ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ހަމައެކަނި ހިފާނީ ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ވަރަށް ބޮޑަށް ދިޔުމުންކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ.
ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ޕެސްކޮވް މިހެން ވިދާޅުވިއިރު ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް ނިޔުކުލިއަރ ހަނގުރާމައެއްގެ ތެރެއަށް ވަދެދާނެކަމުގެ ކަންބޮޑުވުން ހުޅަނގުން އަންނަނީ ފާޅުކުރަމުންނެވެ.
ޕެސްކޮވް މިހެން ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން މިހަނގުރާމައިގައި ނިޔުކުލިއަރ ހަތިޔާރު ބޭނުންނުކުރައްވާނެ ކަމުގެ ކިހާ މިންވަރެއްގެ ޔަގީންކަމެއް އޮތްތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ޕެސްކޮވް ވިދާޅުވީ އެތެރޭގެ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ގުޅޭ ސިޔާސަތުތަކެއް އެކުލަވާލާފައި އޮންނަކަމަށާއި އެ ވަނީ އާންމުކުރެވިފައި ކަމަށެވެ. އަދި ނިޔުކުލިއަރ ހަތިޔާރު ބޭނުންކުރާނީ ކޮން ހާލަތްތަކެއްގައިކަންވެސް އެސިޔާސަތުގައި ބަޔާންކޮށްފައިވާކަމަށް ޕެސްކޮވް ވިދާޅުވިއެވެ. ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ހިފޭނެކަމަށް އެސިޔާސަތުގައި ބަޔާންވެފައިވާކަމަށް ޕެސްކޮވް ވިދާޅުވިއެވެ.
އެނޫން އެހެން އެއްވެސް ހާލަތެއްގައި ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ނުހިފޭނެކަމަށް ޕެސްކޮވް ވިދާޅުވިއެވެ.
ރަޝިޔާއިން އެމެރިކާއަށް ސައިބަރ އެޓޭކްތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.
ހޯމަ ދުވަހު ބައިޑެން ދެއްވި ސްޓޭޓްމެންޓެއްގައި ވަނީ އެމެރިކާއަށް ސައިބަރ އެޓޭކެއް ދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން ކުރަމުންދާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.
އެއާއެކު ބައިޑެން ވަނީ ސައިބަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ޕާޓްނަރުންނަށް ގޮވާލާފައެވެ. ބައިޑެން ވަނީ މި ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ރަޝިޔާގެ އޮލިގާކްސްގެ އެކައުންޓްތައް ފްރީޒް ކުރުމަށް ސްވިޒަލޭންޑަށް ގޮވާލެއްވީ ޕޮލެންޑުގެ ބޮޑުވަޒީރެވެ.
އެކި ގައުމުތަކުން އަންނަނީ ރަޝިޔާއިން ފެށި ހަނގުރާމައާއި ގުޅިގެން އެގައުމާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އިސްރާއިލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކަށް އަރައި، ފަލަސްތީނުގެ ރައްޔިތުން މަގުމަތިކޮށްލާ އެތަނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ރަޝިޔާއިން ޔޫކްރެއިން ހިފަން ކުރާ ހަނގުރާމައަކީ އެއްފަދަ ކަމެއް ކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އިސްރާއިލަށް ދިމާވެގެން އުޅޭ ފަދަ ހާލަތެއް ޔޫކްރެއިންއަށް ދިމާވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވަނީ އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޒެލެންސްކީ ވަނީ ޔޫކްރެއިންގެ މިވަގުތުގެ ހާލަތަކީ އިސްރާއިލުން ޒަމާންތަކެއް ވަންދެން އަވަށްޓެރި އަރަބި ގައުމުތަކާއި އޮންނަ ހަމަނުޖެހުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ރަޝިޔާއިން ޔޫކްރައިން އަރައި ހިންގަމުންދާ ހަނގުރާމާގައި ހަމާލަތައް އަމާޒު ކުރަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީގެ އިންޓެލިޖެންސް އިން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޔޫކްރެއިންގެ ގިނަ ސަރަހައްދުތައް ވަނީ ސުންނާފަތިވެފައެވެ. ބޮޑަށް ހަމަލާ ދީފައިވަނީ އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަމަށެވެ.
ޔޫކްރެއިންގެ ދެކުނުގައި ހުރި ރޭޑިއޯ އަދި އިލެކްޓްރޯނިކް އިންޓެލިޖެންސް ސެންޓަރު ހަލާކުކޮށްލައިފިއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހިނިހިރު ދުވަހު ބުނެފައިވަނީ "ބެސްޓޮން" އައްސޭރިފަށުގެ މިސައިލް ސިސްޓަމުން ޔޫކްރެއިންގެ ދެކުނުގައި ހުންނަ ރޭޑިއޯ އަދި އިލެކްޓްރޯނިކް އިންޓެލިޖެންސް ސެންޓަރު ހަލާކުކޮށްލާފައިވާ ކަމަށާއި، މިއީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމަށެވެ. އެތަން ހުންނަނީ ކަޅު ކަނޑު ސަރަހައްދުގައެވެ.
ނަމަވެސް ރަޝިޔާގެ މި ވާހަކަތައް ކަށަވަރު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ 19 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ރަޝިޔާގެ އުޅަނދުތަކުން ޔޫކްރެއިންގެ 69 އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށެވެ. ހަމަލާ ދީފައިވަނި އޮޕަރޭޝަންލ ޓެކްޓިކަލް، އަސްކަރީ އޮފިސަރުން އަދި މީހުން ނުލާ އުދުއްސާ ބޯޓު ބޭނުންކޮށްގެންނެވެ.
ރަޝިޔާއިން ބުނެފައިވަނީ ހާއްސަ މިލިޓަރި އޮޕަރޭޝަން ފެށިފަހުން ޔޫކްރެއިންގެ 196 އުޅަނދަކާއި، 1438 ޓޭންކަރާއި ބަރުހަތިޔާރު އުފުލާ އުޅަނދުގެ އިތުރުން ރޮކެޓް ހަމަލާ ދޭން 145 މެޝިނަކަށާއި، 556 ފީލްޑް އާރޓިލެރީ އަދި މޯޓަރު ހަލާކުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން 1237 އަސްކަރީ ހާއްސަ އުޅަނދު ވެސް ހަލާކުކޮށްލާފައިވާ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން ރަޝިޔާއާއެކު ކުރަމުންއައި ވިޔަފާރީގެ މުއާމަލާތްތައް އެއްކޮށް ހުއްޓާލުމަށް ޕޮލޭންޑުން ހުށަހަޅައިފިއެވެ.
އީޔޫގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 27 ގައުމެއް ހިމެނޭއިރު، އެ ގައުމުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުން، މަރިއޮޕޮލް ސިޓީގެ އެތައްތަނެއް ވަނީ ހަލާކުވެފައެވެ. އަދި ބޯ ދުންތަކުގެ ތެރެއިން އެތައް ސަތޭކަ ކާރެއް އެ ސިޓީ ދޫކޮށްދާ މަންޒަރު ފެނެއެވެ.
ރަޝިޔާއާއި ވާހަކަ ދައްކަން ބޭނުންވާ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ޒެލެންސްކީ ވިދާޅުވީ މިއީ ވާހަކަ ދައްކަން ވީ ވަގުތު ކަމަށާއި، ރަޝިޔާއިން މިކަން ކަން އަޑުއެހުމަށެވެ.
ޒެލެންސްކީ ވިދާޅުވީ މިއީ ވާހަކަދައްކާ ގައުމުގެ މުސްތަގިއްލުކަން ކަށަވަރުކޮށް ޔޫކްރެއިން އަށް އިންސާފު ހޯދަންވީ ވަގުތު ކަމަށެވެ. ނޫން ނަމަ ރަޝިޔާއިން ޒަމާންތަކަށް ދެމިގެންދާ ގެއްލުން ލިބިގެންދާނެ ކަމަށެވެ.
ޔޫކްރެއިންގެ ސިއްޙީ ޚިދުމަތްދޭ 43 ތަނަކަށް ހަމަލާދީފައިވާކަން ޑަބްލިއު އެޗްއޯއިން ކަށަވަރުކޮށްދީފިއެވެ.
އެބްލިއުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮޮމް ވިދާޅުވީ، އެ ހަމަލާތަކުގައި ޔޫކްރެއިންގެ 12 މީހުން މަރުވެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެގެ ތެރޭގައި ސިއްޙީ އެހީތެރިންވެސް ހިމެނެއެވެ.
ޔޫކްރެއިން މައްސަލައިގައި އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ ބުރާސްފަތި ދުވަހުއެވެ.
ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައިވަނީ އެމެރިކާ، އަލްބޭނިއާ، ޔޫކޭ، ފްރާންސް، އަޔަރލޭންޑް އަދި ނޯވޭއިންނެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި ޔޫކްރެއިން އަށް ސެކިއުރިޓީ އެހީގެ ގޮތުގައި އިތުރު 800 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އެހީ ދެއްވާކަން ހާމަކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާގެ އިތުރު ބަޔަކާއި ދެކޮލަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
މީގެ ތެރޭގައި ރަޝިޔާގެ ރައީސް ޕުޓިންގެ އަރިސް ބޭފުޅުން ވެސް ހިމެނެއެވެ.
އަންނަ ހަފްތާގައި ބްރަސަލްސްގައި ނޭޓޯގެ މެންބަރު ގައުމުތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާ ޔުރަޕިއަން ކައުންސިލް ސަމިޓްގައި އެމެރިކާގެ ރައީސް ޖޯ ބަައިޑަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހާމަކޮށްފައިވަނީ ވައިޓް ހައުސްއިންނެވެ.
ރަޝިޔާއިން އަންގާރަ ދުވަހު ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި އެމެރިކާގެ އިސް އޮފިޝަލުންތަކެއް އެގައުމަށް އެތެރުވުން މަނާކޮށްފައިވާ ކަމަށެވެ.
ރަޝިޔާއިން އެކުލަވާލި ލިސްޓުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ސީއައިއޭގެ ޗީފް ވިލިއަން ބަރންސް، ނެޝަނަލް ސެކިއުރިޓީ އެޑްވަރިޒަރު ޖޭކް ސުލިވަން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ހިމެނެއެވެ.
އެމީހުން އެތެރެވުން މަނާކޮށްފައިވަނީ އެގައުމާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.
ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ކޮވިޑް-19 އާލަމީ ވަބާގެ ހާލަތު އިތުރަށް ގޯސްވެގެން ގޮސްދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯއިން ބުނެފައިވަނި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު ދަށްވެފައިވަނިކޮށެެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ކޭސްތަކުގެ އަދަދު ދަށްވި ނަމަވެސް، އެކަމުގެ ނުރައްކާ ކުޑަ ނޫން ކަމަށެވެ. އަދި ބޮޑެތި ބަލިތައް ފެތުރި ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވުމާއެކު ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.
ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ހުޅަނގަށް ޖެހިލާފައެވެ. ލިވިވް ސިޓީއަށް މިސައިލް ހަމަލާތައް ދީފައިވާ އިރު، އެމީހުންގެ އެއް އަމަޒާކަށް އެ ސިޓީގައި ހުރި އަސްކަރީ މަރުކަޒަކަށް ވަނީ ދީފައެވެ. އެއީ ޕޮލެންޑު ބޯޑަރު ކައިރީގައި ހުންނަ މަރުކަޒެކެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މިއާއެކު ހަނގުރާމަ ވަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ބޯޑަރާއި ކައިރިއަށް ޖެހިލާފައެވެ.
ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ލިވިވްގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި 35 މީހަކު މަރުވެފައިވާ އިރު، 134 މީހަކު ވަނީ ޒަހަމްވެފައެވެ. ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ އޮލެކްސީ ރެޒްނިކޮވް ވަނީ މި ހަމަލާއަކީ ހަމަޖެހުމާއި ރައްކާތެރިކަމަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމެރިކާގެ 2 އޮފިޝަލަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ ރަޝިޔާއިން އެދިފައިވަނީ އަސްކަރީ އެހީތަކުގެ ތެރެއިން ޑްރޯން ފަދަ އާލާތްތައް ހޯދުމަށެވެ. އަދި މާލި އެހީތެރިކަމަށް ވެސް އެދިފައިވާ އިރު، މި އެހީތެރިކަމަށް އެދިފައިވަނި ހަނގުރާމައާއި ގުޅިގެން ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރަޝިޔާއިން އެދިފައިވާ ކަންތަކާއި ގުޅިގެން ޗައިނާއިން ޖަވާބެއް ދީފައިވާ ކަމަށް ވެސް އޮފިޝަލުންނާއި ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.
ރަޝިޔާއަށް ޗައިނާއިން އެހީތެރިކަން ދީފިނަމަ މިއީ ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައަށް ލިބިގެންދާނެ އިތުރު މޮޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމާއި ގުޅޭގޮތުން އެމެރިކާގައި ހުންނަ ޗައިނާގެ ސަފީރު ލިއު ޕެންގުއާއި ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެފަދަ ވާހަކައެއް އަޑުއިވިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޔޫކްރެއިން މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޗައިނާއިން ޔޫކްރެއިންއަށް އިންސާނި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
ލިއު ވިދާޅުވީ މިވަގުތު އެންމެ މުހިންމު ކަމަކީ ކަންކަން އިތުރަށް ގޯސްވެ އަތުނުޖެހޭ ހިސާބަކަށް ދިއުމުގެ ކުރިން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރުން ކަމަށާއި، ޗައިނާއިން ބޭނުންވަނީ މިކަމަށް އަވަސް ހަލެއް ކަމަށެވެ.
ރަޝިޔާއިން ޗައިނާގެ އެހީތެރިމަމަށް އެދިފައިވާކަމުގެ ހަބަރު ފެތުރިފައިވަނީ ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭޖް ސުލިވަން ރޯމުގައި ޗައިނާގެ ސަފީރާއި ހޯމަ ދުވަހު ބައްދަލުކުރެއްވުމުގެ ކުރިންނެވެ.