ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 10:31
ބިންހެލުމުގެ ކާރިޘާގައި ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ މީހުން ހޯދުމަށް، ޢާއިލާތަކާއި ހެޔޮ އެދޭ މީހުން ކުރަމުންދާ މަސައްކަތްތައް އަދިވެސް ހުއްޓައެއް ނުލާ
ތުރުކީވިލާތަށް އައި ބިންހެލުން
އަހަރެއް ވީ އިރުވެސް ނިޝާނެއް ނުފެނޭ: އަތްފުނާ އަޅަނީ ދަތެއްގެ މިންވަރު ނަމަވެސް ފެނޭތޯ!
 
ފެބުރުއަރީ 6، 2023 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުމުގައި ތުރުކީވިލާތުން އެކަނިވެސް 53000 މީހުން މަރުވި
 
ގެއްލިފައި ވާ މީހުންގެ ޢާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން ދަނީ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން ޖަވާބުތަކެއް ލިބޭތޯ މަސައްކަތް ކުރަމުން

އެއީ މީގެ 1 އަހަރު ކުރިއެވެ. ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގެ ކާރިޘާއަށް ފަހު، އައި ފުރަތަމަ ހެނދުނެވެ. ތޫބާ އަކްޔޫޒް، އޭނާގެ ޢާއިލާއާއެކު އަވަސްވެގަތީ، އަޚް މުސްޠަފާ ބަތުހާން ގޫލެޗްއަށް ވީ ނުވީއެއް ބެލުމަށެވެ. މުސްޠަފާ ދިރިއުޅެމުން ދިޔައީ 5 ފަންގިފިލާގެ މައްޗަށް އެކުލެވޭ ޢިމާރާތެއްގައި ހުރި އެޕަރޓްމަންޓެއްގައެވެ. އެ ހިސާބަށް ދެވުނު އިރު، ތޫބާއާއި އޭނާގެ ޢާއިލާއަށް ފެންނަން އޮތްހައިވެސް އެއްޗަކީ، ވެއްޓި، ސުންނާފަތިވެފައި އޮތް ޢިމާރާތުގެ ބައިތަކެވެ.

މިއީ ތުރުކީވިލާތުގެ ޒަމާނީ ތާރީޚު ދުށް އެންމެ ބާރުގަދަ ބިންހެލުމަށް އަހަރެއް ފާއިތުވާ ހަފުތާއެވެ. ބިންހެލުމުގެ ކާރިޘާގައި ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ މީހުން ހޯދުމަށް، ޢާއިލާތަކާއި ހެޔޮ އެދޭ މީހުން ކުރަމުންދާ މަސައްކަތްތައް އަދިވެސް ހުއްޓައެއް ނުލައެވެ. މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދުގެ ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ ހަތޭ ޕްރޮވިންސްގެ އިސްކަންދަރޫންގައި ހުންނަ އޭނާގެ ގޭގައި އިނދެ، ވާހަކަދައްކަމުން، ތޫބާ ބުނީ، މުސްޠަފާއަށް އެއްވެސް ކަމެއް ވީ ނަމަ، އެންމެ ކުޑަ މިނުން އޭނާ ހުރި ތަނެއް އެނގުނީސް ކަމަށެވެ.

ގެއްލިފައި ވާ މީހުންގެ ޢާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން ދަނީ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން ޖަވާބުތަކެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެއްޓުނު ޢިމާރާތްތަކުގެ ގައު ކުނޑިތަކާއި، ހޮސްޕިޓަލުތަކާއި ޤަބުރުސްތާނުތަކުގައި ހިނގާ ދިޔަ ކަންކަން އޮޅުންފިލުވުމަށް އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

ފެބުރުއަރީ 6، 2023 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުމުގައި ތުރުކީވިލާތުން އެކަނިވެސް 53000 މީހުން މަރުވިއެވެ. އަވަށްޓެރި ސޫރިޔާއިން 6000 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައް މިލިއަން ބަޔަކު ވަނީ ރެފިއުޖީންނަށް ވެފައެވެ. ތުރުކީވިލާތުގައި ހަރަކާތްތެރިވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގުރޫޕަކުން ބުނި ގޮތުގައި، ބިންހެލުމަށް ފަހު އަދިވެސް 140 މީހެއްގެ އެއްވެސް ޚަބަރެއް ނެތެވެ.

ބިންހެލުމުގެ ބިރުވެރި ކާރިޘާއާ ވިދިގެން އައި ދުވަހުގެ ހެނދުނު، މުސްޠަފާގެ ޚަބަރެއް ބަލަން އެގެއަށް ދިޔައިރު، ޢިމާރާތްވެސް ވަކި ނުވާ ވަރަށް އޮތީ ސުންނާފަތިވެއެވެ. އެ މަންޒަރު ފެނި، ތީބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މަންމައާއި ފިރިމީހާ، އަދި 2 ދަރިންވެސް ގޮވައިގެން ދިޔަ ތޫބާގެ ބަނޑަށް އޭރު 8 މަހެވެ.

ޤާނޫނީ ވަކީލު ކަން ކުރަމުން އަންނަ، ޢުމުރުން 34 އަހަރުގެ ތޫބާ ބުނި ގޮތުގައި އެ ޢާއިލާއިން ވަނީ ކޯޓުތަކާއި، ޤަބުރުސްތާންގެ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ ލިޔެކިޔުންތައް ބަލައިގެން، ކޮންމެވެސް ވަރެއްގެ ހެކިތަކެއް އެއްކޮށްފައެވެ. އަދި މުސްޠަފާއަކީ ގެއްލިގެން، ހޯދާ ނުފެނިފައި ވާ މީހެއް ކަމަށް ތުރުކީވިލާތުގެ ޕްރޮސެކކިއުޓަރޒް އޮފީހަށްވެސް ވަނީ ހުށަހަޅާފައެވެ.

މުސްޠަފާގެ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި ޖަހާފައި އޮތް އިޢުލާން ފެނިގެން އެއްދުވަހަކު އަންހެނަކު ގުޅިއެވެ. އަދި ޖެހިގެން ހުރި ޢިމާރާތުން ބޭބެ ނަގައިގެން، ހުދު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް އެމީހާ ބުނެފައި ވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މުސްޠަފާ ދިރިހުއްޓާ ފެނިދާނެ ކަމުގެ އުންމީދު އައު ވީ އެހާ ހިސާބުންނެވެ. އެކަމަކު، އެކަމުންވެސް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ.

ތޫބާ މިއަދު ޤަބޫލު ކުރާ ގޮތުގައި މުސްޠަފާ މިއަދު މި ދުނިޔެއަކު ނެތެވެ. ނަމެއް ނުޖަހާ ވަޅުލި މީހުންގެ ތެރޭގަ، ނުވަތަ އެހެން މީހެއްގެ ނަމުގަ މުސްޠަފާގެ ހަށިގަނޑު ވަޅުލާފައި އޮތުން އެކަށީގެން ވާ ކަމަށް ތޫބާ ޤަބޫލު ކުރެއެވެ.

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދު ކަމަށް ވާ ހަތޭ ޕްރޮވިންސްގެ ސަމަންދަގުގައި ފަތުރުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އައްޔަ އުކްތާއީއަކީވެސް ތޫބާ ފަދައިން އޭނާގެ އަޚު ހޯދަމުން ދާ މީހެކެވެ. ބިންހެލުމަށްފަހު މެހްމެތުގެ އެއްވެސް ޚަބަރެއް ނެތެވެ. އޭނާ ދިރިއުޅެމުން ދިޔަ ޢިމާރާތުގެ އެންމެ ފަހު ބައި ނަގައިގެން ގެންދަން ދެކަށްވެސް އުކްތާއީމެންގެ ތިބީ، މެހްމެތުގެ ނިޝާނެއް ފެނޭތޯއެވެ.

ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް އެއްވެސް ނިޝާނެއް ނުފެނުނެވެ. އިޝާރާތެއްވެސް ނުލިބެއެވެ. އުންމީދު ކަނޑާ ނުލިއެއް ކަމަކު، މެހްމެތުގެ ހަށިގަނޑު، ޢިމާރާތުގެ ބައިތަކާ އެކީ ނަގައިގެން ގެންދެވިފައި އޮތުން އެކަށީގެންވާކަމަށްވެސް އުކްތާއީ ޤަބޫލު ކުރެއެވެ.

ހަފުސްވެފަ އޮތް އެޕަރޓްމަންޓްގެ ބޭރުގަ އަހަރެމެން ތިބިން 21 ދުވަސް ވަންދެން. އެންމެ ފަހު ކުނިކޮޅު ނަގާ ސާފު ކުރަންދެކަށް ތިބިން. އެކަމުން އެއްވެސް ނަތީޖާއެއް ނުފެނުން. ހިތަށް އެރީ، ކޮންމެވެސް ގޮތަކުން އަހަރެމެން އަތުން ލޫދުނީޔޭ. ކޮންމެވެސް މީހަކު އޭނަ ނަގައިގަނެގެން ހޮސްޕިޓަލަކަށް ގެންދިޔައީއޭ. މުޅިތަން އޮތީ ބޮޑު ހައިޖާނުގަނޑަކަށް ވެފަ. ކާކު، ކީއްކަމެއް ކުރަނީވެސް އެނގެނީއެއް ނޫން. ދެން ތުރުކީގެ ހުރިހާ ހޮސްޕިޓަލެއްގަ އަތްފުނާ އަޅަން ފެށީ. އެއް ސިޓީއިން އަނެއް ސިޓީއަށް ގޮސް، ހޮސްޕިޓަލުތަކުގަ އަހާ ހަދަން. އެތަނަށް ގެންދެވިފަ އޮތްތޯ. އެތަނުގަ މަރުވި ތޯ. ވަޅުލީ ތޯ އޮޅުން ފިލުވަމުން ދިޔައީ. އެކަމުންވެސް އެއްވެސް ނަތީޖާއެއް ނުލިބުނު އަހަރެމެންނަކަށް.
އައްޔަ އުކްތާއީ؛ ތުރުކީ ބިންހެލުމުގައި ގެއްލިފައި ވާ މީހެއްގެ އަޚެއް

ރެކްޓަރ މިންގަނޑުން 7.8 ގެ ބާރު މިނުގައި އައި ބިންހެލުމުގައި، ބެލްޖިއަމްއާއި ނެދަލަންޑްސް އެއްކޮށްލުމުން ވާހާ ބޮޑު ސަރަޙައްދެއްގެ ސިޓީތަކާއި އަވަށްތައް ހަފުސްކޮށްލިއެވެ.

ދާދި ފަހުން ތުރުކީވިލާތުގެ ޓީވީ ބްރޯޑްކާސްޓަރުންނާ ވާހަކަދައްކަވަމުން، އެ ޤައުމުގެ ޢާއިލާތަކާ ބެހޭ ވަޒީރު، މަހިނޫރު އުޒްދެމީރް ގޮކްތާސް ވިދާޅުވީ، ބިންހެލުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ތެރޭގައި އެއްވެސް ކުޑަކުއްޖަކު ނުހިމެނޭ ކަމަށެވެ. ގެއްލިފައި ވާ ކަމަށް ބުނާ 140 މީހުންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ތުރުކީވިލާތުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުންވެސް އެއްޗެއް ނުބުނެއެވެ.

އަދިވެސް ޚަބަރެއް ލިބިފައި ނުވާ މީހުންގެ މައްސަލާގައި، ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ޚާއްޞަ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް، އެމީހުންގެ ޢާއިލާތަކުން ވަނީ ގޮވާލާފައެވެ. ޢާއިލާގެ ލޯބިވާ މެންބަރުން މަރުވެފައި އޮތެއް ކަމަކު، ވަޅުލިތަނެއް އެނގެން ބޭނުންވާ ކަމަށް އެމީހުން ބުނެއެވެ.

ހަތޭގެ ވެރިކަން ކުރާ އަންތާކްޔާގައި ދިރިއުޅޭ، ޢުމުރުން 65 އަހަރުގެ އައިސޫން ޖެލެންކުގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. އައިސޫންވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ޚަބަރެއް ލިބޭތޯއެވެ.

 

އައިސޫންގެ އަންހެން ކޮއްކޮ ބީރްނާއާއި ޅިޔަނު ކެމާލް ތޫރުން ދިރިއުޅެމުން ދިޔައީ 7 ފަންގިފިލާގެ މައްޗަށް އެކުލެވޭ ޢިމާރާތެއްގެ 4 ވަނަ ފަންގިފިލާގައެވެ. ޢުމުރުން 58 އަހަރުގެ ބީރްނާއާއި ކެމާލްއަކީ 2 ޓީޗަރުންނެވެ.

އަހަރެންގެ އަންހެން ކޮއްކޮއާއި އޭނަގެ ފިރިމީހާ އުޅުނީ މިތާ 4 ވަނަ ފްލޯރގަ. 7 ބުރީގެ ޢިމާރަތް ވެއްޓުނު ފަހުން ފެންނަން ހުރީ އެންމެ 2 ބުރި. މުޅި ޢިމާރާތްހެން އޮތީ ބިމު އަޑިއަށް ވަޅުޖެހިފަ. ކޮންކުރީޓް ބްލޮކްތައް ހުރީ ފުނިފުންޏަށް. މީހުން ސަލާމަތް ކުރަން ވަރަށް އުނދަގު ވާނޭ ހިތަށް އެރީ. ދެވަނަ ދުވަހު އަހަރެމެން ތިބީ މިތާ، ހެނދުނުން ފެށިގެން ރޭގަނޑުވަންދެން. ހުޅުގަނޑެއް ޖަހައިގެން އުޅުނީ.
އައިސޫން ޖެލެންކު؛ ތުރުކީ ބިންހެލުމުގައި ގެއްލިފައި ވާ މީހެއްގެ ދައްތަ

އައިސޫން ކިޔައިދިން ގޮތުގައި، ހާދިޘާއަށް ފަހު އެ ސަރަޙައްދަށް ދިޔަ ގޮތަށް، ހިނދުކޮޅަކަށްވެސް އޭނާ ދުރަށް ޖެހިލާފައެއް ނުވާނެއެވެ. މަރުވެފައި ވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފެށުނީ 6 ވަނައަށް ވީ ދުވަހު، އެކްސްކަވޭޓަރު އައި ހިސާބުންނެވެ. ނަމަވެސް، 2 މީހުން ކުރެ އެކެއްގެ ހަށިގަނޑުވެސް ނުފެނުނެވެ. ނުވިތާކަށް، އެ ސަރަޙައްދުން ވެލި ނަގައިގެން ހެދި ދިރާސާތަކުންވެސް، ބީރްނާއާއި ކެމާލްގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.

މި ޢިމާރާތުން 59 މީހަކު ވީ ގެއްލިފަ. ރެކޯޑް ކުރެވިފަ އޮތީ މަރުގެ ވަރަށް މަދު ކޭސްތަކެއް. ދެން ތިބި އެންމެން، ހަމަ ހުރެފަ ނުއެއް ގެއްލޭނެތާ. ސޯޝަލް މީޑިއާއިން އަހަންނަށް ފެނުނު، ތަން ސާފު ކުރުމުގެ މަސައްކަތް ކުރިއިރު ސިންކްހޯލްތަކެއް ހެދުނު ވާހަކަ. އަބަދުވެސް މިތަނުގެ މަޢުލޫމާތު އޮޅުން ފިލުވަމުން ދަނީ. އަހަރެން ހިތަށް އެރީ، ބިންގަނޑު ފަޅައިގެން ގޮސް، އެ 59 މީހުން، އެ ސިންކްހޯލް ތެރެއަށް ގަނބައިގަތީއްޔޭ.
އައިސޫން ޖެލެންކު؛ ތުރުކީ ބިންހެލުމުގައި ގެއްލިފައި ވާ މީހެއްގެ ދައްތަ

އައިސޫންވެސް ވަނީ ޢާއިލާއިން ގެއްލިފައި ވާ މީހުންގެ މައްސަލަ، ޕްރޮސެކިއުޓަރުގެ އޮފީހަށް ހުށަހަޅާފައެވެ. ކޮޅެއްގައި ޖެހެންދެން ދޫ ނުދޭނެކަމަށްވެސް އައިސޫން ބުނެއެވެ. އައިސޫން މިހާރުވެސް، ކޮންމެ ހަފުތާއަކު 3 ފަހަރު، އެ ސަރަޙައްދަށް ދެއެވެ. އައިސޫން ބުނި ގޮތުގައި ބީރްނާއާއި ކެމާލްއަކީ އޭނާގެ މުޅި ދުނިޔެއެވެ. މިއަދު އޭނާ އަތްފުނާ އަޅަމުން ދަނީ އެ 2 މީހުންގެ ކަށިކޮޅެއް ފެނޭތޯ އެކަންޏެއް ނޫނެވެ. އެންމެ ދަތެއް ހާ ކުޑަކުޑަ ނިޝާނެއްވެސް ފެނޭތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް