިވާ ކެޓަލޯނިއާއިން ފުރިހަމަ މިނިވަންކަމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން، އެޤައުމުގެ މައި ސަރުކާރުން އެ ސަރަޙައްދުގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށް އެ ސަރަޙައްދުގެ ރައީސް ވިދާޅުވެއްޖެއެވެ.

1978 ވަނަ އަހަރު ސްޕެއިންގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރި ފަހުން ސިޔާސީގޮތުން އެ ޤައުމަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް މިހާރު ދިމާވެފައިވާއިރު، ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޑެމޮންޓޭ ވަނީ،  މައި ސަރުކާރުގެ ގާޑިއާ ސިވިލްގެ (ފުލުހުންގެ) އޮފިސަރުން ކެޓަލޯނިއާގައި ހިންގަމުންދާ އޮޕަރޭޝަނަކީ، އެ ސަރަޙައްދުގެ މިނިވަންކަން ނަގާލައި، ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނުކުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކެޓަލޯނިއާގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނަކީ، ސްޕެއިންއިން ވަކިވެ ފުރިހަމަ މިނިވަންކަން ހޯދުމަށް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެ ސަރަޙައްދުގައި ނަގަން ތައްޔާރު ވަމުންދާ ވޯޓު ހުއްޓުވުމަށް ހިންގާ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން ބުދަ ދުވަހު އެކަނިވެސް ފުލުހުން ވަނީ ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރުގެ އޮފީސްތަކުން، އިސް 14 އޮފިޝަލަކު ހައްޔަރު ކޮށްފައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކެޓަލޯނިއާގެ އިކޮނޮމިކް އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް ހޯޒޭ މާރިއާ ހޯވޭ އާއި ޓެކްސޭޝަން ސެކްރެޓަރީ، ލުއީ ސަލްވަޑޯ ހިމެނެއެވެ.

ފުލުހުންގެ އޮޕަރޭޝަނަށް އިޝާރާތް ކުރައްވާ، ރައީސް ކާލެސް ވިދާޅުވީ، މިއީ ފުލުހުން "ރާވައިގެން ހިންގާ ހަމަލާއެއް" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އަނދިރި ދުވަސްތަކުގެ ތެރެއަށް އަލުން ވެއްޓިގެންދިއުން ބޭނުން ނުވާ ކަމަށާ، ކެޓަލޯނިއާގެ ސަރުކާރުން މިނިވަންކަމާއި ޑިމޮކްރަސީއަށް ފުރިހަމައަށް ތާޢީދު ކުރާ ކަމަށެވެ.

ބުދަ ދުވަހު ކެޓަލޯނިއާ ސަރުކާރުގެ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވެވުމަށް ފަހު ރައީސް ކާލެސް ވަނީ އޮކްޓޯބަރ 1 ވަނަ ދުވަހުގެ ވޯޓު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކެޓަލޯނިއާގެ ވެރިރަށް، ޞާސެލޯނާގެ މޭޔަރު، އަދާ ކޮލާއު ވިދާޅުވީ، ކެޓަލޯނިއާގެ އިސްތިޤުލާލު ސަލާމަތް ކުރުމަށް އެ ސަރަޙައްދުގެ ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަމުގެ މައްސަލަ ހޫނުވެފައިވާއިރު، ސްޕެއިންގެ މައި ސަރުކާރުން ވަނީ އެ ވޯޓު ހުއްޓުވަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
50%
50%
0%
0%
ކޮމެންޓް