ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 13:28
އެމެރިކާގެ ރިޕޯޓަކީ 200 އެއްހާ ޤައުމަށް، ތުހުމަތުގެ އިނގިލި ޢަމާޒު ކުރާ ރިޕޯޓެއް ކަމަށާ، އެވެސް އެމެރިކާ ފިޔަވާ ދެން ހުރި ޤައުމުތައް ކަމަށް ޗައިނާއިން ސިފަ ކުރޭ
އެމެރިކާ އާއި ޗައިނާގެ ގުޅުން
އިންސާނީ ޙައްޤުތަކުގެ ނަމުގައި އެމެރިކާއިން މުޅި ދުނިޔެއަށް އަތްގަދަ ކުރުން ނޫން ކަމެއް ކުރޭތަ؟
 
އެމެރިކާއިން އެކުލަވާލީ އިންސާނީ ޙައްޤުތަކާ ބެހޭ ރިޕޯޓެއް "ކަމަށް ބުނާ ރިޕޯޓެއް" ކަމަށާއި، އެ ރިޕޯޓާ ޗައިނާއިން ވަރުގަދައަށް ދެކޮޅު ހަދާކަމަށް، އެ ޤައުމުގެ ފޮރިން މިނިސްޓްރީއިން ވަނީ ފާޅުގައި ބުނެފައި
 
އިންސާނީ ޙައްޤުތަކުގެ ސިފައިގައި، އެމެރިކާގެ ބާރު، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މައްޗަށް ހިންގަމުން ގެންދާ މަންޒަރު ފެންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށް ޗައިނާއިން ބުނޭ

އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެންމެ ގަދައަށް އަޑަށް ބާރުލާފައި ވާހަކަދައްކާ ޤައުމަކީ އެމެރިކާއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކަމެއް ހިނގިޔަސް، ޙައްޤުތަކާއި އެ ކަމަކާ ގުޅުވައިގެން އެންމެ ފުރަތަމަ ބަސްބުނެ، ގޮތް ނިންމާ ޤައުމަކަށްވެސް ގިނަ ފަހަރަށް ވެފައި އޮންނަނީ ހަމަ އެމެރިކާއެވެ. ނަމަވެސް، އެއީ އެކަމުގައި މާ ބޮޑު އަސާސެއް ނުވަތަ ބުރަދަނެއް ހުރި ކަމަކަށް ނުވެއެވެ. ސަބަބަކަށް ވަނީ، އެމެރިކާގެ އިމުން އެތެރޭގައި އެ ބުނާ ޙައްޤުތަކެއް އެ ގޮތުގައި ތަންފީޒު ވަމުން ނުދިއުމެވެ. ކިތަންމެ ހިއްޗަސް، މިއީ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެކެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔަކީ އަދި ހަތުރަކީވެސް ހަމަ ޗައިނާއެވެ. އެމެރިކާގެ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި ކަންކަމުގައި ޗައިނާގެ ރަޢުޔުވެސް އޮތީ ކުރިން މިދެންނެވި ފަދަ ގޮތަކަށެވެ. އިންސާނީ ޙައްޤުތަކާ ގުޅުވައިގެން އެމެރިކާއިން އެންމެ ފަހުން ނެރުނު ރިޕޯޓަށްވެސް ޗައިނާއިން ކުރަނީ އިންކާރެވެ. އެމެރިކާއިން އެކުލަވާލީ އިންސާނީ ޙައްޤުތަކާ ބެހޭ ރިޕޯޓެއް "ކަމަށް ބުނާ ރިޕޯޓެއް" ކަމަށާއި، އެ ރިޕޯޓާ ޗައިނާއިން ވަރުގަދައަށް ދެކޮޅު ހަދާކަމަށް، އެ ޤައުމުގެ ފޮރިން މިނިސްޓްރީއިން ވަނީ ފާޅުގައި ބުނެފައެވެ. އަދި އިންސާނީ ޙައްޤުތަކުގެ ސިފައިގައި، އެމެރިކާގެ ބާރު، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މައްޗަށް ހިންގަމުން ގެންދާ މަންޒަރު ފެންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށްވެސް ޗައިނާއިން ބުނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ވޭންގް ވެންބިން މިފަދަ މޭރުމަކުން އެމެރިކާއަށް ބަހުގެ ޙަމަލާތަކެއް ޢަމާޒު ކުރައްވާފައި މި ވަނީ، މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޚާރިޖިއްޔާއިން އާންމު ކުރި، 2023 ކަންޓްރީ ރިޕޯޓްސް އޮން ހިއުމަން ރައިޓްސް ޕްރެކްޓިސަސްއާ ގުޅިގެން، އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކަންޓްރީ ރިޕޯޓްސް އޮން ހިއުމަން ރައިޓްސް ޕްރެކްޓިސަސްއަކީ، ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ތަންފީޒު ކުރަމުންދާ ގޮތް، އެމެރިކާގެ ނަޒަރިއްޔާއިން ވިލަރެސްކޮށް، އެކުލަވާލާ ރިޕޯޓެކެވެ.

އަހަރުން އަހަރަށް އެމެރިކާއިން ޝާޢިއު ކުރަމުން ގެންދާ ރިޕޯޓްގައި ޗައިނާއަށް ޚާއްޞަކޮށްފައި އޮތް ބާބު ފުރިފައިވަނީ ސިޔާސީ ދޮގުތަކާއި ފިކުރީ ގޮތުން އެއްފަރާތަކަށް ބުރަވާ ވާހަކަތަކުން ކަމަށް ބުނެ، ޗައިނާއިން އެކަމާ ވަރުގަދައަށް ދެކޮޅު ހަދައެވެ. ޗައިނާގައި އިންސާނީ ޙައްޤުތައް ހުރި-ނެތް ގޮތް ބަޔާންކޮށްދޭން އެންމެ އެކަށީގެންވާ މަޤާމެއްގައި ތިބި ބަޔަކީ ހަމަ ޗައިނާގެ ރައްޔިތުން ކަމަށް ވޭންގް ވަނީ ވިދާޅުވެފައެވެ. ޤައުމެއްގެ ޙައިސިއްޔަތުން ޗައިނާގެ ޤަބޫލުކުރުންތައް ހުރި މޭރުމުން، އަދުގެ ފަލްސަފާތަކަށް ފެތޭ ޙައްޤުތައް ކަށަވަރުތަކަށް ވާސިލުވާނެ ރާސްތާ، ޗައިނާއިން ހޯދާފައި ވާ ކަމަށްވެސް އެ ޤައުމުން ވަކާލާތު ކުރެއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާއިން އެކުލަވާލި ރިޕޯޓުގެ ޗައިނާ ބާބުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެމެރިކާގެ ރިޕޯޓަކީ 200 އެއްހާ ޤައުމަށް، ތުހުމަތުގެ އިނގިލި ޢަމާޒު ކުރާ ރިޕޯޓެއް ކަމަށާ، އެވެސް އެމެރިކާ ފިޔަވާ ދެން ހުރި ޤައުމުތައް ކަމަށް ޗައިނާއިން ސިފަ ކުރެއެވެ. މިކަމަކީ އަނެއްކާވެސް އެމެރިކާގެ ނުފޫޒު ފޯރުވުމާއި، ބުލީކުރުމުގެ އަމިއްލަ އެދުން ބޮޑު ޠަބީޢަތާއި، އެމެރިކާގެ ބަހާއި ޢަމަލުގެ ގުޅުމެއް ނެތް، މުނާފިޤު، 'ދެފުށް ކެހެރި' އުސޫލުތައް ސާފުކޮށް އަންގައިދޭ ކަމެއްގެ ގޮތުގައި ޗައިނާއިން ސިފަ ކުރެއެވެ.

އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެމެރިކާއިން އެ ހަދާ ރިޕޯޓެއް ކޮންމެ އަހަރަކުވެސް އެ ދަނީ ނެރެމުން، އޭގަ އޮތް ޗައިނާގެ ބާބުގަ މުޅިންވެސް އޮތީ ޙަޤީޤަތެއް ނެތް ސިޔާސީ ދޮގުތައް. ވަކި ފަރާތަކަށް ޖެހިފަ އޮތް ފިކުރުތަކެއް. ޗައިނާއިން ކަނޑައެޅިގެން އެ ވާހަކަތާ ދެކޮޅު. ޗައިނާގެ އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ބަޔަކީ ހަމަ ޗައިނާގެ ރައްޔިތުން. އަހަރެމެން މި ވަނީ އިންތިހާ ކުރިއެރުން ހޯދާފަ. އިންތިހާ ފަޤީރުކަން މުޅިންހެން ނައްތާލާފަ މި އޮތީ. އަހަރެމެން މިހާރު މި ތިބީ ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަން ތަރައްޤީ ކުރަމުން ދާ މަރުޙަލާގަ. އިންސާނީ ޙައްޤުތަކަށް ވާސިލުވާނެ މަގު އަހަރެމެން ހޯދައިފިން. އެއީ އަހަރެމެންގެ ޤައުމިއްޔަތާ ފުށުއެރުމެއް ނެތް ރާސްތާއެއް. އެމެރިކާގެ ހަރވަޑް ޔުނިވަރސިޓީއިން މިދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހު ކުރިއަށް ގެންދިޔަ ދިރާސާއަށް ބަލާ އިރުވެސް، ޗައިނާ ސަރުކާރާ މެދު ރައްޔިތުން ހިތްހަމަޖެހޭ މިންވަރު އުޅެނީ 90 ޕަސެންޓަށް ވުރެ މަތީގަ.
ވޭންގް ވެންބިން؛ ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު

ވަކިވަކި މިސާލުތަކަށް އިޝާރާތް ކުރައްވަމުން ވޭންގް ވަނީ، ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ނިވަލުގައި އޮވެގެން އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ 110000 އަށް ވުރެ ގިނަ ރައްޔިތުންގެ އެއްވެސް އަގެއް އެމެރިކާއަށް ނެތް ކަން ޗައިނާއިން ވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ އެންމެ ވަރުގަދަ ނުފޫޒަކަށް ވެފައި އޮންނަނީވެސް އެމެރިކާއެވެ. ގަތުލުއާންމު ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލީސް މެދުވެރިކޮށް ޤަރާރެއް ފާސްކުރަން މަސައްކަތް ކުރާ ހަމަ ކޮންމެ ފަހަރަކު، އެ ޤަރާރު ވީޓޯ ކުރަނީވެސް އެ މަޖިލީހުގެ ދާއިމީ މެންބަރުގެ ގޮނޑި ފުރަމުން އަންނަ އެމެރިކާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް