ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖެހުމުން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ދީފައިވާ ހުއްދަ 10 ދުވަހުގެ މުއްދަތަށް ހިފަހައްޓަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވީ ނަމަވެސް ރަށްރަށަށް ދަތުރުނުކުރެވޭނެ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ. މިފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ މެއި ފަސް ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ފިޔަވަޅުތައް 10 ދުވަހުގެ މުއްދަތަކަށް އަޅަން ނިންމާފައި ވީނަމަވެސް އެ މުއްދަތުގެ ތެރޭގައި ކޭސްތަކަށް އަންނަ ބަދަލަށް ބަލައި ފިޔަވަޅުތައް ދިގުދަންމާލަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައި ވަނީ އޭޕްރިލް 20 ވަނަ ދުވަހުއެވެ. އެ އުސޫލުގައިވާ ގޮތުން ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން ކޮވިޑް-19 ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކުރުމުން، ކަރަންޓީނު ވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެއެވެ.
ރާއްޖޭގެ ކޮވިޑްގެ ކޭސްތައް މީގެ ކުރިން ނުފެންނަ އަދަދަށް ފެންނަމުން ދާއިރު، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ ހަލުވި މިނެއްގައި އިތުރުވާން ފަށާފައެވެ.
ސަރުކާރުން އެންމެ ފަހުން މިއެޅި ފިޔަވަޅުތަކާއި އެކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ. މިގޮތަށް ދަތުރުކުރެވޭނީ ވެސް އެޗްޕީއޭގެ ހުއްދަ ހޯދުމަށް ފަހުގައެވެ. މާލެ ސަރަހައްދުން މިފަދަ ބޭނުމެއްގައި ރާއްޖޭގެ އެހެން ހިސާބަކަށް ދަތުރުކުރާ ނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.