ކޮވިޑް-19ގެ ކޭހެއް ފެނުމާއި ގުޅިގެން ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހަލާތަށް ގެނެސްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މިމަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫނެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހަކާ ދިމާވެފައިވާނަމަ ނުވަތަ ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ 7252363 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ އާރްއާރްޓީ އާއި ގުޅުންހުރި ކަންކަމަށް 9988232 ނަންބަރަށް ގުޅުމަށް އެދިފައިވެއެވެ. އެހޮސްޕިޓަލުން ބުނީ މިމަސައްކަތުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑްގެ ކޭހެއް ފެނުމާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކާއި ނެރެފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ވެސް ފުވައްމުލަކުން ކޮވިޑް-19ގެ ތިން ކްލަސްޓަރއެއް ފެނުމާއި ގުޅިގެން މޮނިޓަރިންއަށް ގެނެސްފައިވެއެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވެސް އެސިޓީގައި ހިންގާފައިވެއެވެ. ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު އާއްމު ހާލަތަށް އާދެވި މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 15 ގައެވެ.
ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހަލާތަށް ގެނެސްފައިވާއިރު، 27 ރަށެއް މިހާތަނަށް މޮނިޓަރިއަށް ލާފައިވެއެވެ. އެގޮތުން ކުޅުދުއްފުށި އަދި އައްޑޫ ސިޓީ ވެސް އޮތީ މޮނިޓަރިންގައެވެ.