ކ. މާލެ
|
2 މެއި 2023 | އަންގާރަ 17:18
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން
ރާއްޖެއެމްވީ
އަރބަންކޯ
ޖުލައިން ފެށިގެން ބަލަމުންގެންދާނީ ހިޔާ ފްލެޓްތަކުގެ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނި: އަރބަންކޯ
 
ވަކިވަކި ފްލެޓްތަކަށް ދިމާވާ މައްސަލަތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ
 
ކޮންޓްރެކްޓަރުގެ ޑިފެކްޓިސް ލައިބިލިޓީ ޕީރިއަޑްގެ މުއްދަތު ވަނީ ހަމަވެފައި

އަންނަ ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓްތަކުގައި ދިމާވާ މައްސަލަތަކުގެ ތެރެެއިން އަރބަންކޯއިން ބަލަމުންގެންދާނީ، އެ އިމާރާތްތަކުގެ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނިކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ފްލެޓްތަކުގައި ދިމާވާ ފެން ލީކުވުމުގެ މައްސަލައާއި، ފާޚާނާ، އަދި ބެލްކަނީގެ ސްލޯޕްގެ މައްސަލަތުގެ އިތުރުން ފާޚާނާގެ ޑްރެއިން ބްލޮކްވުމާއި ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް، ކޮންޓްރެކްޓަރުގެ ޑިފެކްޓިސް ލައިބިލިޓީ ޕީރިއަޑްގެ މުއްދަތު ހަމަވުމަށްފަހުވެސް ކުރަމުން ގެންދާކަމަށެވެ. އެ މުއްދަތު ހަމަވެފައިވަނީ 31 ޑިސެމްބަރު 2022ގައި ކަން ވެސް އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

އަރބަންކޯއިން ބުނީ، ހިޔާ ފްލެޓް އެއްބަސްވުމުގެ 10ވަނަ މާއްދާގެ (ށ)ގައި، ފްލެޓާ ހަވާލުވާ ދުވަހުން ފެށިގެން ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާއާއި ބެލުމުގެދަށުގައިކަން ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ހިޔާ ސަރަހައްދަކީ ބޮޑު އާދާބީއެއް ދިރިއުޅޭ ތަނަކަށްވެފައި، އެއްފަހަރާ ގިނަބަޔަކު ދިރިއުޅެެން ފެށުމުން ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމުގެ މެއިންޓެނެންސް ޚިދުމަތް ވީހާވެސް ދިގު މުއްދަތަކަށް ފޯރުކޮށްދޭން ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ފާހަގަކޮށްފައިވާގޮތުގައި މިހާތަނަށް ފްލެޓްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަން ވަނީ ހައްލުކޮށްފައެވެ. އަދި މިހާރު އެ މައްސަލައްތައް ހުށަހަޅާ އަދަދު މަދުވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރަށް ޚިދުމަތް ދެމުންދާކަން ފާހަގަކޮށް އަރބަންކޯއިން ބުނީ، ވަކިވަކި ފްލެޓުތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށް ދެމުން އައި ޚިދުމަތް 30 ޖޫން 2023 އާ ހަމައަށް ހުއްޓާލާނެކަމަށެވެ. އަދި އޭގެ ފަހުން ދެމުން ގެންދާނީ ހިޔާ އިމާރާތްތަކުގެ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ޚިދުމަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

ވަކިވަކި ފްލެޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ޚިދުމަތް ހުއްޓާލިނަމަވެސް އެފަދަ މައްސަލަތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އަރބަންކޯއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
33%
0%
0%
67%
ކޮމެންޓް