ކޮވިޑް-19ށް އިތުރު 402 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 5000ން މައްޗަށް އަރައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު 6:00ން ހޮނިހިރު ދުވަހުގެ ހަވީރު 6:00ށް ރާއްޖޭގެ ކޮވިޑްގެ ހާލަތު އާންމުކޮށް އެޗްޕީއެއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މި 24 ގަޑި އިރު ތެރޭގައި 3854 ސާމްޕަލް ނަގާ ޓެސްޓް ކުރެވުނު އިރު 402 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ގިނައިން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. އެގޮތުން އަތޮޅު ތެރެއިން 179 މީހުން ޕޮޒިޓިވްވި އިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 174 މީހުންނެވެ. މީގެ އިތުރުން ސިނާއީ މަސައްކަތް ކުރާ 2 ރަށަކުން 43 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހޮނިހިރު ދުވަހު ޕޮޒިޓިވްވި 402 ކޭސްގެ ތެރެއިން އަތޮޅު ތެރޭގެ ރަށްރަށުގެ ތަފްސީލަށް ބަލާލާއިރު، އެންމެ ގިނައިން ހޮނިހިރު ދުވަހު ޕޮޒިޓިވްވީ ޅ. ނައިފަރުންނެވެ. އެރަށުން 47 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން އއ. މަތިވެރިން 25 މީހުން، އއ. އުކުޅަހުން 20 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ސިނާއީ މަސައްކަތްކުރާ ރަށްތަކުގެ ތެރެއިން ގުޅީފަޅުން 19 އަދި ތިލަފުށިން 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހޮނިހިރު ދުވަހު ޕޮޒިޓިވްވި 402 މީހުންނާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5221ށް އަރާފައެވެ. ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 30 ހާސް ފަހަނަ އަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހާ ހަމައަށް 30،237 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްގެ ތެރެއިން 161 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިއީ ހުކުރު ދުވަހުގެ އަދަދަށްވުރެ 15 މީހުން އިތުރު އަދަދެކެވެ. ވޭތުވެދިޔަ 24 ގަޑި އިރު 160 މީހުން ބަލިން ރަނގަޅުވެ ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،934ށް އަރާފައެވެ. ރާއްޖޭގައި 73 މީހަކު މި ބަލީގައި ނިޔާވެފައިވާ އިރު، ނިމިގެން ދިޔަ އެޕްރީލް މަހުގައި އެކަނި ވެސް 6 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި އިންޑިއާ މީހެކެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް 300ން މަތީގައި ގުނަމުން އަންނަ އިރު، ފާއިތުވި ހަފްތާގައި 4 ފަހަރެއްގެ މަތިން 400ށް ވުރެ ގިނައިން ވަނީ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައެވެ.