ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 22:58
މާފުށި ޖަލު
މާފުށި ޖަލު
ޓްވިޓަރ
ގައިދީން ގެއަށް ބަދަލު ކުރުން
ހައި ރިސްކް ހުރިހާ ގައިދީން ވަގުތީގޮތުން ގެއަށް ބަދަލު ކުރަނީ
ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް

ހައި ރިސްކް ހުރިހާ ގައިދީން ވަގުތީގޮތުން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ކޮމިޝަނަރު ވިދާޅުވީ ގައިދީން ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވެފައިވާއިރު މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރެމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އޭޕްރިލް 28 ވަނަ ދުވަހުގެ 13:00 ޖެހުމާއި ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖަލުތަކުން ޖުމްލަ 33 އޮފިސަރުންނާއި މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން 105 މީހަކު ވަނީ ކަރަންޓީނުގައެވެ. އަދި 20 ގައިދީންނާއި ބަންދު މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 22 މީހަކު ވަނީ ކަރަންޓީނުގައެވެ.

ހުޅުމާލެ ޖަލުން އެއް އޮފިސަރަކު ޕޮޒިޓިވްވެފައިވާއިރު ދެ މީހަކު ތިބީ ކަރަންޓީނުގައެވެ. މާލެ ޖަލުން 3 އޮފިސަރުންނާއި މުވައްޒަފުން ޕޮޒިޓިވްވެފައިވާއިރު 21 މީހަކު ވަނީ ކަރަންޓީނުގައެވެ. މީގެއިތުރުން 20 ގައިދީންނާއި ބަންދު މީހުން ޕޮޒިޓިވްވެފައިވާއިރު 22 ގައިދީންނާއި ބަންދު މީހުން ވަނީ ކަރަންޓީނުގައެވެ.

މާފުށީ ޖަލުން 17 އޮފިސަރުންނާއި ގައިދީން ޕޮޒިޓިވްވެފައިވާއިރު 82 މީހަކު ވަނީ ކަރަންޓީނުގައެވެ. އައްސޭރި ޖަލުގެ 12 އޮފިސަރުންނާއި މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ މިހާރުގެ ކޮވިޑުގެ ހާލަތަށް ބަލާއިރު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

- ކޮމެންޓް