ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 22:16
1.2 ބިލިއަން ޑޮލަރުގެ "ޕްރޮޖެކްޓް ނިމްބަސް"އަކީ، އިޒްރޭލުގެ ސަރުކާރަށް ކްލައުޑް ޚިދުމަތްތައް ސަޕްލައި ކުރުމަށްޓަކައި ގޫގްލްއާއި އެމެޒޯން ޑޮޓް ކޮމްއަށް 2021 ވަނަ އަހަރު އެވޯޑް ކުރި ކޮންޓްރެކްޓެއް
ގޫގްލް މަޝްރޫޢުއާ ދެކޮޅަށް ކުރި މުޒާހަރާ
އިޒްރޭލު ސަރުކާރަށް އަސްކަރީ އެހީދޭ ގޫގްލް މަޝްރޫޢުއާ ދެކޮޅަށް ތެދުވި މުވައްޒަފުން ޖަލަށް... އެ ބުނާ ޑިމޮކްރަސީއަކީ މިއީ؟
 
ގޫގުލް އިން ބުނީ ވަކިވަކި ތަހުގީގުތައް ނިންމާ، އޭގެ ނަތީޖާއެއްގެ ގޮތުން 28 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް

ޑިމޮކްރަސީގެ އެންމެ ވަރުގަދަ ބާރަކީ ރައްޔިތުންކަމަށާއި، ޚިޔާލުފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަން ކަމަކީ، ވަކި މީހަކު އިސްތިސްނާއެއް ނެތި ލިބިދީފައި އޮންނަ ޙައްޤެއް ކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރާ އެއް ޤައުމަކީ އެމެރިކާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އަމިއްލަ ވެރިކަމެއް ހިންގަމުން ދިޔަ އެތައް ޤައުމަކަށް ޑިމޮކްރަސީގެ ދަޅަ ދައްކައިގެން، ހަނގުރާމައާއި ހަމަނުޖެހުންތަކުގެ އަނދަވަޅަކަށް ވައްޓާލީވެސް މަދު ޤައުމެއް ނޫނެވެ. މިފަދަ ކޮންމެ ޖަރީމާއެއްގެ މުގުލުގައި އޮތް އެމެރިކާގައި އެ ބުނާ ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒު ނުވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ޚިޔާލު ފާޅުކޮށް، އެއްވެ އުޅުމަކީ އެމެރިކާގެ ނުފޫޒުގަދަ ފަންތީގެ "ޝަޚްސުންނަށް" ޙަޖަމް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފައެވެ. ސެހެރިގަނޑު ދިގުނުކޮށް، ސީދާ މައުލޫއަށް ޖެހިލަމާ ހިނގާށެވެ.

މިއީ ޢުމުރުން އެންމެ 25 އަހަރުގެ ރޭ ވެސްޓްރިކްގެ ވާހަކައެވެ. މިދިޔަ 2 އަހަރާއި 6 މަހެއްހާ ދުވަސް އޭނާ ވަޒީފާ އަދާ ކުރީ އެމެރިކާގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ގޫގްލްގައެވެ. ސޮފްޓްވެއަރ އިންޖިނޭރެއްގެ ގޮތުގައެވެ. އެ ވަޒީފާއިން އޭނާ ވަކިކުރިތާ އަދި މިވީ އެންމެ 24 ހަކަށް ގަޑިއިރެވެ. ގޫގްލްގައި އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައި ވަނީ، އިޒްރޭލާއެކު އެކުންފުނިން ހަދާފައިވާ ކްލައުޑް ކޮންޓްރެކްޓާ ދެކޮޅަށް ކުރި މުޒާހަރާގައި ބައިވެރިވި ކަމަށް ބުނެއެވެ. ވަޒީފާއިން ވަކި ކުރިއެއް ކަމަކު، ވެސްޓްރިކް ހުރީ ފަހަތަށް ޖެހޭ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާގެ އުންމީދަކީ، އޭނާގެ ޢަމަލުތަކުން ހިތްވަރު ލިބިގަނެ، ޚިޔާލު ފާޅު ކުރުމަށް އެހެން މީހުންނަށްވެސް ހިތްވަރު ލިބުމެވެ.

ވެސްޓްރިކް ބުނާ ގޮތުގައި، އޭނާއާއި އެކުންފުނީގައި މަސައްކަތް ކުރާ ބައެއް އެހެން މުވައްޒަފުންވެސް މިއަދު ބޭނުން ވަނީ "ޕްރޮޖެކްޓް ނިމްބަސް"ގެ ޙަޤީޤަތް، މުޅި ދުނިޔެއަށް ކިޔައިދޭށެވެ. އެއީ އެމީހުންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމުގައިވެސް ޤަބޫލު ކުރެއެވެ. 1.2 ބިލިއަން ޑޮލަރުގެ "ޕްރޮޖެކްޓް ނިމްބަސް"އަކީ، އިޒްރޭލުގެ ސަރުކާރަށް ކްލައުޑް ޚިދުމަތްތައް ސަޕްލައި ކުރުމަށްޓަކައި ގޫގްލްއާއި އެމެޒޯން ޑޮޓް ކޮމްއަށް 2021 ވަނަ އަހަރު އެވޯޑް ކުރި ކޮންޓްރެކްޓްއެކެވެ. އެކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން ބުނާ ގޮތުގައި، އެ މަޝްރޫޢަކީ، އަސްކަރީ ހަތިޔާރު ތަރައްޤީ ކުރުމަށްޓަކައި އިޒްރޭލުގެ ސަރުކާރަށް އެހީވެދޭ މަޝްރޫޢެކެވެ.

ސަނީވޭލްގައި ހުންނަ ގޫގްލް ކްލައުޑް އޮފީސްތައް ހިންގާ ޢިމާރާތުގެ ބޭރުގައި، އޭޕްރިލް 16 ވީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި ވެސްޓްރިކް ހުއްޓެވެ. އޭގެ އިރުކޮޅެއް ފަހުން ވެސްޓްރިކްއާއި އެހެން ބައެއް މުވައްޒަފުން، އޮފީސް ޢިމާރަތަށް ވަދެ، ގޫގްލް ކްލައުޑްގެ ސީއީއޯ، ޓޮމަސް ކޫރިއަންގެ އޮފީހާ ދިމާއަށް މިޞްރާބު ޖެހިއެވެ. ފުލުހުން އައިސް އެތަނުން އެމީހުން ނެރެންދެން އެ ތަނުގައި ސުލްޙަވެރި ކަމާއެކީ 10 ގަޑިއިރު ހޭދަ ކުރި ކަމަށް ވެސްޓްރިކް ބުނެއެވެ.

"އިދާރީ ޗުއްޓީ" ޗިޓް ލިބުނީ އެ 10 ގަޑިއިރުގެ ތެރޭގައި ކަމަށާ، ވަޒީފާއިން ވަކި ކުރީ ޖެހިގެން އައި ދުވަހު ކަމަށް ވެސްޓްރިކް ކިޔައިދިނެވެ. ވަޒީފައިން ވަކި ކުރީ ވެސްޓްރިކް އެކަންޏެއް ނޫނެވެ. ވެސްޓްރިކްއަކީ އެ ދުވަހު ގޫގްލް އިން ވަކި ކުރި 28 މުވައްޒަފުންގެ ތެރެއިން އެކަކެވެ.

އާނ، އަހަރެމެން އެތާ އިށީނދެ ތިބިން 10 ގަޑިއިރު ވަންދެން. އެއްވެސް ކަހަލަ ގޮތަކަށް، އެއްވެސް އެއްޗަކަށް، ތަނަކަށް އަހެރެމެން ބަނދެގެންނެއްވެސް ނޫން ތިބީ. އޭނަގެ އޮފީސް މޭޒުދޮށުގަ އަހަރެމެން ތިބީ. އަހަރެމެންގެ ޑިމާންޑްތައްވެސް ލިޔުނީ މި ވައިޑްބޯޑުގަ، ވައިޓްބޯޑު މާކަރުން... އޮފީހެއްގެ ޢާންމުކޮށް ކުރާ ކަހަލަ ކަންކަން މި ހުންނަނީ... ތެދެއް، މަސްރަހު ވަރަށް ހޫނުކޮށްލި. ވަރަށް ގިނަ ފުލުހުން ވަދެގެން އައި. އެމީހުން ދިޔައީ އެތަން ދޫކޮށް ދާން، އަހަރެމެންނަށް އަންގަމުން. ދެން އައިސް ބިޑި އަޅުވައިގެން އަހަރެމެން ހައްޔަރުކޮށް، ޖަލަށް ގެންދިޔައީ.
ރޭ ވެސްޓްރިކް؛ ގޫގްލްއިން ވަކިކުރި މުވައްޒަފެއް

މަސައްކަތްތެރިންގެ ޙައްޤުތަކަކީވެސް ގޫގްލްއަށް އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވެއެވެ. ގޫގުލް އިން ބުނީ ވަކިވަކި ތަހުގީގުތައް ނިންމާ، އޭގެ ނަތީޖާއެއްގެ ގޮތުން 28 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް، ތަހުގީގުކޮށް ބޭނުންވާ ގޮތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

'ނޯ ޓެކް ފޮރ އެޕާތީޑް' ނުވަތަ ވަކި ނަސްލެއްގެ ބަޔަކު އެކަހެރިކޮށް އެ ބަޔަކާ މެދު ތަފާތު ކުރުމަށް ޓެކްނޮލޮޖީގެ އެހީ ނުދޭނެ ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރާ ކެމްޕޭންގައި ބައިވެރިވެފައިވާ ގޫގްލްގެ މުވައްޒަފުން، 'މީޑިއަމް'ގައި ޢާންމުގައި ބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ ގޮތަކަށް މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމަކީ، "ބާދަލު ހިފުމުގެ ފާޅުކަން ބޮޑު ޢަމަލެއް" ކަމަށެވެ. އަންގާރަ ދުވަހުގެ މުޒާހަރާތަކުގައި ސީދާ ގޮތުން ބައިވެރިވެފައި ނުވާ ބައެއް މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ބަދަލު ހިފުމުގެ ރޫޙުގައި ކަމަށް ޤަބޫލު ކުރާ އެތައް ބައެއްގެ ފަރާތުން އޭނާއަށް ތަރުޙީބު ލިބެމުން ދާ ކަމަށާ، އޭގެ ތެރޭގައި ދުވަހަކު އޭނާ ނުވެސް ދަންނަ މީހުންގެ ފަރާތުންވެސް ހިތްވަރުގެ ބަސްތައް ލިބެމުން ދާ ކަމަށް ވެސްޓްރިކް ބުނެއެވެ.

"ޕްރޮޖެކްޓް ނިމްބަސް"އާ ބެހޭ ގޮތުން ގޫގްލްގެ ވާހަކަދައްކާ ރާގަކަށް ބަދަލެއް ނުގެނެއެވެ. މުޅިންހެންވެސް ދިފާޢަށް ކުޅުމުގެ ރޫޙެވެ. ގޫގްލްއިން ބުނާ ގޮތުގައި ނިމްބަސް ކޮންޓްރެކްޓަކީ "ހަތިޔާރާ ނުވަތަ ޖާސޫސީ ހިދުމަތްތަކާ ގުޅޭ ވަރަށް ނާޒުކު، ކްލަސިފައިޑް، ނުވަތަ އަސްކަރީ ވޯކްލޯޑްތަކަށް އަމާޒުކޮށްފައިވާ ކޮންޓްރެކްޓެއް ނޫނެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް