ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 11:13
ކޭމްޕުގެ އާބާދީއިން މިއަދު އެހީ ލިބެނީ އެންމެ 5 ޕަސެންޓް މީހުންނަށް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލުން ނަސްލުދޮވެލުމުގެ ޖަރީމާ ހިންގަނީ ޣައްޒާ ބޯޑަރުން އެތެރޭގައި އެކަންޏޭ ބުނާނެ ޖާގައެއް ނެތް!
 
އިޒްރޭލާއި އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކުގެ ވާހަކަތަކަށް ހެއްލިގެން، ގިނަ ޤައުމުތަކަކުން ވަނީ ޔޫއެންއާރްޑަބްލިއުއޭއަށް އެހީދިނުން މަޑުޖައްސާލާފައި
 
ޔޫއެންއާރްޑަބްލިއުއޭގެ ރެކޯޑްތައް ދައްކާ ގޮތުން، ޢުރުދުންގައި ފަލަސްޠީނުގެ ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވާ މީހުންގެ ޢަދަދު، ގާތްގަނޑަކަށް، 2.2 މިލިއަނަށް އަރާ

މިއަދަކީ އޭޕްރިލް މަހުން 20 ވަނަ ދުވަހެވެ. މިހިނގާ 2024 ވަނަ އަހަރުގެ 111 ވަނަ ދުވަހެވެ. ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ގަތުލުއާންމު ހިންގާތާ 196 ދުވަސްވީއެވެ. އެއް ގޮތުން ނުވީއްޔާ އަނެއް ގޮތަކުން، ފަލަސްޠީނުގެ ބިންތަކުން ފަލަސްޠީނުގެ ވަޒަންވެރިން ފައްސާ ހުސްކުރުމަށް ކެތް މަދުވެފައި އޮތް އިޒްރޭލާއި، އިޒްރޭލަށް އެއްބާރުލުންދޭ އެމެރިކާއާއި ހުޅަނގުގެ ބައިވެރިންގެ ތުރާތައް، މިއަދު ކުރިމަތިވަމުން ދަނީ ފަލަސްޠީނުގެ ބިންތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. އެކިއެކި ސަބަބުތަކާ ހެދި، ފަލަސްޠީނު ދޫކޮށް، އަވަށްޓެރި ޤައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށްވެސް މިއަދު ދިރިއުޅުމުގެ އެންމެ ޟަރޫރީ މުހުތާދުތައް ފުއްދާލުމަކީވެސް އިންތިހާ ދަތި ކަމަކަށް އޮތީ ވެފައެވެ.

ފަލަސްޠީނުން ބޭރުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދެމުން ދިޔަ އެއް ޖަމިއްޔާއަކީ އދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީޒް އިން ނިއަރ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) އެވެ. ނަމަވެސް އިޒްރޭލާއި، އިޒްރޭލަށް އެއްބާރުލުންދޭ ޤައުމުތަކުން ފެންމަތި ކުރި އަސާސެއް ނެތް އިލްޒާމުތަކާއި އެކު، އެ ޖަމިއްޔާއަށް ލިބޭ ބައިނަލްއަޤުވާމީ އެހީ އިންތިހާއަށް މަދުވިއެވެ. އެކަމުގެ ސީދާ އަސަރު ފޯރަމުން ދަނީ ފަލަސްޠީނުގެ ފަސްގަނޑުން ބޭރުގައި، ބީރައްޓެހިންތަކެއްގެ ތެރޭގައި، ރެފިއުޖީންގެ ގޮތުގައި ދުވަސްތައް ގުނަމުންދާ މީހުންނަށެވެ. ވަކިން ހާއްސަކޮށް، ޢުރުދުންގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް، މިއަދު ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަން ހަމަޖައްސާލުމަކީވެސް ބޮޑު ތަކުލީފަކަށްވެއްޖެއެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ރެކޯޑްތައް ދައްކާ ގޮތުން، ޢުރުދުންގައި ފަލަސްޠީނުގެ ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވާ މީހުންގެ ޢަދަދު، ގާތްގަނޑަކަށް، 2.2 މިލިއަނަށް އަރައެވެ. ޔޫސުފްއަކީ އޭގެ ތެރެއިން އެކަކެވެ. ޔޫސުފްގެ ފުރިހަމަ ނަމެއް، މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. ޔޫސުފް ދިރިއުޅެމުން ދަނީ ޢުރުދުންގެ ވެރިރަށް އައްމާންގައި އޮންނަ ޖަބަލުލް ޙުސައިން ކޭމްޕުގައެވެ. ބަލި ޙާލަތު ހުރި ގޮތުން، ޔޫސުފްއަކަށް މަސައްކަތު ގޮހެއްވެސް ނުއުޅެވެއެވެ. ޔޫސުފްއާއި އޭނާގެ މުޅި ޢާއިލާއިން، ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ބަރޯސާވާ ހަމަ އެކަނި މަސްދަރަކީ ޔޫއެންއާރްޑަބްލިއޭއާއި، އިންސާނީ އެހީދޭ އެހެނިހެން ޖަމިއްޔާތަކެވެ. ފަހަށްފަހަށް އައިސް، އެ ޢާއިލާއަށް ލިބޭ އެހީ، އިންތިހާއަށް މަދުވެފައި އޮތުމަކީ، ޔޫސުފް މިވަގުތު އެންމެ ބޮޑަށް ކަންބޮޑުވާ އެއް ސަބަބެވެ.

