ކ. މާލެ
|
5 މެއި 2021 | ބުދަ 07:58
ރާއްޖެ އައި ފަތުރުވެރިންތަކެއް- 2019 ވަނަ އަހަރާއި އަޅާބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން އުޅެނީ 39.6 އިންސައްތަ ދަށުގައި
ރާއްޖެ އައި ފަތުރުވެރިންތަކެއް- 2019 ވަނަ އަހަރާއި އަޅާބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން އުޅެނީ 39.6 އިންސައްތަ ދަށުގައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން
މެއި މަހު އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ ރަޝިއާއިން
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިން
ޔޫކްރެއިން އިން 5.5 އިންސައްތަ ފަތުރުވެރިން އައިސްފައިވޭ
2020 ވަނަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ފަތުރުވެރިކަން ވަނީ 2.8 އިންސައްތަ ކުރިއަރާފައި

މިހިނގާ މެއި މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ޤައުމަކަށް ރަޝިއާ ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހުގެ ފުރަތަމަ 3 ދުވަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 22 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެއީ 21 އިންސައްތަ ފަތުރުވެރިންނެވެ.

އޭގެ އިތުރުން، ޔޫކްރެއިން އިން 5.5 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، ޖަރމަނީން 5.2 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ކަޒަކިސްތާނުން 4 އިންސައްތަ ފަތުރުވެރިންނާއި، އެމެރިކާއިން 3 އިންސައްތަ ފަތުރުވެރިން އަދި ރޮމޭނިއާއާއި، ޔޫކޭއިން 2.8 އިންސައްތަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި މުއްދަތުގެ ތެރޭގައި ޗެކްރިޕަބްލިކުންނާއި، ފްރާންސުން 2.3 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑު ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަމުން ދިޔަ އެއް ޤައުމަކީ އިންޑިއާއެވެ. އަދި ކޮވިޑުގެ ކުރިންވެސް އިންޑިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ މާރކެޓެވެ. ނަމަވެސް އިންޑިއާގައިވެސް ރެކޯޑު އަދަދުތަކުން މީހުން ޕޮޒިޓިވްވެ، އެ ޤައުމުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުތައްވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާއެކު، ޤައުމުތަކުން ދަނީ އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރަމުންދާ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ފަތުރުވެރިކަން ވަނީ މިހާރު 2.8 އިންސައްތަ ކުރިއަރާފައެވެ. ނަމަވެސް 2019 ވަނަ އަހަރާއި އަޅާބަލާއިރު، ފަތުރުވެރިކަން އުޅެނީ 39.6 އިންސައްތަ ދަށުގައެވެ.

- ކޮމެންޓް