މި އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ދިވެހިން ސިއްސުވާލީ ކޮވިޑް-19ގެ ކޭސްތައް 300ށް އެރެމުންނެވެ. އެ އަދަދު މަތިވަމުންގޮސް މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 500 ފަހަނައަޅައި ގޮސްފިއެވެ. އެންމެ ފަހުން ރިޕޯޓު ކުރެވުނީ 585 ކޭހެވެ. މި ވަބާގެ ބިރުވެރިކަން ބޮޑުވެ, އެކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު އަނެއްކާވެސް ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް މި ވަނީ ނިންމާފައެވެ.
ކޮވިޑާ ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ސަރުކާރުގެ އޮފީސްތައް ވަނީ ބަންދު ކޮށްފައެވެ. އެކަމުގެ ސަބަބުން އޭރު ގިނަ ބަޔަކަށް ބޮޑެތި ގޮންޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވެ އެކަމުގެ ޝަކުވާ ކޮށްފައިވެއެވެ. ނަމަވެސް ގައުމުގެ ހާލަތު ނާޒުކުކަމުން އެގޮތަށް އަމަލު ކުރަން ސަރުކާރުން ނިންމީއެވެ. އަނެއްކާވެސް ސަރުކާރުގެ އޮފީސްތައް ބަންދު ކުރީއެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް އޮފީސްތައް ބަންދު ކޮށްފައިވާއިރު ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވެސް ނިންމާފައިވެއެވެ. ކުރިން ދިމާވި އުނދަގޫތައް އަލުން ކުރިމަތިވެ ގިނަ ބައެއްގެ ޝަކުވާތައް ވެސް އަންނާނެއެވެ. ނަމަވެސް މިއީ ހަމަ ރައްޔިތުންގެ ރައްކަލަކަށް ނިންމި ނިންމުމެއް ކަމަށް ގަބޫލުކުރަން ޖެހެެއެވެ.
އޮފީސްތަކުގެ އިތުރަށް ދެން ބަންދު ކުރީ ސްކޫލުތަކެވެ. މިހާރު ކުރިއަށްދާ އިމްތިހާންތަކުގެ ތާވަލަށް ބަދަލު ނާންނަ ގޮތަށް ސްކޫލްތައް ބަންދު ކުރި ނަމަވެސް އޭގެ ސަބަބުން ދަރިވަރުންނަށް އަނެއްކާވެސް އުނދަގޫތަކަކާ ކުރިމަތި ވާނެއެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ސްކޫލުތައް ބަންދު ކޮށްފައިވާއިރު ގިނަ ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް ފާހަގަ ކުރާ ގޮތުގައި ބައެއް ކުދިންނަށް އޮންލައިންކޮށް ކިޔަވަން ވަރަށް އުނދަގުލެވެ. ސްކޫލު މާހައުލުގައި ކިޔެވުމަށް ދޭ ޝައުގުވެރިކަމެއް އޮންލައިންކޮށް ކިޔަވާއިރު ނުދެވެއެވެ.
ބައެއް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ވެސް އޮންލައިން ކްލާސްތަކުގެ ސަބަބުން ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް މިންނެތް މަސައްކަތާއި ހިތްވަރުން ކިޔެވުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން މިހާލަތަށް ބަލައި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާއިރު ގައުމަށް ދިމާވެފައިވާ މި ހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރުމަށް ފަސްޖެހިގެން ނުވާނެއެވެ. މި ދަނޑިވަޅުގައި އެގޮތަށް ފަސްޖެހޭ ޖެހުމަކީ ކޮވިޑަށް ދެވޭ ފުރުސަތަކަށް ވެސް ވެދާނެއެވެ.