އިތުރު ފަރުވާއަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.
އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ފްލައިޓު ދާ މަންޒަރު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ޓްވިޓަރ މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.
މެއި މަހުގެ ހަވަނަ ދުވަހުގެރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ ޖަރުމަނުވިލާތަށް ކަމަށް އާއިލާއިން ވެސް ހާމަކޮށްފައިވެއެވެ.
ބޭރަށް ފުރާވަޑައިގަންނަވާއިރު، ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާ ބެހޭގޮތުން އާއިލާއިން ބުނީ، ވަރަށް ބޮޑަށް ރަނގަޅު ވަމުން އަންނަ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން އެނދުން ފައިބައި ގޮނޑީގައި އިންނެވޭ ކަމުގައެވެ. ދިޔާތަކެތި ބެއްލެވުމަށް ޑޮކްޓަރުންގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވެސް މައުލޫމާތުދެއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. މި އޮރޭޝަންތަކަށް ފަހު ރައީސް ނަޝީދު ވެންޓިލޭޓަރުން ނެގީ މި ހަފުތާގެ ކުރީކޮޅުގައެވެ. އެއަށްފަހު އެމަނިކުފާނު މީހުންނާ މުއާމަލާތު ކުރައްވައި ފަރުވާއަށް ރަނގަޅަށް ރެސްޕޮންޑް ކުރައްވާކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ހަމަލާއަށްފަހު މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. މި ތިން މީހުން ވެސް މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމަށްޗަށް ގެނެވޭނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އަރިހުގައި އެވަގުތު ތިބި ސިފައިންނާއި އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.