ޒިޔާރަތްތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ބައެއް ފަހަރު މަރުގެ އިންޒާރު ލިބޭ ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގް ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް ބައެއް ފަރާތްތަކުން ގެންގުޅޭ ފިކުރާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޠާރިގް ވިދާޅުވީ، މަގާމްފުޅުތަކާއި އެހެނިހެން ބައެއް ތާރީޚީ ތަރިކަ ބެލެހެއްޓުމަކީ ބިދުޢައެއްގެ ގޮތުގައި ބައެއް މީހުން ދެކޭ ކަމަށެވެ. އެހެންނަމަވެސް ޒިޔާރަތެއް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ކުރަނީ އެއްވެސް ހާލެއްގައި ދީނީ އަޅުކަމެއްގެ ގޮތުގައި ބަލައިގެނެއް ނޫން ކަމަށެވެ.
ޒިޔާރަތެއްގެ ކަންތައްތައް މިކުރަނީ ކޮންމެހެން އަޅުކަމެއްގެ ގޮތުގަ ނޫންކަން، ޒިޔާރަތް ރައްކާތެރިކޮށް ނުވަތަ ޒިޔާރަތުގެ މަރާމާތުގެ މަސައްކަތްތައް މިކުރަނީ އަޅުކަމެއްގެ ގޮތުގަ ބަލައިގެނެއް ނޫނޭ އަޅުގަނޑުމެންނެއް. މީ އަޅުގަނޑުމެންގެ ކާބަފައިންގެ ފުށުން އައިސްފަހުރި ކަންތައްތަކެއް. މިސާލަކަށް މަތީރަށްފުޅު، މަތީ ރަށްފުޅު ޒިޔާރަތް ހަދާފަހުރި ގޮތް، އެ މަސައްކަތްތެރިކަން، ތަފާތު މަސައްކަތްތެރިކަމެއް އެއީ. ވަރަށް ތަފާތު މަސައްކަތްތެރިކަމެއް އެއީސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގް
ޠާރިގް ވިދާޅުވީ، ތަރިކަ ހިމާޔަތް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭތޯ ބަލާ ކަމަށާއި، އެކަމަކު އެއީ އޮތް ބިރުވެރި ކަމެއް ކަމަށެވެ. އެހެން ކަމުން ތަރިކަ ހިމާޔަތްކުރުމުގެ މަސައްކަތާއި، އެ މަސައްކަތުގެ މަޤްސަދާ މެދު ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އަދި މި މަސައްކަތުގައި ދީނާ ޚިލާފުކަމެއް ކުރުމުގެ ވިސްނުމެއް ނެތް ކަން ޠާރިގް ފާހަގަ ކުރެއްވިއެވެ.
ދެން އަޅުގަނޑުމެންނަށް ވެސް އޮތް ބިރުވެރިކަމެއް އެއީ، ޒިޔާރަތެއްގެ މަސައްކަތް ކުރަން ވަދެފަ ނިކުންނަ އިރަށް މަރުގެ އިންޒާރުވެސް އާދޭ ބައެއް ފަހަރަށް. އެވަރުގެ ހާލަތެއްގަ، އެހެންވީމަ ހޭލުންތެރިކަމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން މި ކުރަނީ ކީއްކަން. ކީއްކުރަން ކުރާ ކަމެއްކަން އެބަޖެހޭ އެނގެން. އަޅުގަނޑުމެން މިކުރާ ކަމަކީ އެއްގޮތަކަށް ވެސް، އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ވެސް ނެތް އިސްލާމް ދީނާ ޚިލާފު ކަމެއް ކުރުމުގެ ވިސްނުމެއް ނެތް އަޅުގަނޑުމެންގެ. އަޅުގަނޑުމެންނަކީ ހަމަ ރަނގަޅު އިސްލާމްދީނަށް އުޅޭވޭތޯ ބަލާ ފަސްވަގުތު ނަމާދުކޮށްގެން އުޅޭ މީހުން.އާާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގް
ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ބޭނުމަކީ ކާބަފައިން ކޮށްފައި ހުރި މަސައްކަތްތަކާއި މަސައްކަތްތެރިކަމާއި، އެ ތަންތަނާ ބެހޭ ގޮތުން ދެކެވިފައި ހުރި ވާހަކަތައް އޮޅުން ފިލުވުން ކަމަށް ޠާރިގް ވިދާޅުވިއެވެ. އެ ކަންތައްތަކާއި އިހު ޒަމާނުގެ އެތައް ބައިވަރު ހަގީގަތްތަކެއް ގުޅިފައި ހުންނާނެ ކަމަށާއި، ކާބަފައިންގެ ވާހަކަތަކަށް ބަލައިގެން ކުރިމަގުގެ ކަންކަން ރާވައިފިނަމަ މުސްތަގުބަލު ހަރުދަނާ ވާނެ ކަމަށް ވިދާޅުވިއެވެ.