ލީބިޔާގެ ރަށް ބޭރުން މެޑިޓެރޭނިއަން ކަނޑަށް ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ދެ ބޯޓެއް އަޑިޔަށް ދިއުމުގެ ސަބަބުން 11 ހިޖުރަވެރިން މަރުވެ، 200 އާ ގާތްކުރާ އަދަދެއްގެ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބޯޓްތަކުން ސަލާމަތްވި މީހުންނާ ހަވާލާދީ އދ ގެ އެޖެންސީތަކުން ބުނެފިއެވެ.
އަޑިޔަށްދިޔަ ފުރަތަމަ ބޯޓް 132 މީހުންނާއެކު ލީބިޔާއިން ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ކަމަށްވާއިރު ދަތުރު ފަށައިގެން މަދު ގަނޑިއިރުތަކެއްގެތެރޭގައި ބޯޓު ބަންޑުން ޖަހާލީ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ދިރިތިބި 50 މީހަކު ކަނޑުމަތިން، ޑެންމާކްގެ ކޮންޓެއިނަރު އުފުލާ ބޯޓެއް ކަމަށްވާ އެލެގްޒެންޑަރ މައެސްކްއިން ނަގާފައިވެއެވެ. ކަނޑުމަތިން ނެގި 50 މީހުން މިހާރު ވަނީ އިޓަލީގެ ދެކުނުގެ ރަށެއް ކަމަށްވާ ސިސިލީގެ ޕޮޒާލޯއަށް ގެންގޮސްފައެވެ.
އދ ގެ ޔޫއެންއެޗްސީއާރް އާއި އައިއޯމް ގެ މަންދޫބުން ހޯމަ ދުވަހު ވަނީ ކަނޑުމަތިން ސަލާމަތްވި ހިޖުރަވެރިންނާއި ބައްދަލުކޮށް އެމީހުންގެ ވާހަކަތައް އަޑުއަހާފައެވެ.
މީގެ އިތުރުން ހޯމަދުވަހު ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ހުޅަނގުން 50 ކިލޯމީޓަރު ދުރުގައި އޮންނަ ޒާވިޔާގެ ގޮނޑުދޮށަށް މަރުވެފައިވާ 10 އަންހެނަކާއި ކުޑަކުއްޖެއްގެ ހަށިގަނޑު ލައްގާފައިވާ ކަމަށް ލީބިޔާގެ ރެޑް ކްރެސެންޓުން ބުނެފައި ވެއެވެ.
ލީބިޔާގެ ރަށްބޭރުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެކަނިވެސް 6،000 ހިޖުރަވެރިން ސަލާމަތްކޮށް އިޓަލީއަށް ގެންގޮސްފައި ވެއެވެ.