ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 03:59
ހުޅުމާލެ ފޭސް 2 - މި ބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމާފައިވޭ
ހުޅުމާލެ ފޭސް 2 - މި ބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމާފައިވޭ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އާންމުކޮށްފި
 
މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުން ގޯތި ލިބޭ
 
ގޯތި ދޫކުރަނީ އިންވަކިކޮށް، ދާއިމީ ރަޖިސްޓްރީއާއެކު
 
ގޯތީގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ގަލޮޅު ދަނޑުގައި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެދާއިމީ ލިސްޓްއާންމުކޮށްފިއެވެ.

ދާއިމީ ލިސްޓްގައި "ފުރަތަމަބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަނީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތަކެވެ. އަދި ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކެވެ.

ހައުސިންގ މިނިސްޓްރީން ވަނީ ދާއިމީ ލިސްޓްގެ "ފުރަތަމަ ބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކުން މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ގޯތީގެ ގުރުއަތުލުމާއި، ގޯތި ކެނޑުމުގެ ކަންކަން ކުރިއަށްގެންދެވުމަށް އެދިފައިވެއެވެ. މިގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސް.އެމް.އެސް އަދި އީ-މެއިލް ގެ ޒަރީޢާއިން އަންގަމުންގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، އަންނަ އަންގާރަ ދުވަހު ގުރުއަތު ނަގާނެ ކަމަށެވެ. މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުން ގޯތި ލިބެއެވެ. އަދި 684 މީހުންނަށް ގޯތި ނުލިބެއެވެ. ގޯތި ނުލިބެނީ 18 އަހަރާއި 25 އަހަރު ކައިވެނި ނުކުރާ މީހުންނަށެވެ.  

ގޯތި ދޫކުރަނީ އިންވަކިކޮށް، ދާއިމީ ރަޖިސްޓްރީއާއެކުއެވެ. އަދި ދެން އަންނަ ސަރުކާރަކަށް އެގޯތިތައް އަތުނުލެވޭނެ ގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ދާއިމީ ލިސްޓުގައި މިފަހަރު ގާތްގަނޑަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ 97 އިންސައްތަ ގޯތި ދެއެވެ. ވަގުތީ ލިސްޓް ނެރުނު އިރު 52 އިންސައްތަ މީހުންނަށް ގޯތި ލިބޭކަމަށް އެއިރު ބުނެފައިވެއެވެ. އެއީ 10،314 ފަރާތަށެވެ. ނަމަވެސް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓްވުމުން ގޯތި ލިބޭގޮތަށް ހެދުމުން އެ އަދަދަށް ވަނީ ބަދަލު އައިސްފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް ފަށާފައިވާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މިބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯއްޗެވެ. އެހެންނަމަވެސް ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުން މި ބުރުގައި 6,200 ގޯތި ދޫކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއިން ދޭން ނިންމެވި 1،000 ގޯތީގެ ބަދަލުގައި ހުޅުމާލެއިން 2،200 ގޯތި ދެއްވަން ނިންމަވާފައިވާކަމަށެވެ. މިއާއެކު މުޅި ޖުމްލަ 6،200 ގޯތި ދޫކުރެވިގެންދާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. ސަރުކާރުން ވަނީ ގޯއްޗަށް ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައެވެ. މިގޮތުން 6،200 ގޯތި ދިނުމަށްފަހު ބާކީވާ މީހުންނަށްވެސް މާލެ ސަރަހައްދުން ގޯތި ހަމަޖައްސައިދެއްވަން ވަނީ ނިންމާފައެވެެ.

ކޮމެންޓް