ކޯލިޝަން ހިފެހެއްޓުމުގެ ވިސްނުން ސަރުކާރުން އަބަދުވެސް ގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސަރުކާރު ހިންގުމަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިހާރު ކޯލިޝަނުގެ ލީޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ.
ކޯލިޝަން ހިފެހެއްޓުމުގެ ވިސްނުން އަބަދުވެސް އޮންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިހާރު ވެސް އެވިސްނުމަށް ބަދަލެއް ނާންނަ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ޚިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުން ވެސް ހާމަވެގެންދިޔަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ވެސް އެންމެ ބޮޑު މަގުސަދަކީ ޚިދުމަތްތައް ރަނގަޅު ކުރުން ކަމަށެވެ. ޚިދުމަތްތައް ބޮޑު ތަނުން ރަނގަޅުކުރަން ޖެހޭއިރު އެކަން ކުރަމަށް މަސައްކަތްތައް ރޭވަމުންދާ ކަމަށެވެ. ސަރުކާރުން ބޮޑަށް އިސްކަން ދޭނީ މި ސަރުކާރުގެ މެނިފެސްޓޯއާއި ރައީސް ސާލިހުގެ ވައުދުފުޅުތައް ފުއްދަން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައީސް މަޝްވަރާ ކުރައްވަނީ މިވަގުތު ވެސް ކޯލިޝަނުގެ ލީޑަރުންނާއެކު. ދެން މަޝްވަރާތައް ކުރިއަށްދާއިރު އެނިމެނީ ވަކި ގޮތަކަށް ކަމެއް އަޅުގަޑަށް ބުނާކަށް ނޭނގޭ. މި ސަރުކާރު އައިރުގަ ހުރިހާ ޕާޓީތަކުން އެއްބަސްވެގެން އެއްކޮށް މިކަން ކުރަންޖެހޭ ކަމެއް. މައިގަނޑު ވިސްނުމަކީ ކުރިން ވެރިކަން އޮތް ހާލަތު ބަދަލުކުރަން ޖެހޭ ކަމާއި ރާއްޖެއަށް ހަމަޖެހުން ގެންނަން ޖެހޭ ކަމާއި ވީވަރަކުން މިވަގުތު އެއްކޮށް މަސައްކަތްކޮށްގެން. އެހެން ނަމަވެސް ވަކި ޕާޓީތައް ވަކި ޕާޓީތަކެއްގެ ގޮތުގައި ހުންނަނީ ވަކި ވިސްނުމެއް ހުންނާތީ.ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު
ކެބިނެޓަށް ގެންނަ ބަދަލަށް އިޝާރާތް ކުރައްވަމުން މަބްރޫކް ވިދާޅުވީ އިތުރު ވަޒީރުން އައްޔަން ކުރުމާއި އެއް ވުޒާރާގައި ހުންނެވި ވަޒީރަކު އަނެއް ވުޒާރާއަށް ބަދަލުކުރުމަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. އެއީ ޖުމްލަ ހައްލުގެ ތެރެއިން ކުޑަ މިންވަރެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ވައުދުތައް އަވަހަށް ފުއްދައި ރައްޔިތުން ބަލައިގަންނަ މިންވަރަށް ނަތީޖާ ނެރެދިނުމަށް ގިނަ ވިސްނުންތަކެއް ރައީސް ސާލިހު ގެންގުޅުއްވާ ކަމަށެވެ. މަޝްވަރާތައް ނިމުމުގެ ކުރިން އިތުރަށް އެކަމުގައި ދެވޭނެ ތަފްސީލެއް ނެތް ކަމަށާއި މަޝްވަރާތައް ނިމުމާއެކު އެކަންކަން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގެނައީ ކޯލިޝަނަކުންނެވެ. ކޯލިޝަން އެކުލަވާލުމަށް އެއްބަސްވުމެއް ހަދާފައިވާއިރު އެއްބަސްވުމާއި އެއްގޮތަށް ކެބިނެޓަށް ވަޒީރުން އައްޔަން ކުރުމަށް އަދާލަތު ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ޖުމްހޫރީ ޕާޓީއަށް ވަކި ވަރަކަށް ސްލޮޓްތައް ދިނެވެ. ވަޒީރުންގެ އިތުރަށް ސިޔާސީ އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރެވުނީ ވެސް މިފަދައިންނެވެ.