ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 17:53
ރައީސް ޔާމީން
ރައީސް ޔާމީން
މުހައްމަދު ޝަރުހާން
ދުސްތޫރީ އޮނިގަނޑު
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!
 
މިހާރު މައްސަލައަކީ މަޖިލީހުގެ މެޖޯރިޓީ ގެއްލުން
 
ރައީސް ޔާމީން ބޭނުންފުޅުވި ހުރިހާ ބަދަލެއް ގާނޫނުތަކަށް ގެނެސްފައިވޭ
 
މީގެ ކުރިން މިފަދަ ވާހަކައެއް ދައްކަވާފައެއް ނެތް

“ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ވަނީ، ޑެޑްލޮކައަކަށް ފަރުމާކޮށްފައި. ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ ކުރިމައްޗަށް، އެއް އަތް ފަހަތަށް ބަނދެގެން ނެރެވޭގޮތަށް އެކުލަވާލެވިފައި. ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭފަދަ ފުރުޞަތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ފަދަޔަކުން ހަމަޖެއްސިފައި. އަދި ރާއްޖެ ފަދަ ކުޑަ، މީސްކޮޅު މަދު، ތަނަވަސްކަން ކުޑަ ޤައުމަކަށް ހިންގޭ ވަރަށްވުރެ، މާ އޮޅުންބޮޅުން ބޮޑުކޮށް،" މިނިވަން ދުވަހުގެ ހިޠާބުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

 

ދުސްތޫރީ އޮނިގަނޑު އޮތީ މަރުތަޅު އެޅިފައިކަމަށް މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައެއް ނެތެވެ. މީގެ ނުވަ އަހަރު ކުރިން 2008 އަހަރު ތަސްދީގުކުރި ފެހި ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގައި، އޭރު މުލަކު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ މިހާރުގެ ރައީސް ޔާމީންއެވެ. އޭރު އެ މަނިކުފާނަކީ ޕީޕަލްސް އެލަޔަންސްގެ ލީޑަރެވެ. މުޅި ދިވެހިރާއްޖެއަށް ފަހުރެއްގެ ގޮތުގައި ލިބިފައިވާ އާ ގާނޫނު އަސާސީގެ ފޮނި މީރުކަން އެންމެ ބޮޑަށް ތަޖުރިބާ ކުރެއްވުނު ބޭފުޅަކަށް އެ މަނިކުފާނު ވެވަޑައިގަންނަވާނެއެވެ. ވެރިކަމެއް ވައްޓާލުމުގެ ފެށުންކަމުގައިވި 23 ދުވަހުގެ މުޒާހަރާގެ އިސް ސަފުގައި ހުންނަވައި، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް އެންމެ މަތީ ދަރަޖައަށް ބޭނުން ކުރެއްވެވިއެވެ. ފުލުހުންނާއި ސިފައިންގެ ޔުނިފޯމް ބާލައި އިދިކޮޅު ފަރާތްތަކާ ގުޅުމަށް ގޮވާލެއްވިއެވެ. ގާނޫނުތައް އެކުލެވިފައިވާ ގޮތާއި ބާރުތައް މަސްހުނި ވެފައި ނެތުމުގެ ސަބަބުން ސިޔާސީ މަގުސަދަށް ގިނަ ދުވަސްތަކެއް ވަންދެން މީހުން ހައްޔަރުކޮށްގެން ނުގެންގުޅެވުނެވެ. އެހެންވެ، ރައީސް ޔާމީން ހައްޔަރުކުރި ފަހަރުވެސް ޖެހުނީ ދޫކޮށްލާށެވެ. ގާނޫނުތަކަށް އޭރު އިދިކޮޅު ފަރާތްތަކުން ބޭނުންވި ބަދަލު ގެނައީ ދައުލަތުގެ އެއްބާރު އަނެއް ބާރަށް ފާރަވެރިވުމާއި ޖަވާބުދާރީކުރެވުމުގެ ނަމުގައެވެ. އޭރު ދައުލަތުގެ ހުރިހާ ތަނެއް ވެސް ޖަވާބުދާރީ ކުރެވުނެވެ.

 

 

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ހަމަ މަގުގައި ބޭއްވުމަށް ކުރިން ހަދާފައި އޮތް ގާނޫނުތައް ބަދަލުކުރުވިއެވެ. ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށެވެ. އެ މަނިކުފާނުފާނު ބޭނުންފުޅުވި ކޮންމެ ކަމަކަށް ރުހުން ދެއްވިއެވެ. ގާނޫނެއް ގަވާއިދެއް، ރައްޔިތުންގެ ވިންދެއް ބެލުމެއް ނެތެވެ. މި ހުރިހާ ކަމެއް ކޮށްފައިވާއިރު، މިހާތަނަށް އައިއިރު ވެސް ދުސްތޫރުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ނުފެންނަނީ ހެއްޔެވެ؟ މައްސަލައެއް ހުރި ނަމަ، އެކަން ރަނގަޅުކުރަން އިސް ނުނެންގެވީ ކީއްވެ ހެއްޔެވެ؟ އޭރު މަޖިލީހުގައި ސަރުކާރުގެ ސާފު މެޖޯރިޓީވެސް އޮތެވެ.

 

ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތް ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެ އޮނިގަނޑު ފަރުމާކޮށްފައި އޮތީ މަރުތަޅު އެޅޭ ގޮތަށް ކަމަށް ވިދާޅުވުމަކީ އެ މަނިކުފާނުގެ އަމިއްލަ ދިފާއުގައި ދައްކަވާ ބަހަނާއެވެ.

 

ގާނޫނު އަސާސީ ފަރުމާކޮށްފައި އޮތީ ދައުލަތުގައި ތިން ބާރު، އެއްބާރެއްގެ މައްޗަށް ނުފޫޒު ނުފޯރުވައި، އަދި ޖަވާބުދާރީ ކުރެވޭ ގޮތަށެވެ. ގާނޫނު އަސާސީ އުފަން ކުރެވުނި ފަހުން ވެސް އަމަލުކުރީ މިގޮތަށެވެ. ހަގީގަތުގައި ދިމާވެގެން މިއުޅޭ މައްސަލައަކީ ދުސްތޫރު ގޯސްވުމެއް ނޫނެވެ. ދުސްތޫރާ އެއްގޮތަށް އަމަލުރައްވަން އެނގިވަޑައިނުގަތުމެވެ. ނުވަތަ ބޭނުންފުޅު ނުވުމެވެ.

 

ރައީސް ޔާމީންގެ މިވާހަކަފުޅު އިއްތިފާގުވެގެން މިދިޔައީ އެ މަނިކުފާނަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ވުމަށް ގާތްވެފައިވާއިރު، މަޖިލީހުގެ ތެރެއިން ކޮށްފައިވާ ބައެއް ކަންކަމަށް ބަލާލުމުން، ދުސްތޫރުގައި މައްސަލައެއް ނެތް ކަމާއި މައްސަލައަކީ ދުސްތޫރަށް އަމަލުކުރަން ތިއްބެވި ބޭފުޅުން އެނގެއެވެ. މި ސަރުކާރުން ދުސްތޫރާ ހިލާފަށް އެތައް ކަމެއް ކޮށްފައިވެއެވެ. އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒު ނަގައި ބޭރުކޮށްލިއެވެ. މިއަދާ ހަމައަށް ވެސް ވަކިކުރެއްވި ސަބަބު އެނގެން ނެތި، އުއްތަމަ ފަނޑިޔާރުގެ މަގާމުން އަލްއުސްތާޒު އަހްމަދު ފާއިޒު އަދި ފަނޑިޔާރު މުއުތަސިމް އަދުނާނު ވަކިކުރެއްވެވިއެވެ. ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް، ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް މާލިއްޔަތާ ކުޅެވޭ ގޮތަށް ގާނޫނު އަނބުރާލި އެވެ. މިފަދަ އެތައް ކަމެއް އެބަ ހުއްޓެވެ.

 

އެ މަނިކުފާނުގެ ސިޔާސީ ވާދަވެރިންގެ މައްޗަށް ތަހްގީގު ހިންގައި، އިންސާފެއް ނެތް ޝަރީއަތްތަކުން ޖަލަށްލިއެވެ. އެކަންކަމަށް ބަހެއް ވެސް ބުނެލާނެ މުއައްސަސާއެއް ނެތެވެ. މިކަންކަން މިގޮތަށް ހިނގާފައިވާއިރު، ރައްޔިތުންނާއި ބޭރު ދުނިޔެއިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އޭރު ރައީސް އަބްދުﷲ ޔާމީނަށް ދުސްތޫރު ގޯހެއް ނުވިއެވެ. ދުސްދޫރީ އޮނިގަނޑު ރޭވިފައި އޮތީ މަރުތަޅު އެޅޭ ގޮތަށް ކަމަށް ވިދާޅެއް ނުވިއެވެ. އެ މަނިކުފާނުގެ އަތް ބަނދެވިފައި އޮތް ކަމުގެ އިހްސާސެއް ނުކުރެއްވެއެވެ. ވިދާޅުވަމުން ގެންދެވީ އެ މަނިކުފާނު އަމަލުކުރައްވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި މުއައްސަސާތަކަށް އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށެވެ.

ހަގީގަތުގައި އޭރުވެސް، މިހާރު ވެސް ރައީސް ޔާމީންގެ އަތްޕުޅު ނުބަނދެވެއެވެ. ބަނދެވިފައިވަނީ ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަށް އަމަލުކުރެއްވުމެވެ. އެ މަނިކުފާނަށް ގާނޫނު އަސާސީ ގޯސްމިވީ ސަރުކާރުން ކުރަމުން ގެންދިޔަ ކަންކަމާއި، ކޮރަޕްޝަނާއި، ގާނޫނާ ހިލާފު ކަންކަމަށް ކެތްނުކުރެވިގެން ޕީޕީއެމް ދޫކުރައްވައި 10 މެމްބަރަކު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުންނެވެ. ޕީޕީއެމް ދޫކޮށްލުމުން، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިޔައީއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ރައީސް ޔާމީނަށް ފަހިވާގޮތަށް ހުރި ގާނޫނުތައް ރަނގަޅު ކުރުމެވެ. ހައްގުތައް ގެއްލުވާލި ގާނޫނުތައް އުވާލުމެވެ. ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް ތަހްގީގު ކުރެވުމެވެ. ހުދު ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހްމަތުތައް ވެސް ތަހްގީގުކުރެވުމެވެ. މަޖިލީހުގެ ތެރެއިން ވެސް އެ މަނިކުފާނު ބޭނުންވާހާ ގޮތަކަށް ކަން ނުކުރެވޭނެކަން ޔަގީންވުމެވެ. ދުސްތޫރީ ނިޒާމު ރޭވިފައިވާ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ނެތި  ހުދުމުޚްތާރު ވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޒިންމާދާރު މަޖިލީހެއް އޮވެއްޖެ ނަމަ، ފަނޑިޔާރުގެ އާއި ފަނޑިޔާރުން ވެސް ހަމަ މަގުގައި ބޭތިއްބޭނެއެވެ.

 

މިހާރު މަންޒަރު ހުރި ގޮތުން މަޖިލީހުގެ މެޖޯރިޓީ ދެން ރައީސް ޔާމީނަށް ލިބިވަޑައިގަތުމަކީ އުނދަގޫ ކަމެކެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ ބަޔަކަށް ފަނޑިޔާރުގެތައް ވެސް ހަމައަކަށް އެޅުވޭނެއެވެ. ނަތީޖާއަކަށް ވާނީ، ސަރުކާރަށް ބޭނުންހާ ގޮތަކަށް، އަމަލު ނުކުރެވުމެވެ. ޗާޓުގެ ތެރެއަށް ވަނުމަށް މަޖުބޫރުވުމެވެ. ދުސްތޫރީ އޮނިގަނޑު ރޭވިފައި އޮތީ މިގޮތަށެވެ. ރައްޔިތުންގެ ރުހުން ދީފައި އޮތީ މިގޮތަށް ތިންބާރު ވަކިވެފައި ބޭއްވުމަށެވެ. މި ދުސްތޫރަށް އަމަލުކުރެއްވުމުގެ ގާބީލްކަން ރައީސް ޔާމީންގެ ކިބައިގައި ނެތް ނަމަ، ބަދަލުކުރަންވީ ދުސްތޫރެއް ނޫނެވެ. ރައްޔިތުން ކަނޑައަޅައި ލިޔެފައި، ވެރިކަން ހަވާލުކުރީ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށެވެ. އެގޮތަށް އަމަލު ނުކުރެއްވޭނަމަ، އިސްތިއުފާ ދެއްވާށެވެ. ދިވެހިރައްޔިތުންނަކީ ދުޝްމަނުން ކަމުގައި އަމިއްލަ އަށް ކަނޑަނާޅާށެވެ. ސިޔާސީ މައިދާނުގައި މަނިކުފާނާ ވާދަކުރެއްވުމަކީ ދުޝްމަނު ވުމެއް ނޫނެވެ. ގާނޫނީ ގޮތުން ކުރުމުގެ ހައްގު ލިބިފައިވާ ކަމެއް، މަޖިލީހުގެ މެމްބަރުން ކުރެއްވުމަކީ ދުޝްމަނުވުމެއް ނޫނެވެ. މަނިކުފާނަށް ދުސްތޫރު ކަމުނުދާނަމަ، ދުސްތޫރީ އޮނިގަނޑު ހަލާކޮށްނުލައި، ދިވެހިރައްޔިތުންނާ އަނބުރާ ހަވާލުކުރާށެވެ. އޮނިގަނޑުގެ ތެރެއިން ވެރިކަން ކުރަން އެނގިވަޑައިގަންނަވާ އެތައް ބަޔަކު އެބަ ތިއްބެވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
67%
0%
33%
0%
0%
ކޮމެންޓް
28 ޖުލައި 2017 | ހުކުރު 18:41
ހަޟަވެރކަން
ތިހެން ފުއްޕި ކުރިންވެސް ، ވީކަމެއް ނެތް؟
27 ޖުލައި 2017 | ބުރާސްފަތި 19:48
ރައްޔިތު
ޤާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަންކުރަން ގޭގެންޏާ އިސްތިއުފާދީފާ ގެއަށްދޭ ކާކުތަބުނީ ކަލޭކައިރީ ވެރިކަންކޮށްދޭށޭ. މޮޔަވީތަ؟ ކޮސްގޮވާނެކަމެއްނެތް. ތިކަހަލަ ކަނޑުކޮހަކު ވެރިކަމާހަވާލުވީމަ ހުރިހާއެއްޗެއްވެސް ގޯސްވާނެ. ބަނދެގެން އަށިގެއަށްނުވައްދަނީސް ސަލާމަތްވުން ބުއްދިވެރި..