ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 11:53
މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ - ރޮހިންޖާ ދަރިކޮޅުގެ ދިފާޢުގައި ވާހަކަފުޅު ނުދައްކަވަނީ ބުޑިސްޓުންގެ ސިޔާސީ ތާޢީދު ގެއްލިދާނެތީ
މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ - ރޮހިންޖާ ދަރިކޮޅުގެ ދިފާޢުގައި ވާހަކަފުޅު ނުދައްކަވަނީ ބުޑިސްޓުންގެ ސިޔާސީ ތާޢީދު ގެއްލިދާނެތީ
ގޫގުލް
ރޮހިންޖާ މުސްލިމުން
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް
 
ސޫޗީގެ އަސްލު ކުލަ ފެންނަން ފެށީ ވެރިކަމަށް ވަޑައިގެންނެވުމުން
 
ރޮހިންޖާ މުސްލިމުންގެ ދިފާޢުގައި ވާހަކަ ދައްކަވަން ދެކޮޅު ހައްދަވާ
 
ސޫޗީއަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރެއްވި ފަރާތެއް

"އަހަރުމެން ދެކެން ބޭނުންވާ ދުނިޔެއަކީ ގެދޮރު ގެއްލި، ދާނޭތަނެއް ނެތުމާއި، އުއްމީދު ގެއްލުން ނުވާ ދުނިޔެއެކެވެ."

މިއީ ޒަމާނެއްގައި އިންސާފާއި، އިންސާނިއްޔަތުކަމާއި އެއް ހަމައެއްގައި އެ ކަމަނާގެ ނަން ފެވެމުންދިޔަ ކަމަނާ، ނޯބެލް ސުލްޙައިގެ އިނާމު ޤަބޫލުކުރައްވާ ދެއްކެވި ވާހަކަފުޅުން ޖުމްލައެކެވެ.

ނަމަވެސް، ބައި ގަރުނުގެ އަސްކަރީ ވެރިކަމަށް ފަހު، މިއަދު މިޔަންމާގެ ފުރަތަމަ ޑިމޮކްރެޓިކް ލީޑަރުގެ ހައިސިއްޔަތުން، އެކަމަނާ ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވި ދުނިޔެ، ޤާއިމް ކުރުމަށް ލިބިލެއްވި އެންމެ ފަހި ފުރުޞަތު އަން ސަން ސޫޗީ އެވަނީ ގެއްލުވާލައްވާފައެވެ.

ސިފައިންގެ އަނިޔާވެރިކަމާއި، އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަކުން ސަލާމަތް ވުމަށް މިޔަންމާއަށް ނިސްބަތްވާ ރޮހިންޖާ ދަރިކޮޅުގެ 270،000 މުސްލިމުން އެ ޤައުމު ދޫކޮށްދިޔައިރު، ސޫޗީ ހުންނެވީ ދެއަތްޕުޅުއުރާލައްވައިގެން ބައްލަވާށެވެ.

މީގެ ތެރެއިން ގިނަ ބަޔަކު މިޔަންމާ އާއި އިންވެގެން އޮތް ބަންގާޅުގެ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކަށް ޖަމާވަމުންދާއިރު، މިޔަންމާގައި ހިންގާ ޖަރީމާތަކުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ސަލާމަތް ވިޔަ ނުދިނުމަށް މިޔަންމާ އާއި ބަންގާޅު ގުޅޭ ބޯޑަރު ކައިރީގައި މިޔަންމާ ސިފައިން މައިން ވަޅުލަމުންދާކަމުގެ ކަންބޮޑުވުން ބަންގާޅު ސިފައިން ވަނީ ހާމަކޮށްފައެވެ. ބޯޑަރު ހުރަސްކުރާން އުޅުނު އެތައް ބަޔަކު ވަނީ ދެޤައުމުގެ ދެމެދުގައިވާ ކޯރަށް ގެނބިގެން ވެސް މި ދުނިޔެ ދޫކޮށްފައެވެ. މިޔަންމާގެ އެތެރޭގައި ހަދާފައިވާ ޑިސްޕްލޭސްމަންޓް ކޭމްޕްތަކަށް ކާބޯތަކެއްޗާއި، އިންސާނީ އެހީ ފޯރުކޮށްދިނުން، ސުޗީގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ލޯމައްޗަށް ފެންނަމުންދާ މި މަންޒަރުތަކާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ސޫޗީއަށް ކުރިމަތިކުރި ފާޑުކިޔުމުގެ ރައްދުގައި އެކަމަނާ އަދިވެސް ސަލާމަތް ކުރަނީ އެ ޤައުމުގެ އަސްކަރިއްޔާއެވެ. އެކަމަނާ ވިދާޅުވާ ގޮތުގައި އަސްކަރިއްޔާއިން ހިންގާ ޖަރީމާތައް ކުށްވެރިކުރާ މީހުންނަކީ މިޔަންމާ އާއި ގުޅޭގޮތުން ނުބައި މައުލޫމާތު ލިބިފައިވާ ބައެކެވެ. އެކަމަނާ ވިދާޅުވާ ގޮތުގައި މިޔަންމާގައި ކުރިއަށްދަނީ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ ޓެރަރިސްޓުން ހޯދައި، ޓެރަރިޒަމް ނައްތާލުމަށް ކުރިއަށްގެންދާ ކަންތައްތަކެކެވެ.

