ކޮވިޑް-19ށް އިތުރު 508 މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު 6:00ން ހޮނިހިރު ދުވަހުގެ ހަވީރު 6:00ށް ރާއްޖޭގެ ކޮވިޑްގެ ހާލަތު އާންމުކޮށް އެޗްޕީއެއިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މި 24 ގަޑި އިރު ތެރޭގައި 3523 ސާމްޕަލް ނަގައި ޓެސްޓް ކުރެވުނު އިރު 508 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ގިނައިން ޕޮޒިޓިވްވެފައިވަނީ މާލެ އިންނެވެ. އެގޮތުން މާލެއިން 276 މީހަކު ޕޮޒިޓިވްވި އިރު އަތޮޅު ތެރެއިން 185 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްތަކުން 32 މީހަކާއި ރިސޯޓްތަކުން 12 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހޮނިހިރު ދުވަހު ޕޮޒިޓިވްވި 508 މީހުންނާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5594ށް އަރާފައެވެ. ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 30،700 ފަހަނަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހާ ހަމައަށް 30،745 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްގެ ތެރެއިން 172 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިއީ ހުކުރު ދުވަހުގެ އަދަދަށްވުރެ 11 މީހުން އިތުރު އަދަދެކެވެ.
ވޭތުވެދިޔަ 24 ގަޑި އިރު 134 މީހުން ބަލިން ރަނގަޅުވެ ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 25،068ށް އަރާފައެވެ. ރާއްޖޭގައި 74 މީހަކު މި ބަލީގައި ނިޔާވެފައިވާ އިރު ނިމިގެން ދިޔަ އެޕްރީލް މަހުގައި އެކަނި ވެސް 6 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި އިންޑިއާ މީހެކެވެ.
މީގެ އިތުރުން މި މަހު އިންޑިއާގެ 39 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ. މި މަހުގެ ފުރަތަމަ 2 ދުވަހުގެ އަދަދުތަކަށް ބަލާއިރު 1 ވަނަ ދުވަހު ރިޕޯޓް ކުރީ 402 ޕޮޒިޓިވް ކޭހެވެ. 2 ވަނަ ދުވަހު 508 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް 300ން މަތީގައި ގުނަމުން އަންނަ އިރު ފާއިތުވި ހަފުތާގައި 4 ފަހަރެއްގެ މަތިން 400ށް ވުރެ ގިނައިން ވަނީ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައެވެ.