އިންޑިއާއިން ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19ގެ އައު ވޭރިއަންޓް ސްރީލަންކާއިން ވެސް ފެނިއްޖެއެވެ.
ޑިރެކްޓަރ އޮފް ދަ ޑިޕަރޓްމެންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލަރ މެޑިސިން އޮފް ސްރީ ޖަޔަވަރުދަނަޕޫރާ ޔުނިވަރސިޓީގެ ޑރ. ޗަންދިމާ ޖީވަންދަރަ ވިދާޅުވީ އިންޑިއާގައި ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓް ލަންކާއިން ވެސް މިހާރު ފެނިފައިވާ ކަމަށެވެ. އައު ވޭރިއަންޓް ފެނިފައިވަނީ ޕޮޒިޓިވްވެ ކަރަންޓީނު ވެފައިވާ މީހެއްގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދެކުނު އެފްރިކާގައި މިހާރު ފެތުރެމުންދާ ވޭރިއަންޓް ވެސް ލަންކާއިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގައި ނުރައްކާތެރި މިންވަރަށް ބަލި ފެތުރެމުންދާތީ އެގައުމުން ލަންކާއަށް މީހުން ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް ލަންކާއިން އިތުރު ފިޔަވަޅުތައް އަޅަމުންދާއިރު، އެގައުމުން ކޮންމެ ދުވަހަކު 1،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް އެއްގައުމަކީ އިންޑިއާއެވެ. އިންޑިޔާގައި ބައިބޯ ސަރަހައްދުތަކުން ދުރުގައި ހުރި ސަރަހައްދުތަކަށް ވެސް ވައިރަސް މިހާރު އަންނަނީ ފެތުރެމުންނެވެ. ކުރިން އިންޑިޔާގެ ހުޅަނގާއި އުތުރުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އައި ނަމަވެސް މިހާރު މަންޒަރު ވަނީ އިންޑިޔާގެ ދެކުނަށް ބަދަލުވާން ފަށާފައެވެ.
ދެކުނުގެ ފަސް ސްޓޭޓެއްގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު މެއި މަހުގެ ފުރަތަމަ ހަތް ދުވަހު ވަނީ 28 އިންސައްތައިން 33 އިންސައްތައަށް މައްޗަށް ގޮސްފައެވެ.