ކ. މާލެ
|
9 މެއި 2017 | އަންގާރަ 07:25
އިންތިޚާބުގެ ނަތީޖާއަށް ފަހު މެކްރޮން އުފާ ފާޅުކުރައްވަނީ
އިންތިޚާބުގެ ނަތީޖާއަށް ފަހު މެކްރޮން އުފާ ފާޅުކުރައްވަނީ
އޭޕީ
ފްރާންސްގެ ރިޔާސީ އިންތިޚާބު
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟
އިންވެސްޓްމަންޓް ބޭންކައެއްގެ ގޮތުގައި މެކްރޮން މަސައްކަތްކުރައްވާފައިވޭ
މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރު

ފްރާންސްގެ ރައީސް އެމެނުއެލް ޖީން މައިކަލް ފްރެޑްރިކްއަކީ މީގެ ހަތަރު އަހަރު ކުރިން ސިޔާސީ ބޭފުޅެއްގެ ގޮތުގައި ފްރާންސްގެ ރައްޔިތުން ދަންނަ ވެސް ބޭފުޅެއް ނޫނެވެ. 1977 ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި މެކްރޮން ސިޔާސީ ދާއިރާއަށް ހަގު ނަމަވެސް، މެއި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެ މަނިކުފާނަކީ ސިޔާސީ ދާއިރާގައި މަގްބޫލު ފަރާތެއްކަން ވަނީ ސާބިތުކޮށްފައެވެ.

ސިޔާސީ ދާއިރާގައި ތަޖުރިބާކާރު މެރިން ލެޕެންއާ ވާދަ ކުރައްވައި މެކްރޮން އިންތިޚާބު ކާމިޔާބު ކުރެއްވީ 20,753,797 (ވިހި މިލިއަން ހަތްސަތޭކަ ފަންސާސް ތިންހާސް ހަތްސަތޭކަ ނުވަދިހަ ހަތް) ވޯޓާއެކު ވޯޓްލީ މީހުންގެ 66.1 އިންސައްތަ ހޯއްދަވައިގެންނެވެ. ލެޕެން އަށް ލިބިވަޑައިގެންނެވީ 33.9 އިންސައްތައެވެ.

ކުރިން ކުރެއްވީ ކޮންކަމެއް؟

ސިވިލް ސާވަންޓެއްގެ ގޮތުގައި އުޅުއްވުމަށް ފަހު އިންވެސްޓްމަންޓް ބޭންކައެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ މެކްރޮން ވަނީ އެ ގައުމުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ފިލޯސަފީ ކިޔަވާ ވިދާޅުވުމަށް ފަހު މާސްޓަރސް ހައްދަވާފައި ވަނީ ޕަބްލިކް އެފެއަރސްގެ ދާއިރާއިންނެވެ. އަދި 2004 ވަނަ އަހަރު މާސްޓަރސް ފުރިހަމަ ކުރެއްވުމަށް ފަހު މަސައްކަތުގެ ދާއިރާގައި އުޅުއްވަނިކޮށް ރައީސް ފްރަންސުވާ އޮލާންދެގެ ސަރުކާރުގައި 2012 ވަނަ އަހަރު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރެވުނެވެ. އޭގެ ކުރިން 2006 އިން 2009 އަށް މެކްރޮން ހުންނެވީ ސޯޝަލިސްޓް ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އަދި 2015 ވަނަ އަހަރު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ފަހު އެ މަނިކުފާނު ހުންނަވަނީ މިނިވަން ބޭފުޅެއްގެ ގޮތުގައެވެ.

ސިޔާސީ ދާއިރާ އާއި ރިޔާސީ އިންތިޚާބަށް ނުކުންނެވުން

މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން އޯގަސްޓް 2016 އާ ހަމައަށް މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޑިޖިޓަލް އެފެއަރޒްގެ މަގާމު ފުރުއްވާފައި ވެއެވެ. މަގާމުން އިސްތިއުފާ ދެއްވީ 2017އިގެ ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަތުމަށެވެ.ނަމަވެސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މެކްރޮންވަނީ ކާމިޔާބު ހޯއްދަވައި ދެވަނަ ބުރަށް ވަޑައިގެންފައެވެ. އެއަށްފަހު ކަނާތުފިޔައިގެ ވިސްނުންފުޅުތަކުގެ ލެޕެންގެ މައްޗަށް ކުރި ހޯއްދަވައި ދެވަނަ ބުރުގައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައި އެގައުމުގެ އެންމެ ޒުވާން ރައީސްއަށް ވެ ވަޑައިގަތެވެ. ފްރާންސްގެ ތާރީޚުގައި އެންމެ ޒުވާން ރައީސްގެ އިތުރުން އެ މަނިކުފާނަކީ ނަޕޯލިއަންއަށްފަހު އެ ގައުމުގައި އެންމެ ޒުވާން ހެޑް އޮފް ސްޓޭޓް ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް