ކ. މާލެ
|
12 މެއި 2021 | ބުދަ 08:57
މަޔަކު ކުޑަދަރިފުޅު މަސަލަސް ކުރަން އުޅުމުގެ ތެރެއިން
މަޔަކު ކުޑަދަރިފުޅު މަސަލަސް ކުރަން އުޅުމުގެ ތެރެއިން
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ ބަލިމަޑުކަން
ދެމަފިރިން މަސްތުވާތަކެތި ބޭނުން ކުރުމުން ކުޑަ ދަރިފުޅުވެސް ވީ 'ސިކު'
އާއިލީ މައްސަލަތަކުގެ ސަބަބުން މަސްތުގެ ވަބާގައި ޖެހޭ ކުދިންގެ އަދަދު އަންނަނީ ގިނަވަމުން

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ދެމަފިރިން އެކުގައި މަސްތުވާތަކެތި ބޭނުން ކުރާ ވާހަކަތަކަކީ ވެސް މިހާރު އައު ވާހަކަތަކެއް ނޫނެވެ.

މި ވާހަކައަކީ ރާއްޖެޓީވީގެ "އަނދިރީގައި" ޕްރޮގްރާމަށް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ކިޔައިދެއްވާފައިވާ ވާހަކައެކެވެ.

މިއީ މަސްތުގެ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައިވާ ދެމަފިރިއެއްގެ ވާހަކައެވެ. ލިބުނު ދަރިފުޅުގެ މުސްތަގުބަލު އުޖާލާ ކުރުމަކީ އެ ދެމަފިރިންގެ ވެސް އުންމީދެވެ. އެހެނަސް ކުރެވުނު ކުޑަކުޑަ ކަމަކުން ގެއްލުނީ ދަރިފުޅުގެ މުސްތަގުބަލެވެ. ދަރިފުޅުގެ ދިރިއުޅުން ވައްޓާލެވުނީ ބޮޑު އަނދަވަޅަކަށެވެ.

ހަމަހަށްދާ ކުޑަކުޑަ ދަރިފުޅު ބަލިވެ އުޅޭތީ ކޮންމެ ހަފުތާއަކު ޑޮކްޓަރަށް ދައްކައެވެ. އެކަމަކު ދިން ބޭހަކުން ވީކަމެއް ހަރާމެވެ. ގޮތް ހުސްވިއެވެ. ހިތާމަކުރިއެވެ. ދަރިފުޅަށް ވެގެން އުޅޭ ގޮތް ދެ މީހުންނަށްވެސް މޭރުންވީ މާފަހުންނެވެ. ވާގޮތް އެނގުނީ އެކަމާ ފުންކޮށް ވިސްނުމުންނެވެ. ދަރިފުޅަށް ވީ ގެއްލުމަކީ ދެމަފިރިން އެކުގައި ކޮޓަރިތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމުން އޭގެ ދުން ދަރިފުޅުގެ ހަށިގަނޑަށް ވާސިލްވެ ދަރިފުޅުވެސް މަސްތުގެ ހާލަތަށް ވެއްޓުމެވެ.

އެ ދެމަފިރިން ކިޔައިދިނީ ތިމަންނަ މެންނަށް މާފަހުންނޭ ވިސްނުނީ ދަރިފުޅު ބަލިވަނީ ނޫންކަން. އަހަރެމެންހެން ދަރިފުޅުވެސް މަސްތުވާތަކެއްޗަށް ސިކުވަނީ ކަން.
ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު

އަދީބު ވިދާޅުވީ މިއަދުވެސް އެދެމަފިރިން އެދުވަހު ދެއްކި ވާހަކަތަކާއި ރުއިން ފެންނަ ކަމަށެވެ. ދަރިފުޅަށް އެހެންވާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި މިގޮތަށް ކުރެވޭ ކުޑަކުޑަ ކަމެއްގެ ސަބަބުން ދަރިންގެ ހަޔާތަށް ވެސް މަސްތުގެ ހިޔަނި ވެރިވާނެ ކަމަށެވެ. ބެލެނިވެރިންނަކީ މަސްތުގެ ބަލީގެ މީހުންނަށް ވެފައި، ދަރިފުޅަށް މަސްތުގެ އަސަރު ކުރާނަމަ ހާލަތު ބޮޑުވެގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހުމަށް މެދުވެރިވާ ކަންކަމުގެ ތެރެއިން އާއިލީ މައްސަލަތަކާއި އާއިލާތެރެއިން ދިމާވާ ކަންކަން ގިނަ ކަމަށާއި، މި މުޖުތަމައަށް ބަލާއިރު އެންމެ ގިނައިން މަސްތުގެ ބަލިމަޑުކަމަށް ދަނީ އާއިލީ މައްސަލަތަކުގެ ތެރެއިން ކަމަށެވެ. މިކަމާ ބެހޭ އެންމެ އެކަށޭނެ މައުލޫމާތު ކުދިންނަށް ދެވިފައި ނުހުންނަ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. 

- ކޮމެންޓް