ކޮވިޑް-19ގެ އާލަމީ ވަބާގައި ރާއްޖެ މިހާރު އޮތީ ދުވަހަކު ވެސް ނުދާފަދަ ނުރައްކާތެރި ހާލަތެއްގައެވެ. ހަތަރުވަނަ ރާޅާއެކު ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް ދަނީ ޕޮޒިޓިވްވަމުންނެވެ.
ވަކި އުމުރުފުރައެއް ނެތެއެވެ. ހުރިހާ އުމުރުފުރައެއްގެ މީހުން ބައްޔަށް ހުށަހެޅެމުންދާއިރު، އެންމެ ގިނައިން މިހާރު ޕޮޒިޓިވް ވަމުންދަނީ އަޅުގަނޑުމެންގެ ތުއްތު ކުދިންނެވެ. މީގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިންނާއި އެއްއަހަރުން ދަށުގެ ކުދިން ހިމެނެއެވެ.
ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވާ ގޮތުގައި ހަތަރު ވަނަ ރާޅާއެކު 70 ނުވަތަ 80 ކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވަމުންދެއެވެ. ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށްކަމުގައި ވިޔަސް ސީރިއަސް ނުވާނެ ކަމަށް ނުބެލެވޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ. އަދި ނަންބަރުތައް އިތުރުވަމުންދާތީ ދަރިންގެ ރައްކާތެރިކަމަށްޓަކައި ވެސް ގޭގައި މަޑު ކުރުމަށް ޑރ.ނަޒްލާ އާދޭހާއެކު އިލްތިމާސް ކުރައްވާފައިވެއެވެ.
ކޮވިޑް-19ގެ ކޭސްތައް މިދުވަސްވަރު އިތުރުވަމުންދާއިރު އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ކުޑަކުދިންގެ ނަންބަރުތައް އިތުރުވަމުންދާކަން. އެގޮތުން 70 ނޫނިއްޔާ 80 ކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވްވޭ. މިއީ 10 އަހަރުން ދަށުގެ. އަދި އެއްހަރުން ދަށުގެ ހަތަރު ކުދިން ނޫނީ ފަސްކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވޭ. ދެން ދުވަސްވީ މީހުންނަށް އަޅާބަލާއިރު ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށްކަމުގައި ވިޔަސް މިއީ ނުވާނެ ކަމެކޭ އަޅުގަނޑުމެންނަށް ނުބުނެވޭނެ. އެހެންވީމަ މިގޮތަށް ނަންބަރުތައް އިތުވަމުންދާއިރު އަޅުގަނޑުމެންގެ ދަރިންގެ ރައްކާތެރިކަމަށްޓަކައި ވެސް ގޭގައި މަޑު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ
ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާއިރު، ކޮވިޑުން ދިފާއުވުމަށް ކުދިންނަށް ދިނުމުގެ ހުއްދަ ހަމައެކަނި ލިބިފައި ވަނީ އެމެރިކާގެ ފައިޒާ ވެކްސިނަށެވެ. ނަމަވެސް އެއީ 15 އަހަރު މަތީގެ ކުދިންނަށެވެ. ރާއްޖޭގައި ވެސް މި ވެކްސިން ޖެހުމަށް ހުއްދަ ދީފައި ވަނީ ދާއިމީ ބައްޔެއް ހުންނަ، 16 އަހަރު މަތީގެ ހައި ރިސްކު ކުދިންނަށް އެކަންޏެވެ. އެހެންކަމުން މިއީ ވެސް ކުޑަކުދިންނަށް އިތުރަށް ބަލަންޖެހޭ ސަބަބެއް ނޫންތޯއެވެ.
ކޭސްތައް އިތުރުވެގެން ދިއުމާއެކު ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ބަންދުކޮށްފާއިރު، ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވެއެވެ. ޕާކުތަކާއި މައިދާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މުބާރާތްތައް ހުއްޓުވާފައިވާއިރު، ދުވާ ޓްރެކް އަދި ސްވިމިން ޓްރެކް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ރޭގަނޑު 9:00ން ފަތިހު 4:00ށް ދަނީ ކާފިއު ހިންގަމުންނެވެ.
ހަރުކަށި ފިޔަވަޅުތަކާއެކު އަދިވެސް މާލޭސިޓީގެ މަގުމަތިން މީހުން މަދެއް ނުވެއެވެ. ކުދިން ގޮވައިގެން ހަވީރު މަގުމައްޗަށް ނުކުންނަ މީހުން ވަރަށް ގިނައެވެ. މާލޭސިޓީއަށް ބަލާއިރު، އާޓިފިޝަލް ބީޗާއި، ރަސްފަންނުގެ އިތުރުން އުސްފަސްގަނޑުގައި ކުދިންތައް ގިނައެވެ. ތަފާތު އެކި ކުޅިވަރުތައް ކުޅުމުގައެވެ. މީގެ އިތުރުން ދަރިން ގޮވައިގެން ފިނިބުރު ޖަހަން ނުކުންނަ ބެލެނިވެރިން ވެސް ވަކި މަދެއް ނޫނެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޕޮޒިޓިވްވާ ގިނަ ކުދިންނަކީ ބޭރަށް ނުކުމެގެން ބައްޔަށް ހުށަހެޅޭ ކުދިންނެއް ނޫނެއެވެ. ގިނަ ފަހަރު ޕޮޒިޓިވްވެފައިވަނީ އިވެންޓަކަށް ދިއުމާއި ގުޅިގެން ނުވަތަ ގޭގައި ދިރިއުޅޭ އެހެން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މިއާ ޚިލާފަށް ކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ފިޔަވަޅުތައް އަޅާ ބެލެނިވެރިން ވަކި މަދެއް ނުވާނެއެވެ. އެކުދިންނަށް ގޭގައި ފުރިހަމަ ރައްކާތެރިކަން ދޭން ބޭނުންވާނަމަ އެގެއެއްގައި ދިރިއުޅޭ އެހެން މީހުން ވެސް މިކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ކޮންމެހެން ބޭރަށް ނުކުނަން ޖެހިގެން މެނުވީ ނުނިކުތުމަށް އިސްކަން ދޭން ޖެހެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބަން ޖެހެއެވެ. ކޮންމެ ގެއެއްގައި ވެސް ދިރިއުޅޭ ކުއްޖަކީ އެގެއެއްގެ އެންމެނާއި ގުޅިފައިވާ ކުއްޖަކަށްވާއިރު އެކުއްޖާގެ ރައްކާތެރިކަމަށް ޑރ.ނަޒްލާ އެވިދާޅުވިހެން މިހާރަށް ވުރެ ބޮޑަށް ސަމާލުވާށެވެ.