ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރާވަޑައިގެންނެވި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. އެ މައްސަލަ ހައިކޯޓުން ބާތިލުކޮށްފައިވަނީ އޭނާ ދިރުއުޅުއްވާ އެޑްރެސް ސާފުވެފައި ނުވާ ކަމަށާއި، މި މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެއެވެ. އެހެންކަމުން ދައުލަތުން މި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅީއެވެ.
މި މައްސަލައިގައި އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޖިނާއީ މައްސަލަތަކާއި ގުޅިގެން މީހަކަށް ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން އެ އަމުރު ލިބޭ ކޮންމެ މީހަކު އޭގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާން ވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަގްބޫލު ސަބަބެއް ނެތި ހާޒިރު ނުވެއްޖެނަމަ، ކޯޓު އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި، ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އޭގެ އިތުރުން، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްފަހު ވެސް ދިރިއުޅޭ އެޑްރެސް ސާފު ނުކުރެވުމުގެ ސަބަބުން ހާޒިރު ނުކުރެވިއްޖެނަމަ، މައްސަލަ ޕީޖީ އޮފީހަށް ފޮނުވާލުމުގެ އިޚުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
ދައުވާ ފޯމު ބާތިލުކުރި ރިޕޯޓަށް އަލިއަޅުވަމުން ސުޕްރީމް ކޯޓުން ބުނީ، އަލީ ވަހީދުގެ އެޑްރެހުގެ ގޮތުގައި ލިބިފައިވާ އެޑްރެހަށް ކޯޓު އަމުރު ފޮނުވިކަމާއި، ކޯޓާ ހިއްސާކޮށްފައިވާ ފޯނު އަދި އީމެއިލް މެދުވެރިކޮށް މުއާމަލާތު ކުރިނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާކަން އެނގޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އަލީ ވަހީދާ ޖާމިނުވެފައިވާ ފަރާތް މެދުވެރިކޮށް އެ މައުލޫމާތު ސާފު ކުރުމަށް މަސައްކަތް ކުރިނަމަވެސް، އެކަންވެސް ކާމިޔާބުވެފައި ނުވާކަން ދައުވާފޯމު ބާތިލުކުރި ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
ސުޕްރީމް ކޯޓުން ބުނީ، ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ނިންމުމަކަށް ރިއާޔަތްކޮށްފައި ކަމަށެވެ. އެގޮތުން (އިބްރާހިމް ފާތިހު ވ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް) ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޖިނާއީ ކުށެއްގެ ދައުވާ އުފުލުމަށްފަހު ދައުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއް އިިސްތިއުނާފް ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެއާއެކު، އެފަދަ ހާލަތުގައި ދައުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއް ޣައިރު ހާޒިރުގައި ނުނިންމޭނެކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން ބުނީ، އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގެ ދަށުން ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެއީ އަސާސީ ހައްގެއްކަން ފާހަގަކޮށް ސުޕްރީމް ކޯޓުން ބުނީ، އެ ހައްގު އެއްވެސް ވަރަކަށް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.
އަލީ ވަހީދުގެ ފަރާތުން މި މައްސަލައިގައި ޖާމިނުވި އަސްއަދު އަލީ (އަޑުބަރޭ) އާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބުނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވަނީ ޖާމިނުވާނެ ފަރާތެއް ހުށައަޅައި، އޭނާގެ އިގުރާރުގެ މައްޗަށްކަން އެނގޭ ކަމަށެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުއްދަ ލިބިދޭ ކަމެއްކަން ފާހަގަކޮށް ސުޕްރީމް ކޯޓުން ބުނީ، އަލީ ވަހީދު އެނބުރި ރާއްޖެ އަންނަންޖެހޭ ތާރީޚެއް ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، އޭނާއަށް ހުއްދަދިނީ ޖާމިނުވާނެ މީހަކު ދެއްކުމުން ކަމަށެވެ. އަދި ޖާމިނުވި މީހާގެ އިގުރާރުގެ މުއްދަތު ހަމަވުމުން އަލީ ވަހީދު ފުރުމަށް ކޯޓުން ދީފައިވާ މުއްދަތުވެސް ހަމަވާނެކަން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، އެ އިގުރާރާ ޚިލާފުވެއްޖެނަމަ، އަލީ ވަހީދު ފުރުމަށް ހުއްދަ ދީފައިވާ އަމުރު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައެޅުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތްކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. ސަބަބުތައް އެހެން ހުރުމާއެކު، ހައިކޯޓުން ދައުވާ ފޯމު ބާތިލުކުރީ ގާނޫނާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން، ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން، އިސްތިއުނާފް ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަކީ މާފަންނު ފުރަހަނި ގޭގެ 3 ވަނަ ފަންގިފިލާއެވެ. ނަމަވެސް އެ އެޑްރެހުން އަލީ ވަހީދަށް ކޯޓު އަމުރު ރައްދުކޮށްދެވިފައި ނުވާއިރު، އަލީ ވަހީދާ ގުޅޭނެކަމަށް ބަޔާންކޮށް ޕީޖީ އޮފީހުން ހައިކޯޓުގައި ހިއްސާކޮށްފައިވާ ފޯނު ނަންބަރާއި އީމެއިލް މެދުވެރިކޮށް ވެސް ކޯޓު އަމުރު ރައްދުކޮށްދެވިފައެއް ނުވެއެވެ. މި މައްސަލައިގައި އަލީ ވަހީދުގެ ފަރާތުން ޖާމިނުކޮށްފައިވާ އަސްހަދު އަލީ (އަޑުބަރޭ)އަށް ވެސް އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ނޭނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ.