ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 00:11
ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު
ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު
ގެދޮރުވެރިޔާ ސްކީމް
ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
 
އޭސީސީން މައްސަލަ ނުނިމެނީސް ފުލެޓްތައް ހަވާލުނުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި
 
ރައިސްގެ ޓްވީޓުގައި ވިދާޅުވި ގޮތަށް ދެވަނަ ހަފްތާގެ ރަސްމީ ފަހު ދުވަހަކީ ބުރާސްފަތި ދުވަސް
 
މަސައްކަތް އަވަސް ކުރުމަށްޓަކައި، ބުދަ ދުވަހު އޭސީސީއަށް ސިޓީއެއް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނި

ރައީސްގެ ޓްވީޓުގައި ވިދާޅުވިގޮތަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު ފަރާތްތަކަށް ފުލެޓް ދިނުން ލަސްވެ، އެކަމުގެ ކަންބޮޑުވުންތައް ހިފައިގެން މިނިސްޓްރީއަށް ދިޔަ ފަރާތްތަކާއި ބައްދަލުކޮށް މިނިސްޓްރީގެ ޑެޕިއުޓީ އަދި ސްޓޭޓް ލެވެލްގެ ބޭފުޅުން، ފުލެޓް ލިބުނު ފަރާތްތަކާއި، ބުރާސްފަތި ދުވަހު ފުލެޓްތައް ހަވާލުކުރާނެ ކަމަށް ވިދާޅުވިކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނިކޮށް، އެ ވާހަކަތައް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މިނިސްޓްރީން ބުދަ ދުވަހުގެ ރޭ 10:46 ގައި އެކްސްގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން، ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްޙަ ވާހަކަތަކެއް ނޫން ކަމަށެވެ.

އަދި މިފަދަ ޚަބަރެއް އެ މިނިސްޓްރީން އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓްރީގައި ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމަށްފަހު، އެ ބައްދަލުވުމުގައި ބައިވެރިވި ފުލެޓް ލިބިފައިވާކަމަށް ގެޒެޓްކުރި ލިސްޓުގައި ތިބި ފަރާތްތަކުން  ރާއްޖެ ޓީވީ އާ ވާހަކަ ދައްކަވަމުން އެ ފްލެޓްތަކުގެ މައްސަލައިގައި އާންމުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ އިސްމާއީލް ނާއިފް ވިދާޅުވީ މި މައްސަލައިގައި މިނިސްޓްރީގެ ނިޔަތަކީ އެ މައްސަލަ ދިގުދަންމާނުލައި، ވީހާ ވެސް އަވަހަކަށް ހައްގު މީހުންނަށް ފްލެޓްތައް ހަވާލުކުރުން ކަމަށެވެ.

އެގޮތުން ރައީސްގެ ޓްވީޓާ އެއްގޮތަށް މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އެ މިނިސްޓްރީގެ ފަރާތުން ކުރަމުންދާކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭޖީގެ ލަފަޔަކަށްވެސް އެދިފައިވާ ކަމަށާއި، މީގެ އިތުރުން، އެ މަސައްކަތް އަވަސް ކުރުމަށްޓަކައި، ބުދަ ދުވަހު އޭސީސީއަށް ސިޓީއެއް ފޮނުވާނެ ކަމަށާއި، ވަޒީރާއި ރައީސް ވެސް ފޯނުން ގުޅުއްވައިގެން ވެސް އެކަން އަވަހަށް ކުރައްވަން މަޝްވަރާ ކުރެއްވި ކަމަށް ވުޒާރާއިން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ލިސްޓަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ވުޒާރާއިން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ހަފްތާ ތެރޭގައި ވީހާވެސް އަވަހަކަށް ފުލެޓް ހަވާލުކުރުމަށް ދަނީ ތައްޔާރުވަމުން ކަމަށާއި، އެފްޑީސީ އާއިވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެފްޑީސީއިން އެގްރީމެންޓް ޕްރިންޓްކޮށްފައިވާ ކަމަށާއި، އެގްރީމެންޓުގައި ސޮއިކުރަންޖެހޭ ހޯލުވެސް ތައްޔާރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބައްދަލުކުރި ބޭފުޅުން ވިދާޅުވިކަމަށެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގޯތި އަދި ފުލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި އަދި ފުލެޓް ހަވާލު ކުރުމަކީ އެމަނިކުފާނު ވައުފުޅުފުވީ ގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށެވެ.

ޖެނުއަރީ 2 ވަނަ ދުވަހު ކުރި މި ޕޯސްޓުގައި ރައީސް އިތުރަށް ވިދާޅުވި މި ހަފްތާ އާއި މި އަންނަ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވި ގޮތަށް ދެވަނަ ހަފްތާގެ ރަސްމީ މަސައްކަތު ދުވަހަކީ ބުރާސްފަތި ދުވަހެވެ. އެހެންކަމުން ބުރާސްފަތި ދުވަހު ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް މިނިސްޓްރީން މިހާރު ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު ފުލެޓް ނުދެވޭނެކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވަލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކުރެއްވިއިރު ވިދާޅުވިފަދައިން، ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވަނީ އެންޓ-ިކޮރަޕްޝަން ކޮމިޝަނުން ގެދޮރުވެރިޔާ ސްކީމާއި ގުޅޭ މަސައްކަތް ހުއްޓާލުމަށް އެ މިނިސްޓްރީއަށް އަންގަވާފައިވާތީ ކަމަށެވެ. އަދި އެކަމާގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީން އެ މައްސަލަ ބަލާ، އެ މިނިސްޓްރީއަށް ފޮނުވުމުންކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
14%
0%
0%
29%
43%
14%
ކޮމެންޓް
ގުޅުންހުރި