ކ. މާލެ
|
21 ސެޕްޓެންބަރ 2021 | އަންގާރަ 22:41
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން
ރައީސް އޮފީސް
މުޅި ދުނިޔެއާ ގުޅުން ބަދަހިކުރުން
މި ސަރުކާރަކީ މުޅި ދުނިޔެއާއެކު މަސައްކަތްކުރަން ދަންނަ ސަރުކާރެއް: މަބްރޫކް
މުޅި ދުނިޔެއިން ރާއްޖެ ވަނީ ބަލައިގަނެފައި
ގައުމުތަކާއި ގުޅުން ބަދަހިކުރުމުން ރާއްޖެއަށް ލިބޭ އެހީތައް ގިނަ
ބަސް ބުނަންޖެހޭ ހާލަތުގައި ރާއްޖެއިން ބަސް ބުނާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ މުޅި ދުނިޔެއާއެކު މަސައްކަތްކުރަން ދަންނަ ސަރުކާރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ މިސަރުކާރާއެކު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ބޮޑަށް ހަރުދަނާ ވެގެންގޮސްފައިވާ ކަމަށާއި، މިހާރު މުޅި ދުނިޔެއިން ރާއްޖެ ބަލައިގަންނަ ކަމަށެވެ. ނަމަވެސް މީގެ ކުރިން ރާއްޖެ އޮތީ ވޮޗް ލިސްޓްގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement

މަބްރޫކް ވިދާޅުވީ މިއަދު ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. އެގޮތުން ގައުމަކުން ރާއްޖެއަށް ފާޑުކީ ނަމަވެސް އެގައުމަކާ އޮންނަ ގުޅުން ހީނަރުވާފަދަ ކަންކަން މިއަދު ނުކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކާއި ވަކިވެގަތުމުގެ ސިޔާސަތު ގެންގުޅޭ ގައުމެއް ނޫން ކަމަށާއި، ބަސްބުނަން ޖެހޭ ހާލަތުގައި ބަސް ބުނާ ގައުމެއް ކަމަށެވެ. މިސިޔާސަތުތަކާއެކު ދުނިޔެއިން ރާއްޖެއަށް މަރުހަބާ ކިޔާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އދ ގޮނޑިއަކަށް ރާއްޖެ ވާދަކުރީ އަލަށް ނޫން ކަމަށެވެ.

މިހާރު މިއޮތް ސަރުކާރަކީ ދުނިޔެއާއެކު މަސައްކަތް ކުރަން ދަންނަ ސަރުކާރެއް. އަޅުގަނޑުމެން އަލަކަށް ނޫން އދ.ގެ އެކިއެކި ގޮނޑިތަކަށް ކުރިމަތިލަނީއެއް. މީގެ ކުރިން ދެފަހަރެއްގެ މަތިން އަޅުގަނޑުމެން ކާމިޔާބުކޮށްފިން. މިދިޔަ ސަރުކާރުގެ ތެރޭގައި ޔުނައިޑް ނޭޝަން ސެކިއުރިޓީ ކައުންސިލަށް އަޅުގަނޑުމެން ވާދަ ކުރިން. އެތައް މިލިއަން ރުފިޔާއެއް އެކެންޕޭނުގައި ހަރަދު ވެސް ކުރެވުނު. އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވި. 40 ވަރަކަށް ވޯޓު ލިބުނީ. މިފަހަރު އަޅުގަނޑުމެންނަށް ނުލިބުނީ 40 އަކަށްވޯޓު.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

މަބްރޫކް ވިދާޅުވީ ޒަމާނުއްސުރެ ދަމަހައްޓަމުން އައި ގުޅުންތައް މިސަރުކާރުން އިއާދަކުރި ކަމަށާއި، އެކަމުގެ ފައިދާ ރާއްޖެއަށް ކުރާ ކަމަށެވެ. އެގޮތުން އެމެރިކާ، ޖަޕާނު، ކޮރެއާ، ޗައިނާ، އިންޑިއާ އަދި އެހެނިހެން ގައުމުތަކުން ވެސް ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށާއި، ގުޅުންތައް ވަރުގަދަ ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑް-19ގެ ދަތިހާލުގައި ވެސް ބޭރުގެ އެކިއެކި ގައުމުތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއީ ވަކި ގައުމަކާ އެކު އޮންނަ ގުޅުމެއް ނޫން ކަމަށާއި، އެންމެ ކުރިން ވެސް ރާއްޖޭގެ ވިސްނުމަކީ މުޅި ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓޭ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަކީ ސިޔާސަތު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކޮމަންވެލްތުން ވަކިވެ، ގަތަރު ފަދަ ގައުމުތަކާއި ގުޅުން ކަނޑާލާފައި، އެހެންގައުމުތަކާއި އޮތް ގުޅުންތައް ކުޑަކުރުމުން އެކަމުގެ ގެއްލުން ރާއްޖެއަށް ކުރިމަތިވި ކަމަށެވެ. ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަކީ ރާއްޖޭގެ މިނިވަންކަމަށް ލިބޭ އިތުރު ބާރެއްގެ ގޮތުގައި މަބްރޫކް ސިފަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް