ކ. މާލެ
|
3 މެއި 2021 | ހޯމަ 15:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު - މަޝްވަރާތަކަށްފަހު ރައްޔިތުންގެ ވޯޓަކާ ހަމައަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު - މަޝްވަރާތަކަށްފަހު ރައްޔިތުންގެ ވޯޓަކާ ހަމައަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ
ރައީސް އޮފީސް
ނިޒާމު ބަދަލުކުރުމަށް ފޯކަސް ނެތް
ރައީސްގެ ފޯކަސް މިވަގުތު ހުރީ ނިޒާމު ބަދަލުކުރާކަށް ނޫން - މަބްރޫކް
ރައީސްގެ ފޯކަސް މިވަގުތު ހުރީ ރާއްޖޭގެ ހާލަތު ރަގަޅު ކުރުމަށް
މަޝްވަރާއަށް މަރުހަބާ ކިޔާނެ ކަމަށް މަބްރޫކް ވިދާޅުވި

ރައީސްގެ ފޯކަސް މިވަގުތު ހުރީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކޮށް ސިޔާސީ މުސްތަގުބަލް ބައްޓަން ކުރުމަށް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ވެރިކަން ހިންކުމުގެ ނިޒާމު ބަދަލުކުރުމުގެ ބަދަލުގައި ރައީސް ބޮޑަށް ފޯކަސް ކުރައްވަނީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

މަބުރޫކު ވިދާޅުވީ ރައީސް ސާލިހަކީ މަޝްވަރާއަށް މަރުހަބާ ވިދާޅުވާނެ ބޭފުޅެއް ކަމަށާއި އެގޮތުގެ މަތިން ނިޒާމާ ގުޅޭ ގޮތުން ބޭފުޅުންތަކެއް މަޝްވަރާ ކުރައްވަން ބޭނުންވާނަމަ، އެ މަޝްވަރާތައް ބާއްވަވައި، އޭގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެފަދަ މަޝްވަރާތަކަށްފަހު، ރައްޔިތުންގެ ވޯޓަކާ ހަމައަށް ނިޒާމު ބަދަލު ކުރުމަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެއްވުމަށްވެސް ރައީސް ސާލިހު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

އެކަމަކު ރައީސްގެ ފޯކަސް މިވަގުތު ހުރީ ރާއްޖެ މިއޮތް ހާލަތުން އެއަށްވުރެ ރަގަޅު އެހެން ހާލަތަކަށް ގެންދިޔުމަށް ކަމަށް މަބުރޫކު ތަކުރާރުކޮށް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވުމަށް ރައީސް މުހައްމަދު ނަޝީދު ޝައުގުވެރިވަޑައިގަންނަވާކަން ރައީސް ސާލިހަށް ދަންނަވާފައިވަނިކޮށް، ރައީސް ސާލިހު ވަނީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.


Advertisement
- ކޮމެންޓް