ކ. މާލެ
|
5 މެއި 2021 | ބުދަ 14:21
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މަޚްލޫފާއި ބައްސާމް
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މަޚްލޫފާއި ބައްސާމް
ކުޅިވަރާ ބެހޭ ވުޒާރާ
ޓާފް ދަނޑު އެޅުން
އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑު އަޅަނީ
 
ރާއްޖޭގެ 100 ރަށެއްގައި ދަނޑު އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް
 
2023-2024 ވަނަ އަހަރު ދިވެހި ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލާނެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު 16 ފުޓްބޯޅަ ދަނޑު އަޅަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މިހާތަނަށް މި ސަރުކާރުން ވަނީ 10 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ.

ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އަޅަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކޮންމެ ދަނޑަކީވެސް ފީފާ އެޕްރޫވްޑް ޓާފް ދަނޑެއް ކަމަށާއި، އަދި މި ދަނޑުތައް ވަށައިގެން ފެންސް ޖެހިގެންދާއިރު، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމާއި، ދަނޑުގައި އިލެކްޓްރޯނިކް ސްކޯ ބޯޑެއް ހަރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެފްއޭއެމުގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16 ޓާފް ދަނޑެއް އަޅާއިރު، މި ދަނޑުތައް އަޅާ ރަށްތަކަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ އެ ވުޒާރާއިން މިހާރުވެސް 75 ދަނޑެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ދަނޑުތަކުގެ މަސައްކަތް ކުރާލެއް ގިނަ ކަމުން ފާޑުކިޔުންވެސް އަންނަ ކަމަށާއި، އެކަމަކު އެންމެ ގިނައިން ރަށްރަށުން އެދޭ ކަމަކީ ފުޓްބޯޅަ ދަނޑުތައް އެޅުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެފްއޭއެމުން 16 ދަނޑު އެޅުމަށް ރަށްތައް އެކުލަވާލީ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މި ދަނޑުތަކާއެކު ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނައިރު، އެކަމުގެ ސަބަބުން ފުޓްބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރާ ގުޅިގެން އެފްއޭއެމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާފް ދަނޑުތަކެއް އެޅުމަށް ނިންމިއިރު، 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލަން އެފްއޭއެމުން ވަނީ ނިންމާފައެވެ. އަދި ލީގު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކަމަށްވެސް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
14%
53%
11%
6%
8%
8%
ކޮމެންޓް