މީގެ ކުރިން، މާލީ އެހީގެ އިތުރުން މުދަލުގެ އެހީވެސް ލިބޭނެ. ބައެއްކަހަލަ ސާމާނު ލިބޭނެ އެހީގެ ގޮތުގަ. އެކަމަކު މިހާރު، ޙާލަތު މުޅިން ބަދަލުވެއްޖެ. މިހާރު ކިރިޔާ ފައިސާގެ އެހީއެއް ލިބެނީ. އެވެސް ހަމަ ވަރަށް ކުޑަ އެއްޗެއް.
ޔޫސުފް؛ ޢުރުދުންގައި ދިރިއުޅޭ ފަލަސްޠީނު ރެފިއުޖީއެއް

މިއީ ހަމައެކަނި ޔޫސުފްގެ ޙާލެއް ނޫނެވެ. ޔޫސުފްއާއި އޭނާގެ ޢާއިލާ ދިރިއުޅެމުންދާ ކޭމްޕުގައި، އަދި އިތުރު 30000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. ކޭމްޕުގެ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ އޮތް މެނޭޖްމަންޓުން ފާހަގަ ކުރި ގޮތުގައި، އެ ކޭމްޕުގެ އާބާދީގެ ބޮޑު ބަޔަކަށް ބޭނުންވާ އެހީ މިއަދު ނުލިބެއެވެ. މުދަލާއި ފައިސާގެ އެހީވެސްމެއެވެ. ކޭމްޕުގެ އާބާދީއިން މިއަދު އެހީ ލިބެނީ އެންމެ 5 ޕަސެންޓް މީހުންނަށެވެ. އެއީވެސް، އިންތިހާ ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ބައެކެވެ.

ކުލިނިކުން މިހާރު ބޭސްފަރުވާގެ އެހީވެސް ދެވޭކަށް ނެތް. އަހަރެމެންނަށް އިތުރު މުވައްޒަފުން ބޭނުންވޭ. އިތުރު ޑޮކްޓަރުން ބޭނުންވޭ، އިތުރު ސްކޫލުތަކާ، ކަމަށް ތަމްރީނުވެފަ ތިބި ޓީޗަރުންވެސް ބޭނުންވޭ.
ފާތިޙް ޚަލީލް ޣަޔާދާ؛ ޖަބުލް ޙުސައިން ކޭމްޕް ސަރވިސަސް ކޮމިޓީގެ ޗެއަރމަން

އިޒްރޭލާއި އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކުގެ ވާހަކަތަކަށް ހެއްލިގެން، ގިނަ ޤައުމުތަކަކުން ވަނީ ޔޫއެންއާރްޑަބްލިއުއޭއަށް އެހީދިނުން މަޑުޖައްސާލާފައެވެ. ޔޫއެންއާރްޑަބްލިއުއޭގައި ޙަމާސް ޖަމާޢަތުގެ މެންބަރުން ހަރަކާތްތެރިވަމުގެ ތުހުމުތަކާ ގުޅިގެން، އެ ޖަމިއްޔާއަށް އެހީ ލިބޭ މިންވަރު އިންތިހާއަށް ދަށްވެފައި ވާ އިރު، އެކަމަށް ޙައްލެއް ހޯދުމަށްޓަކައި އދއިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އަދި ލިބުނު ކުރިއެރުމެއް ނެތެވެ. އިޒްރޭލުން ހިންގަމުންދާ ނަސްލު ދޮވެލުމުގެ ގަތުލުއާންމަކީ ހަމަ އެކަނި ޣައްޒާގެ ބޯޑަރު ތެރޭގައި ހިނގާ ކަމެކޭ ދެންނެވެން އެބައޮތް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް