މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަފުތާއެއްގެ މުއްދަތަށް ސުކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 16 މެއި އިން ފެށިގެން 20 މެއި އަށް މާލޭ ސަރަހައްދުގެ ސުކޫލުތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 12ށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. އެހެންނަމަވެސް، މި މުއްދަތުގައިވެސް އިމްތިހާނުތައް ކުރިއަށްދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން މީގެ ކުރިންވެސް ވަނީ މާލޭ ސަރަހައްދުގައި ކޮވިޑް ގެ ކޭސްތައް އިތުރުވެފައިވާތީ އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް، މާލޭގެ ސްކޫލްތައް ބަންދުކޮށްފައެވެ. އަދި އެލްކޭޖީން ފެށިގެން ގްރޭޑް 12އާ ދެމެދުގެ ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް އޭރުވެސް އޮތީ ނިންމާފައެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވާ ރޭޓް ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހޯމަދުވަހު 1216 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.