ހެލްތް ގިނަ ޕްރޮފެޝަނަލުން ކޮވިޑް-19ށް ފޮޒިޓިވްވަމުންދާ ކަމަށާއި، ލަފާ ދޭނީ ތަންކޮޅެއް ބޮޑަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ގޯސްވެ ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ގިނަ ޚިދުމަތްތެރިން ޕޮޒިޓިވް ވަމުންދާކަން ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ބަލި މީހުންނަށް ސިއްހީ ޚިދުމަތްތެރިން ފަރުވާ ދޭން ބޭނުންވާނެ ކަމަށާއި، އަޅާނުލާ ދޫކޮށްލަން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ހުރި ގޮތުން ކޮވިޑްގެ ބައްޔާއި، އެހެނިހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ދިނުމަށް އުނދަގޫތަކާއި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ސިއްހީ ޚިދުމަތްތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށާއި ނަރުހުން 12 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ބަލީގެ ހާލަތު ގޯސްވެ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ އަބަދުވެސް ވިސްނަމުންދަނީ ހެލްތުގެ ސައިޑުން ކަމަށެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް މީހުން އެއްވެ އުޅުން ކޮންޓްރޯލް ކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ލަފައާއެކު ވެސް ވާ ގޮތަކީ އެކި ލެވަލްގައި މަޝްވަރާކޮށްފައި ރޯދަމަސްވީމަ އެއަންނަ އާއްމުންނަށް ތަކުލީފުވުމާއި އެއީ އެކިލެވަލްގައި ނަގާ ޑެސިޝަންތައް އެހުންނަނީ. އެހެންވީމަ އޭގައި ހެލްތް މީހުން ވިސްނާ ގޮތާއި ތަފާތުވާނެ. އަޅުގަނޑުމެން ހުށަހަޅާ ފިޔަވަޅު މާދަން ވެސް ބަދަލުވެދާނެ. ހުށަހަޅާނީ ވީހާ ވެސް ހެލްތްއަށް ބަލާފައި. ތަންކޮޅެއް ބޮޑަށް ބަންދުކުރަން. ނޫނިއްޔާ މީހުން އެއްވާ ގަޑިތަކުގައި އެއެއްވުން ދުރުކުރަން. އެހެންވީމަ އެގޮތަށް އެއްކޮށް ނުނިމިދާނެ. އެއީ އެކި ލެވަލްގައި އެކި މީހުން ބަލާ ގޮތް ނޫނީ އިގްތިސާދީ އިޖްތިމާއީ މިކަންތަކަށް ބަލާފަ އޭތި ތަފާތުވެދާނެ. ފައިނަލްކޮށް އަންނަ އެތި. އިތުރަށް ސަކަރާތް ވަންޏާ ކޮންމެ ގޮތެއް ވިޔަސް އެ ސްޓެޕް ނަގަންޖެހޭނޭ. އަޅުގަނޑުމެން އަބަދުވެސް ބޭނުންވާނީ ހެލްތް ކެއަރ އަށް ކޮންޕްރަމައިޒް ނުވާ ނޫނިއްޔާ އަބަދުވެސް ބޭނުންނުވާނެ ދެން ދެކޭކަށް ބަލި މީހާއަށް ޚިދުމަތް ނުދެވި ދާތަނެއް. އެއީ ކޮވިޑް ބަލި މީހެއް ނޫނީ އެހެން ބަލި މީހެއް ނަމަވެސް. އެންމެން ޕޮޒިޓިވްވާއިރު ހެލްތް ކެއަރގެ ވެސް ވަރަށް މީހުން ޕޮޒިޓިވްވެގެން ނޫނީ ކަރަންޓީންގައި އެބަތިބޭ. އެހެންވީމަ ހޮސްޕިޓަލަށް ވެސް ދަތިތަކެއް އާދޭ ޚިދުމަތް ދިނުމުގައި. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ނަންބަރުތައް ދަށްކުރަން.ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ
ރާއްޖޭގެ ހާލަތަށް އަލިއަޅުވާލައްވަމުން ޑރ.ނަޒްލާ ވިދާޅުވީ 52 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އެހެންނޫން ނަމަ ހާލަތު މިހާރު މާ ގޯސްވާނެ ކަމަށް ޑރ.ނަޒްލާ ވަނީ ލަފާކުރައްވާފައެވެ.
ދުނިޔޭގައި މިހާރު 4 ވޭރިއަންޓެއް އުޅޭއިރު އެތަނުން ބައެއް ވޭރިއަންޓުތައް ރާއްޖޭގައި ވެސް އުޅޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ވޭރިއަންޓްތަކާމެދު އޭނާ ވިދާޅުވީ ޔޫކޭ ވޭރިއެންޓާއި ބްރެޒިލް ވޭރިއެންޓް އެސްޓަރަޒެނިކާ، ކޮވިޝީލްޑް ވެކްސިނަށް މަސައްކަތް ކުރާނެ ކަމަށެވެ.