ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 14:01
ތުރުކީގެ ރެޑްކްރެސެންޓް އިން ޣައްޒާއަށް ދަނީ ތަފާތު އެހީތައް ފޯރުކޮށްދެމުން
ތުރުކީގެ ރެޑްކްރެސެންޓް އިން ޣައްޒާއަށް ދަނީ ތަފާތު އެހީތައް ފޯރުކޮށްދެމުން
ރޮއިޓާސް
ތުރުކީގެ އިންސާނީ އެހީ ޣައްޒާއަށް
ތުރުކީގެ ރެޑް ކްރެސެންޓުން ޣައްޒާއަށް 3.4 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީ ފޮނުވައިފި
 
އެ ޖަމިއްޔާއިން ވަނީ 11 މަތިންދާބޯޓާއި ދެ އުޅަނދެއްގައި ތުރުކީން އެހީގެ ތަކެތި ޣައްޒާއަށް ފޮނުވާފައި

އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ އެންކްލޭވްގައި މިހާރު ހިނގަމުންދާ ޤަތުލް ޢާއްމުގެ ސަބަބުން ޣައްޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން ތުރުކީ ރެޑް ކްރެސެންޓުން ޣައްޒާއަށް 100 މިލިއަން ތުރުކީ ލީރާ (3.4 މިލިއަން ޑޮލަރަށް ވުރެ ގިނަ) ގެ އެހީ ފޮނުވާފައިވާ ކަމަށް ރިލީފް ގްރޫޕްގެ ވެރިޔާ ފާތިމާ މެރިކް ޔިލްމާޒް ވިދާޅުވެއްޖެއެވެ.

އިސްތަންބޫލްގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ފާތިމާ މެރިކް ޔިލްމާޒް ވިދާޅުވީ ރެޑް ކްރެސެންޓުން މާލީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިއަން ލީރާ (17.3 މިލިއަން ޑޮލަރު) އެއްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 100 މިލިއަން ލީރާ މިހާރު ވެސް ވަގުތުން އެހީގެ ގޮތުގައި ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ 11 މަތިންދާބޯޓާއި ދެ އުޅަނދެއްގައި ތުރުކީން އެހީގެ ތަކެތި ޣައްޒާއަށް ފޮނުވާފައެވެ.

އިސްރާއީލުން މިހާރު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޣައްޒާގައި އެ ޖަމިއްޔާއިން ހިންގަމުން ގެންދާ އެހީގެ މަސައްކަތްތަކުގެ އަޕްޑޭޓްގައި ޔިލްމާޒް ވިދާޅުވީ ތުރުކީގެ ކާބޯތަކެތީގެ އެހީ މުޅިން ޣައްޒާގައި މެނޭޖްކުރަނީ ތުރުކީ ރެޑް ކްރެސެންޓުން ކަމަށެވެ. އަދި އެމީހުން ފޮނުވާ އެހީގެ ތެރޭގައި ސާފުތާހިރުކަމުގެ ޕެކޭޖާއި ފޭރާން ވެސް ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޣައްޒާގެ ތެރޭގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވަނީ ހަމަނުޖެހުންތައް ވަރުގަދަވުމުގެ ސަބަބުން ވަށާލާފައިވާ އެންކްލޭވްއަށް ވަނުމާއި ނުކުތުން ވަރަށް ނުރައްކާތެރި ކަން ފާހަގަކުރައްވާފައެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ޔަހޫދީންގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޙަމާސުން ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ، ބަދަލު ހިފުމުގެ ގޮތުން ވައިގެ މަގުން ޔަހޫދީން ޣައްޒާއަށް އަރައިގަތް ފަހުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ހުރި ސިއްޙީ ހިދުމަތް ދޭ 427 ތަނަކަށް ޔަހޫދީ ފައުޖުތަކުން ވަނީ ޙަމަލާ ދީފައެވެ.

ޣައްޒާ މިހާރު އޮތް ޙާލަތުގައި އެކި ކަހަލަ ބަލިތައް ފެތުރިގެން މަރުވާ މީހުންގެ ޢަދަދު، ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވާ މީހުންގެ ޢަދަދަށްވުރެ މަތިވެދާނެ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ވަނީ އަންދާޒާ ކޮށްފައެވެ.

ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 80 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެއާއިއެކު ވަގުތީ ހިޔާތަކުގައި ގިނަ ބަޔަކު ތޮއްޖެހިގެން އުޅެން ޖެހުމުގެ ސަބަބުން ތަފާތު އެކި ކަހަލަ ބަލިތައް ޣައްޒާގައި އަންނަނީ ފެތުރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް