ރަމަޟާން މަހު ރޯދަ ކުރުކުރުމުގެ ގޮތުން ދިވެހިން ތަފާތު ކަންކަންކޮށް އުޅެއެވެ. ކުޅިވަރުތައް ކުޅުމާއި ބާބާކިއުތައް ހެދުމެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކާމާއެކު ދިވެހިންގެ ތެރޭގައި ހަރުލާފައި އޮތް އެތައް އާދައެއް ނުވަތަ ކުރަމުން އައި އެތައް ކަމެއް މިހާރު އޮތީ މަޑު ޖެހިފައެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ކޭސްތައް ފެނުމާއި ގުޅިގެން މިފަދަ ގިނަ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. ނަމަވެސް ބަދަލުނުވާ އެއް ކަމެއް އެބައޮތެވެ. އިޖުތިމާއީ އެއް ހަރަކާތް ގޮތުގައި ދިވެހިން ވަރަށް ފޯރިއާ ޖޯޝުގައި ކުރަމުން އަންނަ މަސްދަތުރު ދިޔުމަށް ހުއްޓުމެއް ނާދެއެވެ.
ޚާއްސަ ގޮތެއްގައި ރޯދަ މަހު ބައެއް އާއިލާތަކުންނާއި، އޮފީސްތަކުންނާއި ރައްޓެހިން ގުރޫޕް ހަދާފައި މަސްދަތުރުތައް ދެއެވެ. ނޫނީ ދޮށި ހިފައިގެން ބަނދަރާ ދިމާލަށް ދާ މައިންނާއި ބަފައިން ވެސް ވަކި މަދެއް ނުވާނެވެ. ހަވީރުގެ ވަގުތާއި، ރޭގަނޑު ވެސް މަސް ބާނަން އުޅޭ މީހުން ތޮށި މަތިން މަދެއް ނުވެއެވެ. ވަރަށް ފޯރިއާ ޖޯޝުގައި ކުރަމުންދާ މިމަސައްކަތަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައެވެ.
އެގޮތުން މިހާރު ބައެއް އާއިލާތަކުން މަސްދަތުރުތައް ދަނީ ބާބާކިޔުއާއެކުއެވެ. ހަވީރު ދަތުރަށްފުރާއިރު ރޭގަނޑު ވަންދެން ތަފާތު އެކި ކަންކަމުގައި އުޅެއެވެ. އޭގެ ތެރޭގައި އެއްބަޔަކު މަސް ބޭނުމުގައި އުޅޭއިރު، އަނެއް ބަޔަކު ބާބަކިޔު ހެދުމުގެ މަސައްކަތުގައި އުޅެއެވެ. އަދި އަނެއް ބަޔަކު ކަރޯކޭ ޖައްސާއިރު ދޯނި މަތީގައި ވަރަށް ފޯރިގަދަ ކުޅިވަރުތައް ކުޅެއުޅެއެވެ. މިއާ ހިލާފަށް މަސްދަތުރުދާ ގުރޫޕްތަކުން ސްނޯކްލިނިންއާއެކު ފިނޮޅުތަކަށް ދާ ގުރޫޕްތައް ވެސް މަދެއް ނޫނެއެވެ. ސޭންޑް ބެންކަށް ދަތުރު ދިއުމަކީ މިދުވަސްކޮޅު އާއިލާއާ އެކު ކުރެވޭނެ އެންމެ މަޖާ ވެސް ކަންތަކެވެ.
މަސްދަތުރުތަކަށް މިއައި ބަދަލާއެކު މިހާރު އެންމެ މަސްދަތުރަކުން ހުރިހާ ކަމެއް ފުރިހަމަވެއެވެ. މިގޮތަށް ދަތުރުތައް ދިއުމަކީ ގުޅުންތައް ބަދަހިވެ ނުފެނި ގިނަދުވަސްވެފައިވާ ގާތް ރައްޓެހިންނާއި ވެސް ބައްދަލުވެވޭނެ ކަމެކެވެ. މީގެ އިތުރުން ބޯ ހަމަޖައްސާލުމާއި ބިޒީ ދިރިއުޅުމުން ދުރަށް ޖެހެލުމަށް ވެސް މަސްދަތުރު ވަރެއް ނޯންނާނެއެވެ.
ފަހަކަށް އައިސް އަންހެންވެރިން ވެސް ފާހަގަ ކުރެވިފައި ވަނީ މަސްދަތުރުތަކަށް ލޯބިޖެހިފައިވާ ބައެއްގެ ގޮތުގައެވެ. އެތައް އުފާވެރިކަމެއް މިދަތުރުން ގެނެސްދޭއިރު، ޚާއްސަކޮށް އަމިއްލައަށް މަހެއް ބޭނުމުން އެއަންނަ ފޯރިގަނޑު ވެސް ވަކި ކުޑައެއް ނުވާނެއެވެ. އަދި އެބާނާ މަސް ވަގުތުން ފިހެލައިގެން އެލިބޭ އުފާވެސް ވަރަށް ބޮޑެވެ.
އެހެންކަމުން ރަމަޟާން މަހެއް ނިމިގެންދާއިރު، މަސްދަތުރެއް އެބަ ދާން ޖެހެއެވެ. ނަމަވެސް މިހާރުގެ ހާލަތުގެ ގޮތުން އިތުރު ކަންތައްތަކަކަށް ވެސް ވިސްނަން ޖެހެއެވެ. ކޮންމެ ދުވަހަކު ގިނަ ބަޔަކު ޕޮޒިޓިވްވި ނަމަވެސް އަދިއޮތީ ވަރަށް ބޮޑެތި ލުއިތަކެއްދީފައެވެ. ކޮވިޑް-19ގެ ހާލަތުގައި މަޖާ ކުރަން ވާނީ ވެސް ރައްކާތެރިކަމާއެކުއެވެ. ރޯދާގެ ފަހުން ދީފައިވާ ލުއިތަކަށް ބަދަލު އައުމަކީ ދުރުގައި އޮތްކަމެއް ނޫނެއެވެ. އެހެންކަމުން މިހާރު މަސްދަތުރެއް ދިއުމަކީ ބުއްދިވެރިގޮތެކެވެ!