އެކްޓިވިސްޓެއްގެ ފިކުރާއި، ސިޔާސީ ވެރިކަމެއް ދެމެހެއްޓުމުގެ ފިކުރު އެއްގަލަށް އެރުވުމަކީ، އުނދަގޫ ކަމެއް ނަމަވެސް، ސޫޗީހައި އަވަހަށް އަގުވެއްޓިގެންދިޔަ ލީޑަރަކު ފަހުގެ ތާރީޚުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. ރޮހިންޖާ ދަރިކޮޅާއިމެދު މިއަދު ސޫޗީ ކަންކުރައްވަމުން އެ ގެންދަވާގޮތުން، ބަރުމާގެ އަސްކަރީ ޑިކްޓޭޓަރުންނާއި ދެކޮޅުހައްދަވައި، ގޭބަންދުގައި އެކަމަނާ ހޭދަކުރެއްވި 15 އަހަރުން ލިބުނު ރީތި ނަން އެ ދަނީ ފުހެވެމުންނެވެ.

މިޔަންމާގައި މިހާރު ކުރިއަށްދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ބެލުމުގެ ޖާގަ އޮތްކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. ސޫޗީއެކޭ އެއްފަދައިން، ނޮބެލް ސުލްޙައިގެ އިނާމު ލިބިވަޑައިގެންފައިވާ ދެކުނު އެފްރިކާގެ ޑެސްމޮންޑް ޓޫޓޫ އާއި ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ ވަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ދިފާޢުގައި ވާހަކަފުޅު ދެއްކެވުމަށް ސޫޗީއަށް ގޮވާލައްވާފައެވެ. އެހެނިހެން ފަރާތްތަކުން ވަނީ ސޫޗީއަށް އަރުވާފައިވާ ނޮބެލް ސުލްޙައިގެ އިނާމު އެކަމަނާގެ އަތްޕުޅުން އަތުލުމަށް ނޮބެލް ކޮމިޓީއަށް ގޮވާލާފައެވެ.

ސޫޗީއަށް ފޮނުއްވެވި ހުޅުވާލާފައިވާ ސިޓީއެއްގައި ޑެސްމޮންޑް ޓުޓޫ ވަނީ، މިޔަންމާގެ ވެރިކަމަށް ވަޑައިގަތުމަށް ސޫޗީ ދެއްވާ ސިޔާސީ އަގަކީ، އެކަމަނާ ހަނުހުންނެވުން ކަމުގައިވާނަމަ، އެއީ މާބޮޑު އަގެއް ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ލީޑަރުންނާއި އެކްޓިވިސްޓުން ދަނީ މިޔަންމާގައި ރޮހިންޖާ ދަރިކޮޅާއި ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޒިންމާ ސީދާ ސުޗީ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުންނެވެ.

2015 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އެކަމަނާގެ ނޭޝަނަލް ލީގް އޮފް ޑިމޮކްރަސީއަށް ބޮޑު ކާމިޔާބެއް ލިބި، މިޔަންމާގެ ސްޓޭޓް ކައުންސިލަރގެ މަޤާމަށް އެކަމަނާ ވަޑައިގަތުމާއިއެކު، އޭޝިއާގެ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުގައި ގުނައިލެވޭ މިޔަންމާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. ނަމަވެސް ކަން އެމަގަށް ހިނގާތަނެއް ނުފެނުނެވެ،

90 އިންސައްތަ ބުޑިސްޓް އާބާދީއެއް އޮތް މިޔަންމާގެ ދީނީ އަދި ނަސްލީ މައިނޯރިޓީއެއް ކަމުގައިވާ ރޮހިންޖާ ދަރިކޮޅަށް ދެމުންދާ އަނިޔާތައް ކުށްވެރި ކުރެއްވުމަށް ސޫޗީ ވަނީ އަބަދުވެސް ދެކޮޅު ހައްދަވާފައެވެ. މިޔަންމާގެ ހަމަނުޖެހުމާއި ގުޅޭގޮތުން އެކަމަނާ އާންމުކޮށް ވިދާޅުވާ ވާހަކަފުޅަކީ، މިޔަންމާގެ ބުޑިސްޓުންނަށް އަނިޔާ ލިބެމުންދާ ވާހަކައެވެ. ރޮހިންޖާ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަން ވެސް އެކަމަނާ ގިނަ ފަހަރު ދެކޮޅު ހައްދަވައެވެ. މިޔަންމާގެ އަސްކަރިއްޔާއެކޭ އެއްފަދައިން ސޫޗީގެ ސަރުކާރުން ވެސް ދެކޭ ގޮތުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަކީ، މިޔަންމާއަށް ވަގަށް އެތެރެވެގެން އުޅޭ ބަންގާޅުގެ ރައްޔިތުންތަކެކެވެ.

ގޭބަންދުގައި ހޭދަކުރެއްވި ގިނަ އަހަރުތަކުގައި ސޫޗީގެ މައިގަނޑު ސިޔާސީ ފިކުރު ހާމަވެގެން ގޮސްފައެއް ނުވެއެވެ. މައްސަލަތަކުގައި އެކަމަނާ ދެކިލައްވާގޮތް ހާމަކުރައްވާފައެއް ނުވެއެވެ. އޭރު މުޅިންވެސް ދެއްކެވީ އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، ޑިމޮކްރަސީ ޤާއިމްކުރާ ވާހަކައެވެ. އެކަމަނާގެ ހަޤީޤީ ކުލަ ހާމަވާން ފެށީ ވެރިކަމުގެ އާރާއި ބާރު ލިބިލެއްވި ހިސާބުންނެވެ. ރޮހިންޖާ ދަރިކޮޅުގެ މައްސަލައާއި ގުޅޭގޮތުން ނޫސްވެރިން ކުރިމަތިކުރަމުންދިޔަ ސުވާލުތަކާއި އެކު ކޯފާއިސްކުރައްވައި އިންޓަރވިއުތައް ދޫކުރައްވައި ވަޑައިގަންނަވާން ފެއްޓެވި ހިސާބުންނެވެ.

ސޫޗީ ހުންނެވީ ވަރަށް ދަތި ހާލަތެއްގައި ތާށިވެވަޑައިގެންފައި ކަމަށާ، ރޮހިންޖާ ދަރިކޮޅުގެ ދިފާޢުގައި އެއްޗެއް ވިދާޅުވެއްޖެނަމަ މިޔަންމާގެ ބުޑިސްޓު މެޖޯރިޓީގެ ސަޕޯޓު އެކަމަނާއަށް ގެއްލޭނެ ކަމަށް މިޔަންމާ ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ބާރަށްޓަކައި، ސޫޗީ އެކަމަނާގެ އިންސާނިއްޔަތުކަން އެއްފަރާތް ކުރެއްވިއިރު، އެ އިންސާނިއްޔަތުކަމާއިއެކު އެކަމަނާއަށް އޮތް އިހުތިރާމާއި ރީތި ނަންވެސް ވަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ގެތަކާއި އެކު އަނދައި އަޅިއަށްވެ ގޮސްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
11%
0%
0%
89%
0%
0%
ކޮމެންޓް