މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ ޖަލުތަކުގެ ކޮވިޑު ހާލަތަށް ބަލާއިރު ގައިދީންގެ ތެރެއިން 25 މީހުންނާއެކު 53 އޮފިސަރުން ޕޮޒިޓިވްވެފައިވާ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކޮވިޑް-19 ގެ އަދާހަމަ މައުލޫމާތުތައް ހިއްސާކޮށް ކަރެކްޝަނުން ބުނީ ގައިދީންގެ ތެރެއިން ޕޮޒިޓިވްވެފައިވާ 25 މީހުންނަކީ މާލެ ޖަލުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި މާލެ ޖަލުން 17 ގައިދީން ކަރަންޓީނުގައި ތިބިއިރު، އޮފިސަރުންގެ ތެރެއިން 4 މީހަކު ޕޮޒިޓިވްވެ، 20 މީހަކު ކަރަންޓީނުގައި އެބަތިއްބެވެ.
އެހެން ޖަލުތަކަށް ބަލާއިރު، ހުޅުމާލޭ ޖަލުން އެއްވެސް މީހަކު ޕޮޒިޓިވްވެ އަދި ކަރަންޓީން ވެފައި ނުވާއިރު، މާފުށީ ޖަލުގައި ތިބި އޮފިސަރުންގެ ތެރެއިން 31 މީހަކު ޕޮޒިޓިވްވެ، 77 މީހަކު ކަރަންޓީނު ކޮށްފައިވެއެވެ. ނަމަވެސް މާފުށީ ޖަލުން އެއްވެސް ގައިދީއަކު މިވަގުތު ޕޮޒިޓިވްވެފައެއް ނުވެއެވެ. އައްސޭރި ޖަލުންވެސް 18 އޮފިސަރަކު ޕޮޒިޓިވްވެފައިވާއިރު، އެއްވެސް ގައިދީއަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ކަރެކްޝަނުން ބުނީ، ގައިދީންގެ ތެރެއިން 25 މީހަކު ޕޮޒިޓިވްވެ، 17 މީހަކު ކަރަންޓީނުގައި ތިބިއިރު، އޮފިސަރުންގެ ތެރެއިން 53 މީހަކު ޕޮޒިޓިވްވެ، 97 މީހަކު ކަރަންޓީނުގައި ތިބި ކަމަށެވެ.
ކަރެކްޝަނިން މިހާރު ގެންދަނީ ޖަލުތަކުގައި ތިބި ހައިރިސްކް ގައިދީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އާމިނަތު ޔުސްރީން ވިދާޅުވީ، ސިއްހީ ހާލަތަށް ބަލައި ހައިރިސްކް ގައިދީން ދެނެގަތުމުގެ މަސައްކަތް ހުރިހާ ޖަލެއްގައި ވެސް ފަށާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ޑޮކްޓަރުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް ލަފާ ކުރެވޭކަމަށް ޔުސްރީން ވިދާޅުވިއެވެ.