2021 ވަނަ އަހަރަކީ މަސައްކަތްތެރިންނަށް އުންމީދީ އަހަރަކަށް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ނިމެންވާއިރު އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމްކުރާ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ބޭނުންވާ މުހިންމު ދެ ގާނޫނެއް މިއަހަރު ތެރޭގައި މަޖިލީހުން ފާސްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވީ 2020 ވަނަ އަހަރަކީ މަސައްކަތްތެރިންނަށް ވަރަށް އުނދަގޫ އަހަރެއްކަމަށެވެ. ނަމަވެސް މިއަހަރު ވެގެންދާނީ އުންމީދީ އަހަރަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއަހަރު ނިމެންވާއިރު މިނިމަމް ވޭޖް ކަނޑައެޅުމަށް ގާނޫނު ލާޒިމްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންނަށް ބޭނުންވާ ދެ ގާނޫނު ކަމުގައިވާ އިންޑަސްޓްރިއަލް ރިލޭޝަން އެކްޓް އަދި މަސައްކަތްކުރާ ތަނުގެ ރައްކާތެރިކަމާއި މުވައްޒަފުންގެ ސިއްހަތާ ބެހޭ ގާނޫނެއް ވުޖޫދުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާ އާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެމަތިން މިނިސްޓަރ ކަނޑައަޅަންޖެހޭނެއެވެ.
އަދި މިކަމާއި ގުޅިގެން މިނިސްޓަރ ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖު ކަނޑަޅުން ލާޒިމުވާނެގޮތަށެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް:
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
- ފަތުރުވެރިކަމުގެ ސިނާއަތް
- ކޮންސްޓްރަކްޝަން ސިނާއަތް
- ދަތުރުފަތުރުގެ ސިނާއަތް
- ސިއްހީ ހިދުމަތުގެ ދާއިރާ
- ތައުލީމީ ހިދުމަތުގެ ދާއިރާ
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
- އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
- މެރިޓައިމް، ޝިޕިން ސިނާއަތް
މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް އޮވެއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން ސަރުކާރުން ވަނީ 4000 އާއި 8000 ރުފިޔާ އާ ދެމެދުގެ އަދަދެއް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އެކަމާއި ގުޅިގެން ބޮޑެތި މަޝްވަރާތަކެއްވެސް ކޮށްފައިވެއެވެ.
މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.