ކ. މާލެ
|
12 މެއި 2021 | ބުދަ 08:40
ހުކުރު މިސްކިތު މުންނާރު
ހުކުރު މިސްކިތު މުންނާރު
ރާއްޖެއެމްވީ
ގައުމީ ތަރިކަ ރައްކާތެރި ކުރުން
ތާރީޚާއި ސަގާފަތަށް މި ސަރުކާރުން އަހައްމިއްޔަތުކަން އެބަދޭ - ޠާރިގު
އެންމެ އެކަށޭނެ ގޮތަށް އަދިވެސް ތަރިކަ ހިމާޔަތެއް ނުކުރެވޭ
މިނިސްޓްރީން މަސައްކަތް ކުރާނީ ތަޖުރިބާކާރުންގެ ލަފަޔާއެކު

ކުރީގައި ތާރީޚާއި ސަގާފަތަށް ނުދޭ އަހަންމިއްޔަތުކަން މި ސަރުކާރުން ދެމުން ގެންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޠާރިގު ވިދާޅުވީ މިއަދު ތާރީޚާއި ސަގާފަތް ރަނގަޅަށް ބެލެހެއްޓޭތޯ ސުވާލު ކުރާއިރު، މިއީ ކުރީއްސުރެ ވެސް ރަނގަޅަށް ނުބެލެހެއްޓިފައިވާ ދާއިރާއެއް ކަމަށެވެ. އެހެންނަމަވެސް ކުރީގައި ކުރި މަސައްކަތަށްވުރެ ގިނަ މަސައްކަތްތައް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ޠާރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދުވެސް އެންމެ އެދެވޭ ގޮތަށް އެކަން ކުރެވެމުން ނުދާ ކަމަށާއި މިއީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ މައްސަލައެއް ކަމަށެވެ.

"މިއަދު ތާރީޚާއި ސަގާފަތް ރަނގަޅަށް ބެލެހެއްޓޭތޯ ސުވާލުކުރާއިރު މިއީ މި ރާއްޖޭގައި އެންމެ ކުރިއްސުރެ ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމެއް. އެހެންނަމަވެސް އަޅުގަނޑަށް ބުނަން ކެރޭނެ ކުރިޔާ އަޅާ ބަލާއިރު މިހާރު ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނޭ"
މުހައްމަދު ޠާރިގު / ސްޓޭޓް މިނިސްޓަރ ފޯރ އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

ޠާރިގު ވިދާޅުވީ ތާރީޚާއި ސަގާފަތުގެ ކަންކަމަށް ލޯބިކުރާ މީހުންނާއި މިކަންކަން ކައިރިން ބަލާ މީހުންވެސް މިހާރު މިނިސްޓްރީގެ މަސައްކަތްތައް ބަލައިގަންނާނެ ކަމަށާއި، އަދި ކުރިޔަށްވުރެ ރަނގަޅަށް މިކަންކަން އެބަކުރާކަން ގަބޫލުކުރާނެ ކަމަށެވެ.

މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ މިކަންކަމުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ މަޝްވަރާގެ ދަށުން ކަމަށާއި، އެކަމަކު އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ގަބޫލުކުރާ ކަމަށް ސްތޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްތަކުގައި ހުރި އާސާރީ ބިނާތަކާއި މިސްކިތްތަކަކީ ކައުންސިލަށް ބަޖެޓް ދީގެން ބަލަހައްޓާ ތަންތަން ކަމަށާއި އެ ބިނާތަކާއި މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކުން ކުރާއިރު ކުރާނީ ގައުމީ ތަރިކައާ ބެހޭ ކޮމެޓީގެ ލަފާގެ މަތިން އެތަނުގެ މީހުން ތިބެގެން ކަމަށް ވެސް ޠާރިގު ވިދާޅުވިއެވެ. ގޯސްކޮށް ކަންކަން ދާނަމަ އެކަންކަން މިނިސްޓްރީގެ ސަމާލުކަމަށް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

- ކޮމެންޓް