ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 12:47
ރަޖަބު ޠައްޔިބު އުރުދުޣާން؛ ތުރުކީވިލާތުގެ ރައީސް
ތުރުކީވިލާތުގެ ރައީސް، ރަޖަބު ޠައްޔިބު އުރުދުޣާން
"އެންމެ ފަހުން ހިޓްލަރަށްވެސް ލޯބި ޖެހޭ ވަރު ކުރާނެ، ނަތަންޔާހޫގެ ކަމެއް ވަކި ދެރަތަ؟"
 
އިޒްރޭލުގެ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޖަރީމާއަކީ، ޖަރުމަނުވިލާތުގެ ނާޒީން، ޔަހޫދީންނާ މެދު ކަން ކުރި ގޮތާ ތަފާތު ގޮތެއް ނޫން ކަމަށް އުރުދުޣާން ވަނީ ސިފަކުރައްވާފައި
 
ޔަހޫދީ ނަސްލު ދޮވެލުމަށް 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިޓްލަރުގެ މޭސްތިރިކަމުގެ ދަށުން ހިންގި ހަރަކާތަށް ތާރީޚުގެ ލިޔެކިޔުންތަކުގައި ރިޢާޔަތް ކުރަނީ 'ހޮލޮކޯސްޓް'ގެ ނަމުން
 
ހިޓްލަރު ވަނީ ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަންތަކުގައި ވަރަށް ގާތުން މަސައްކަތްކޮށް، ހޮލޮކޯސްޓް ނުވަތަ ޖަރުމަނުން ޔަހޫދީން ބޭރު ކުރުމުގެ ކަންކަމުގައި އިސް ދައުރެއް އަދާ ކޮށްފައި

މީހެއްގެ ކިބައިގައި ހުރި ނުބައި ނުލަފާކަން އެހެން މީހަކަށް ސިފަކޮށްދިނުމަށް ގިނަ ފަހަރު އެއީ "ހިޓްލަރު" ކަމަށް ބުނެ ވައްބަހުން ޖަހާ އުޅުމަކީ އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ޒަމާނުއްސުރެ އޮންނަ އާދައެކެވެ. ޖަރުމަނުވިލާތުގެ އެޑޯލްފް ހިޓްލަރުގެ ނަމަކީ މީހެއްގެ ނުބައި ކަމުގެ ވާހަކަ ދައްކަން ވެއްޖެނަމަ ކޮންމެ މީހެއްގެ ދުލުކުރިއަށްވެސް އަންނަ އެންމެ ފުރަތަމަ ނަމޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.

ތުރުކީވިލާތުގެ ރައީސް، ރަޖަބު ޠައްޔިބު އުރުދުޣާންއަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ތުރުކީވިލާތުގެ ވެރިކަން ކުރާ އަންކާރާގައި ކުރިއަށް ދިޔަ އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވިދާޅުވީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި ހިޓްލަރާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އިޒްރޭލުގެ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޖަރީމާއަކީ، ޖަރުމަނުވިލާތުގެ ނާޒީން، ޔަހޫދީންނާ މެދު ކަން ކުރި ގޮތާ ތަފާތު ގޮތެއް ނޫން ކަމަށްވެސް އުރުދުޣާން ވަނީ ސިފަކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އުރުދުޣާން އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ޖަރުމަނުވިލާތުގެ އޮފިޝަލުންނަށްވެސް ވަހާކަދެއްކެން ނެތް ކަމަށާ، އެއީ ހިޓްލަރުގެ ޖަރީމާތަކުގެ އަގު އެމީހުން އަދިވެސް އަދާ ކުރަމުން ދާތީ ކަމަށެވެ.

ޔަހޫދީ ނަސްލު ދޮވެލުމަށް 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިޓްލަރުގެ މޭސްތިރިކަމުގެ ދަށުން ހިންގި ހަރަކާތަށް ތާރީޚުގެ ލިޔެކިޔުންތަކުގައި ރިޢާޔަތް ކުރަނީ 'ހޮލޮކޯސްޓް'ގެ ނަމުންނެވެ. މީލާދީން 1941 އާއި 1945 އާ ދެމެދު ނާޒީ ޖަރުމަނާއި އެ ޖަރުމަނަށް އެއްބާރުލުންދޭ ފަރާތްތަކުން ވަނީ ޖަރުމަނުން ހިފާފައިވާ ސަރަޙައްދުތަކުގައި ދިރިއުޅެމުން ދިޔަ، ގާތްގަނޑަކަށް 6 މިލިއަން ޔަހޫދީން ނިޒާމީ ރޭވުމެއްގެ ތެރެއިން މަރާލާފަ އެވެ.

ހިޓްލަރު ވަނީ ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަންތަކުގައި ވަރަށް ގާތުން މަސައްކަތްކޮށް، ހޮލޮކޯސްޓް ނުވަތަ ޖަރުމަނުން ޔަހޫދީން ބޭރު ކުރުމުގެ ކަންކަމުގައި އިސް ދައުރެއް އަދާ ކޮށްފައެވެ. ނާޒީ ޖަރުމަނު ސަރުކާރުން ބޭނުންވީ އެ ޤައުމުން ޔަހޫދީ ނަސްލު ފޮހެލުމަށެވެ. ނާޒީންގެ ކިބައިން ސަލާމަތްވުމަށް ބައެއް ޔަހޫދީން ވަނީ އެހެން ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ތެރޭގައި، ފަލަސްޠީނަށް ދަތުރު ކުރި ޔަހޫދީންވެސް ހިމެނެއެވެ. މިހާރުވެސް އޭގެ ތެރެއިން ބައެއް މީހުން އިޒްރޭލުގައި އެބަ އުޅެއެވެ.

އެމީހުން އެންމެފަހުން އަހަރެމެންގެ ހިތުގަ ހިޓްލަރަށްވެސް ލޯބިޖެހޭ ވަރު ކުރާނެ. ނަތަންޔާހޫ އެކުރާ ކަމަކާ ހިޓްލަރު ކުރި ކަމާ ތަފާތެއް އެބަ ހުރިތަ؟ ނަތަންޔާހޫގެ ކަމެއް ވަކި ދެރަތަ؟ އަދަށް ބަލާއިރު، ހިޓްލަރަކީ މިހާރު މި ހުރި ނަތަންޔާހޫހާ މުއްސަނދި މީހެއްވެސް ނޫން. ހިޓްލަރާ އަޅާ ބަލާއިރު ނަތަންޔާހޫ ފިސާރި ތަނަވަސް. ހުޅަނގުން ބޮޑު އެއްބާރުލުމެއް ލިބޭ. ހުރިހާ ޒާތެއްގެ އެހީ އެބަ ފޮނުވާ އެމެރިކާއިން. އެ އެއްބާރުލުމާ އެކީގަ، އެމީހުން ކީއް އެ ކުރީ ޣައްޒާގެ 20000 އަށް ވުރެ ގިނަ މީހުންނަށް؟ އެމީހުން ޤަތުލޭ އެ ކުރީ ހަމަ! ނިކަން ދެކިބަލަ، ޖަރުމަނުން މިހާރުވެސް އެ ދަނީ ހިޓްލަރުގެ ޖަރީމާގެ އަގު އަދާ ކުރަމުން. ޖަރުމަނުން އަޑެއްލައްވާ ނުލާ، ޗުއްޕުވެސް ބުނެނުލާ އެ އޮންނަނީ އެހެންވެ. ޖަރުމަނުން އޮތީ އިސްދަށަށް ޖެހިފަ. އެކަމަކު، އަހަރެމެން މި ތިބީ އެހެންނެއް ނޫން. އަހަރެމެން މީ އެއްވެސް ބަޔަކަށް، އެއްވެސް ގޮތަކަށް ދަރާފަ އޮތް ބައެއް ނޫން.
ރަޖަބު ޠައްޔިބު އުރުދުޣާން؛ ތުރުކީވިލާތުގެ ރައީސް

ހޮލޮކޯސްޓަކީ އެމީހުންގެ ނަސްލަށް ބަލައިގެން މީހުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާއެވެ. މި ނަސްލު ނައްތާލުމުގެ ޖަރީމާއަކީ ވިހަ ގޭހާއި، ބަޑިއާއި، ޓޭންކްތަކާއި، ވައިގެ ހަމަލާތަކާއި، ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްގެންކުރާ ހަނގުރާމައަކަށްވެސް ވެދާނެއެވެ. އަދި އިޤްތިޞާދީ ވަށާލުމާއި، ބަނޑަށްޖެއްސުމާއި، މުހިންމު ޤުދުރަތީ ވަސީލަތްތައް ނައްތާލުމާއި، ފަސްގަނޑުން ބޭރުކޮށް ނެރެލުމާއި، ފުދުންތެރިކަމަށް ބޭނުންވާ އަސާސީ މުހިންމު ތަކެތިން މަހުރޫމްކުރުން ފަދަ ތަފާތު ގޮތްގޮތަށްވެސް ކުރެވިދާނެ ކަމެކެވެ. ނަތީޖާއަކީ ހަމަ އެއް ނަތީޖާ އެކެވެ. ގިނަ ބަޔަކު މަރުވުމެވެ.

މިދިޔަ އަށްޑިހަ ވަރަކަށް އަހަރު ދުވަހު ފަލަސްތީނުގެ ރައްޔިތުން ތިބީ ގަސްތުގައި، ޔަހޫދީން ރާވައިގެން ވަކި ނިޒާމެއްގެ ތެރެއިން ޕްރޮގްރާމް ކުރެވިފައިވާ ހޮލޮކޯސްޓެއްގައެވެ. ކުރިން މި ފާހަގަ ކުރި ހުރިހާ ޖަރީމާއެއްގެ ޝިކާރައަކަށް ވެފައެވެ. ނަމަވެސް މި ފަހަރުގެ ކުށްވެރިންނަކީ ޖަރުމަނުގެ ނާޒީންނެއް ނޫނެވެ. ނަމަވެސް ނާޒީންގެ ސަބަބުން ކުރިމަތިވި ހޮލޮކޯސްޓުން ސަލާމަތްވި، އަދި އެމީހުންގެ ދަރިފަސްކޮޅުގެ މީހުން ކަމަށް ބުނާ މީހުންނެވެ. ކޫށްވެރިންނަކީ އަދި ޤާތިލުންނަކީ ނިރުބަވެރި ޒަޔަނިސްޓް ޔަހޫދީ އިސްރާއީލުންނެވެ. އެނޫން ދެވަނަ ބައެއް ނޫނެވެ. ވީ އިރު، ހިޓްލަރާއި ނަތަންޔާހޫގެ ތަފާތެއް ނެއްތާއެވެ!

ނަމަވެސް މަދު ލީޑަރަކަށް ނޫނީ އިޒްރޭލާއި ނަތަންޔާހޫ އަދި އިޒްރޭލަށް އެއްބާރުލުން ދޭ އެމެރިކާއާ ދެކޮޅަށް އެއްޗެއް ވިދާޅުވާކަށް ނުކުރެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢަށް ކަމެއް ކޮށްދޭން ކެރިވަޑައިގަންނަވާ ވެރިއަކުވެސް ނެތެވެ. ނަމަވެސް އުރުދުޣާން ވަނީ، އިޒްރޭލަށް ތާޢީދުކޮށް ހުޅަނގުން ދޭ އެއްބާރުލުމަށް ފާޑުވިދާޅުވެފައެވެ. އަދި ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އެ ބައެއްގެ ޚިޔާލު ފާޅު ކުރުމުގެ ސަބަބުން އަމިއްލަ ފަސްގަނޑުގައި ގޮންޖެހުންތަކާއި ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ޢިލްމުވެރިންނާއި ސައެންސްވެރިންނަށް މަރުޙަބާ ކިއުމަށް ތުރުކީވިލާތް އޮތީ ތައްޔާރަށް ކަމަށްވެސް އުރުދުޣާން ވަނީ ވަނީ ޢިއުލާން ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް